އެލްޒާގެ ނަޒަރު
ރީޝާއަށް ހޭލެވުނީ ކީއްވެގެން ކަމެއް ފުރަތަމަ ނޭނގުނެވެ. ފަހަރުގައި އެއީ އޭނާގެ ވަށައިގެން އޮތް ބަރުދަން ބޮޑު ހިމޭންކަމުގެ ސަބަބުން ކަމަށް ވެދާނެއެވެ. ނުވަތަ އެދުވަހު ބޮޓީކްގައި ހިނގި ކުރިމަތިލުމަށްފަހު އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
ނަމަވެސް، އެވަގުތު އޭނާއަށް ބާރު، ތޫނު އަޑެއް އިވުނެވެ. ރުޝްދާންގެ އަޑެވެ. އަނދިރިކަމުގެ ތެރޭގައި ރީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެފައިވާ ހާލު، އިރުކޮޅަކު އެއްވެސް ހަރަކާތެއް ނެތި އަޑުއަހަން އޮތެވެ. ރުޝްދާނަކީ އާންމުކޮށް އަޑުގަދަކޮށް އުޅޭ މީހެއް ނޫނެވެ. ރުޅިއަންނަ ވަގުތުވެސް އޭނާގެ ކިބައިން ފެންނާނީ ކެތްތެރިކަމާއި، ފިނިކަމާއި، މިންކުރެވިފައިވާ މަޑުމައިތިރިކަމެވެ. ނަމަވެސް މިހާރު.. މިހާރު އެ އަޑުގައި ވަނީ އެހެން ކަމެކެވެ. ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެކެވެ. އަދި އެއާއެކު.. ބާރުގަދަ އަޑެއް އިވުނެވެ. ބިއްލޫރި އެއްޗެއް ތަޅައިގެން ދިޔަ އަޑުކަން ޔަޤީނެވެ. ރީޝާ ވަގުތުން ތެދުވެ އިށީނެވެ.
ކަންބޮޑުވެފައިވާ ހާލު، އެނދުގެ އަރިމަތީގައި ހިފަހައްޓާލައިގެން އިރުކޮޅަކު އިނެވެ. އޭނާގެ ސިކުނޑީގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް އެނބުރެމުން ދިޔައެވެ. މިއީ އޭނާ ކަންކަމާ ބެހެންވީ ވަގުތެއް ނޫނެވެ. އޭނާއަކީ މިގެއަށް އާ މީހެކެވެ. އެންމެ ރަނގަޅު ގޮތަކީ ކޮޓަރީގައި މަޑުކުރުމެވެ. އެއްވެސް އަޑެއް ނީވޭ ކަމަށް ހެދިގެން އޮތުމެވެ. ނަމަވެސް ކޮންމެވެސް ކަމެއް އޭނާ އެދިމާލަށް ދަމަމުން ދިޔައެވެ. އެއީ ހަމްދަރުދީ ހެއްޔެވެ؟ ނުވަތަ އޮޅުންފިލުވަން ބޭނުންވުން ހެއްޔެވެ؟ ނޫނީ އަދި އޭނާއަށް ފަހުމްނުވާ މާ ފުން އިޙުސާސެއް ހެއްޔެވެ؟ ލަސްލަހުން ރީޝާ އެނދުން ތެދުވިއެވެ.
ފިނިވެފައިވާ ތަޅުންގަނޑުގައި އޭނާގެ ފައިތިލަ ޖެހުމާއެކު، ނިދާ ހެދުމުގެ މަތިން ރޯބެއް ލިއެވެ. އޭނާގެ ދިގު ކަޅު އިސްތަށިގަނޑު ވަނީ ނިދީގެ ސަބަބުން ކޮންމެވެސް ވަރަކަށް ހޭވިފައެވެ. ވަރަށް ސިއްރުވެރިކަމާއެކު ދޮރާ ދިމާލަށް ހިނގައިގަތެވެ. ވަރަށް ކުޑަކޮށް ދޮރު ހުޅުވާލިއެވެ. ބޭރުގައިވާ ފެންޑާ އޮތީ އަލިކޮށްފައެވެ. ފާރުތަކުގައި ހުރި ރީތި ރަންކުލައިގެ ބައްތިތަކުން މުޅިތަން ވަނީ އުންމީދީ އަލިކަމެއްގެ ތެރޭގައެވެ. އަދި އެންމެ ކަނުގައި ރުޝްދާންގެ ކޮޓަރިއެވެ. ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ.
އެތެރެއިން ވާހަކަދައްކާ އަޑު އިވެއެވެ. ރުޅިވެރިކަމާއި ޒުވާބުކުރުމެވެ.
“ކަލޭ ހީކުރީ އަހަރެންގެ ބަދަލުގައި އެހެން މީހަކު އެހާ ފަސޭހައިން ގެނެވިދާނެ ކަމަށްތަ؟”
އަންހެނެއްގެ ތޫނު އަދި ރުޅިގަދަވެފައިވާ އަޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. ރީޝާއަށް އެ އަޑު އެނގެއެވެ. އިތުރު އެއްޗެއް ވިސްނާލުމުގެ ކުރިން، ދޮރު ހުޅުވިއްޖެއެވެ. އަދި މީހަކު ބޭރަށް ނުކުތެވެ. އިސްކޮޅުން ދިގު، ރީތި، ނަމަވެސް އިންތިހާއަށް ރުޅިގަދަވެފައިވާ އަންހެނެކެވެ. އެއީ މިސް އެލްޒާއެވެ. އޭނާގެ ހަރުކަށި މިޒާޖުން މުޅި ފެންޑާ ބަދަލުކޮށްލި ކަހަލައެވެ. ހައި ހީލް ފައިވާނުގެ ތޫނު އަޑު މާބްލް ތަޅުންގަނޑުމަތީގައި ގުގުމަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ގަދަ ރުޅިވެރިކަމެވެ.
“މިތަން ސާފުކުރޭ!” ހާސްވެފައި ހުރި ޚާދިމާއަކާ ދިމާލަށް އޭނާ ހަޅޭއްލަވައިގަތެވެ. “އަދި ދެވަނަ ފަހަރަށް މިފަދަ ކަމެއް ހިނގައިގެން ނުވާނެ.” އޭނާގެ ވާހަކަދެއްކުމުގައި ވަނީ ބާރުވެރިކަމެވެ. އެއީ އެގޭގެ ވެރިމީހާ ފަދަ އިޙުސާސެކެވެ.
ރީޝާގެ ފެނުމުގެ ކުރިން، ވަރަށް އަވަހަށް ފަހަތަށް ޖެހި، ސިއްރުސިއްރުން ދޮރު ލެއްޕިއެވެ. ދޮރުގައި ބުރަކަށި ޖައްސައިގެން، ބިރުން ހުއްޓުން އަރާފައި ހުއްޓެވެ. އޭނާ އެތަނުގައި އެ ކުރަނީ ކީއް ހެއްޔެވެ؟ މި ދަންވަރު، ރުޝްދާންގެ ކޮޓަރީގައި އޭނާ އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ރީޝާގެ ހިތަށް މިވަނީ ކީއް ހެއްޔެވެ؟ މީގެ ކުރިން އިޙުސާސް ނުކުރެވޭ ފަދަ ކަމެކެވެ. ރީޝާ އެ ވިސްނުންތަކާ ދުރަށް ދިއުމަށްޓަކައި ބޯ ހޫރުވާލިއެވެ. އަދި އެނދަށް އަރައި ރަޖާ އަޅައިގެން އޮތެވެ. ނަމަވެސް އެރޭ ދެން ރީޝާއަށް ނިދޭގޮތެއް ނުވިއެވެ.
ހެނދުނު ހީވަނީ އެންމެންވެސް ނޭވާ ހިފަހައްޓާލައިގެން ތިބިހެންނެވެ. މުވައްޒަފުން އުޅެނީ ވަރަށް މަޑުމައިތިރިކޮށް އެކަކު އަނެކަކާ ހަތަރުކަޅި ހަމަކުރަންވެސް ޖެހިލުންވެފައެވެ. ކޮންމެވެސް ސިއްރުވެރި ކަމެއް މުޅި މާހައުލުގައި ފެތުރިފައިވާ ކަހަލައެވެ. ރީޝާ އޭނާގެ ދުވަހުގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ކުރަން ފެށިއެވެ. ދީނާ އޭނާއާ ހަވާލުކުރި ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދިނެވެ. ފުރަތަމަ ކޮފީ.. އިރުޝާދުތަކާ އެއްގޮތަށް، ވަރަށް ފަރުވާތެރިކަމާއެކު ހުރިހާ މިންވަރެއް ހަމަކުރިއެވެ. ކޮފީގެ މީރު ވަސް މުޅި ބަދިގެ ތެރޭގައި ފެތުރިގެން ދިޔައެވެ. ދެން ހެނދުނުގެ ނާސްތާ.. އޮމްލެޓެކެވެ. ބަލާބެލުމަށް އާދައިގެ ކަމެއްހެން ހީވިޔަސް، އެއީ ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކުރަން ޖެހޭ އެއްޗެކެވެ. ލޮނުމެދާއި ފަތްޕިލާވެލި ތަރުތީބުން ކޮށާފައި ހުއްޓެވެ. ކޮންމެ ފިޔަވަޅެއްވެސް އެޅީ އިރުޝާދާ އެއްގޮތަށެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ވަރަށް މަޑުމައިތިރިކޮށް، ހުރިހާ ކަމެއް ކޮންޓްރޯލް ކުރަމުންނެވެ. ނަމަވެސް އޭނާގެ ސިކުނޑި ވަނީ އެހެން ދިމާލެއްގައެވެ. ރޭގެ ހާދިސާއެވެ. އެލްޒާއެވެ. ތަޅައިގެން ދިޔަ ބިއްލޫރިގަނޑެވެ. ރުޝްދާނުގެ އަޑެވެ. އޭނާ ބޯ ހޫރުވާލަމުން، އަނެއްކާވެސް މަސައްކަތަށް ސަމާލުކަން ދިނެވެ. މިއީ އޭނާ ބެހެންވީ ކަންކަމެއް ނޫނެވެ. ހުރިހާ ކަމެއް ތައްޔާރުވުމުން، އޭނާގެ ތާވަލު ވަރަށް ރީތިކޮށް މޭޒުމަތީގައި ބޭއްވިއެވެ.
ކޮންމެ އެއްޗެއްވެސް ހުރީ ހުންނަންޖެހޭ އެންމެ ފުރިހަމަ ތަރުތީބުގައެވެ. ރުޝްދާން މިއަދު ލަސްވެއްޖެއެވެ. އެއީ އަމިއްލަ ޒާތުގައިވެސް ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. ރީޝާ ހިމޭނުން ހުއްޓެވެ. ދޭތެރެއަކުން ފެންޑާއާ ދިމާލަށް ބަލާލެވެއެވެ. އަދި އެންމެ ފަހުން ރުޝްދާން ފެނިއްޖެއެވެ. އެވަގުތު.. ރީޝާއަށް ނޭވާލާންވެސް ހަނދާން ނެތުނު ކަހަލައެވެ. ރުޝްދާން މިއަދު ފެންނަނީ މުޅިން ތަފާތުކޮށެވެ. ކޮންމެ ދުވަހަކު ފެންނަ ފުރިހަމަ، ތަރުތީބުވެފައިވާ ތަސްވީރު މިއަދަކު ނެތެވެ.
އޭގެ ބަދަލުގައި އޭނާ ލައިގެން ހުރީ ހުދުކުލަޔަށްދާ ލިނެން ފޮތީގެ ގަމީހެކެވެ. ގަމީހުގެ މަތީ ގޮށްތައް ހުރީ ނާޅުވައެވެ. ގަމީހުގެ އަތްކުރި ވަނީ ބޭއިޚްތިޔާރުގައި އޮޅާލެވިފައެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ހީވަނީ އެތައް ފަހަރަކު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާފައިވާހެންނެވެ.
އޭނާ ފެންނަނީ.. ވާހަކަތަކުގައި ސިފަކުރާކަހަލަ ފުރިހަމަ ގޮތަކަށެވެ. ހިތްދަމައިގަންނަ، ނުރައްކާތެރި ގޮތަކަށެވެ.
ރީޝާގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރީ ބޭނުންވާ ވަރަށްވުރެ ތަންކޮޅެއް ގިނައިރުއަށެވެ. އަދި ރުޝްދާންއަށް އެކަން ފާހަގަވިއެވެ. ކަނޑައެޅިގެން އެކަން އެނގުނެވެ.
ރުޝްދާން ރީޝާއާ ދިމާލަށް ހިނގައިގަންނަމުން، ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭނާގެ ތޫނު ނަޒަރު ރީޝާގެ ދެލޮލަށް ހުއްޓާލިއެވެ.
“ފެންނަ ފެނުން ކަމުދޭތަ، ރީޝާ؟” އޭނާ މަޑުމައިތިރި އަދި ސަމާސާ ރާގަކަށް އަހާލިއެވެ.
ރީޝާގެ ހިތް އަތުން ދޫވި ކަހަލައެވެ. “އޯ.. ބާއްޖަވެރި ހެނދުނެއް، ސަރ.” ރީޝާ ވަރަށް އަވަހަށް ބުނެލިއެވެ. “އަޅުގަނޑު.. ހަމައެކަނި.. ސަރ މިއަދު ފެންނަނީ މުޅިން ތަފާތުކޮށް.”
އެ ޖުމްލަ ބުނެވުމާއެކު، ރީޝާ ބިރުގަތެވެ. މި ބުނެވުނީ ކީކޭ ހެއްޔެވެ؟
ނަމަވެސް ރުޅިއައުމުގެ ބަދަލުގައި ރުޝްދާން ލުއިގޮތަކަށް ހިނިތުންވެލިއެވެ. މަޑުމައިތިރި، ނަމަވެސް ނުރައްކާތެރި ހިނިތުންވުމެކެވެ.
“އާންމުކޮށް އަހަރެން ފެންނަނީ ކޮން ގޮތަކަށް؟” އޭނާ ރީޝާއާ ގާތަށް ޖެހިލަމުން އަހާލިއެވެ.
ރީޝާ ކަރުތެރެ ހިއްކައިގަތެވެ. “ހަރުކަށިކޮށް.” އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމުގެ ކުރިން ތެދަށް ބުނެވުނެވެ. “ފުރިހަމަކޮށް.”
އޭނާގެ ދެލޯ ކުޑަކޮށް ބޮޑުވިއެވެ.
“އަދި މިގޮތް ފުރިހަމައެއް ނޫންތަ؟” ރުޝްދާން އަހާލިއެވެ.
ރީޝާ ބޭއިޚްތިޔާރުގައި ބޯ ހޫރުވާލިއެވެ. “ނޫން.. ތިގޮތްވެސް ވަރަށް ފުރިހަމަ.” ރީޝާ މަޑުމައިތިރިކޮށް ބުނެލިއެވެ. “ހަމައެކަނި.. ތަފާތީ.” އިރުކޮޅަކަށް އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެ ހިމޭންކަމުގެ ތެރޭގައި.. ކޮންމެވެސް ކަމެއް ބަދަލުވެއްޖެއެވެ.
ރުޝްދާން ވަރަށް ފަރުވާތެރިކަމާއެކު ރީޝާއަށް ބަލާލިއެވެ.
އޭނާގެ އާ ހެދުމެވެ.
އެ ހެދުން އޭނާއާ ގުޅޭ ގޮތެވެ.
އާދައިގެ، ނަމަވެސް ރީތި ހެދުމެކެވެ.
ރީޝާވެސް މިއަދު ފެންނަނީ ތަފާތުކޮށެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން އޮފީހަށް އައި ބިރުގަނެފައި ހުރި އަންހެން ކުއްޖާއެއް ނޫނެވެ. މިއަދު އޭނާގެ ކިބައިން ފެންނަނީ މަޑުމައިތިރިކަމެވެ. އެއީ އޭނާގެ މޫނުން ނަޒަރު ވަކިކުރަން އުނދަގޫވާ ފަދަ ކަމެކެވެ.
ރުޝްދާން ކުޑަކޮށް ފަހަތަށް ޖެހިލަމުން، އާންމުކޮށް ހުންނަ ފަރުވާކުޑަ ގޮތަށް ބަދަލުވިއެވެ. “ނާސްތާ ގެނޭ.” ބުންޏެވެ. ރުޝްދާންގެ އަޑަށް ވަނީ ކުޑަ ބަދަލެއް އައިސްފައެވެ.
*****
އޮފީހުގެ މާހައުލު މާ ރަނގަޅެއް ނޫނެވެ. ބުނެވޭނީ.. އެތަން މާ ގޯހެވެ.
ރީޝާ ހިނގަމުން ދިޔައިރު މީހުން ސިއްރުސިއްރުން ވާހަކަދައްކާ އަޑު އިވެއެވެ. އެންމެންގެ ނަޒަރު ހުރީ އޭނާއަށެވެ. ނުތަނަވަސްކަން މުޅި މާހައުލުގައި ފެތުރިފައި އޮތެވެ. ރީޝާ ވަންނައިރަށް ވާހަކަދައްކަން ތިބޭ މީހުން ހުއްޓާލައެވެ. އޭނާ ދުރަށް ދިޔުމުން އަލުން ފަށައެވެ.
“އެއީ އެމީހަކީ..”
“ގޭގައި އުޅޭ ޕީ.އޭ..”
“ތަޖުރިބާއެއް ނެތް..”
“އޭނާއަށް މި ވަޒީފާ ލިބުނީ ކިހިނެއް؟”
“ނުފޫޒެއް އޮތީ ކަންނޭނގެ..”
ނުވަތަ އެއަށްވުރެ ގޯސްކޮށް “ކޮންމެވެސް ކަމެއް ކޮށްގެން ލިބުނު ވަޒީފާއެއް..”
ރީޝާ އިސްދަށަށް ޖަހައިގެން ހުރެ، އޭނާގެ މަސައްކަތަށް ސަމާލުކަން ދިނެވެ. އެއްވެސް އަޑެއް ނީވޭ ކަމަށް ހެދިގެން އުޅުނެވެ. ނަމަވެސް ކޮންމެ ބަހެއް އޭނާގެ ހިތަށް ތީރެއް ފަދައިން ހެރެމުން ދިޔައެވެ.
އަދި ދުރު ހިސާބެއްގައި ހުރެގެން.. އެލްޒާ މި ހުރިހާ ކަމެއް ބަލަމުން ދިޔައެވެ. އޭނާގެ ރުޅިގަނޑު އަދިވެސް މަޑެއް ނުވެއެވެ. އޭގެ ބަދަލުގައި، އެ ރުޅިވެރިކަން ދިޔައީ އިތުރުވަމުންނެވެ. އޭނާއަކީ އެހާ ފަސޭހައިން ބަލި ޤަބޫލުކުރާނެ އަންހެނެއް ނޫނެވެ.
އަނބުރާ ގެއަށް އައިއިރު، ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް.. ގެއަށް ކާރެއް މަޑުކޮށްލި ވަގުތެވެ. އެއްވެސް އަންގާލުމެއް ނެތިއެވެ.
މުވައްޒަފުންގެ މެދުގައި ހާސްކަން އުފެދުނެވެ. ވާހަކަތައް ކުރިއަށްވުރެ ބާރަށް ފެތުރެން ފެށިއެވެ.
“ބޮޑު ސާހިބު އަތުވެއްޖެ.”
“ސަރގެ ކާފަ.”
ރީޝާ އިސްއުފުލާ ބަލާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ކާފަ؟
އޭނާ ސުވާލެއް ކުރުމުގެ ކުރިން، ދޮރު ހުޅުވިއްޖެއެވެ. އަދި އޭނާ އެތެރެއަށް ވަނެވެ. މަޑުމައިތިރި، ނަމަވެސް ބާރުވެރި މީހެކެވެ. އޭނާގެ ތޫނު ނަޒަރު މުޅި ކޮޓަރި ތެރެއަށް ހިންގާލިއެވެ. އަދި ރީޝާއަށް ހުއްޓުނެވެ. އެވަގުތު ހުރިހާ ކަމެއް ހުއްޓުނު ކަހަލައެވެ. ދެން ލުއި ހިނިތުންވުމެއް ފެނުނެވެ.
“ތިޔައީތަ އެބުނާ ކުއްޖާ!؟”
އާނއެކެވެ. މިއީ އެބުނާ ކުއްޖާއެވެ.
އޭނާއަށް އެ ކުއްޖެއްގެ ވާހަކަ އިވިފައިވާ ކުއްޖާއެވެ.
މިހާރުވެސް ކަންތައްތައް ހަލަބޮލިކުރަން ފަށާފައިވާ ކުއްޖާއެވެ.
އަދި އޭނާގެ ފަހަތުން.. ރުޝްދާން ފެނުނެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނެއެވެ. ސަބަބަކީ އޭނާއަށް އެނގޭތީއެވެ. މި ޒިޔާރަތަކީ.. އިއްތިފާޤުން ވީ ކަމެއް ނޫންކަން އޭނާއަށް ޔަޤީނެވެ. މި ފެށުނު ކުޅިވަރަކީ އަދި ފެށުމެވެ.
(ނުނިމޭ)
