ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭއައިގެ އެހީގައި ހަދާ ލޭގެ ޓެސްޓަކުން ބަލިޖެހުމުގެ 15 އަހަރު ކުރިން ބަލިތައް ދެނެގަނެވޭ އީޖާދެއްކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، އިންސާނާގެ ހަށިގަނޑަށް ބޮޑެތި ބަލިތައް ޖެހުމުގެ 15 އަހަރު ކުރިން އެކަން ދެނެގަނެވޭނެ އާ ލޭގެ ޓެސްޓެއް ސައިންސްވެރިން އުފައްދައިފިއެވެ.

ލަންޑަންގެ ކްއީން މޭރީ ޔުނިވަރސިޓީގެ ދިރާސާވެރިން އިސްވެ ތިބެ ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، މި އާ ޓެސްޓުގެ އެހީގައި ސްޓްރޯކް ޖެހުމާއި، ހިތް ހުއްޓުމުގެ (ހާޓް ފެއިލިއަރ) ފުރުސަތު އޮތް މިންވަރު ވަރަށް ކުރިން ދެނެގަނެވޭނެއެވެ. މީގެ އިތުރުން ހަކުރު ބަލި، ކިޑްނީގެ ބަލިތައް އަދި އެ ނޫންވެސް ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު އޮތްތޯ މި ޓެސްޓުން ދެނެގަނެއެވެ.

މި ޓެކްނޮލޮޖީ މަސައްކަތް ކުރަނީ ލޭގައި ހުންނަ އެތައް ހާސް ޕްރޮޓީންތަކެއް އޭއައި މޮޑެލްއެއް ބޭނުންކޮށްގެން ދިރާސާ ކޮށްގެންނެވެ. މި ޕްރޮޓީންތަކުގެ ތެރެއިން ވަކި ބާވަތްތަކެއްގެ ބަދަލުތައް ހުންނަ ގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި އިންސާނާގެ ސިއްހަތަށް އަތުވެދާނެ ނުރައްކާތައް މި ޓެސްޓުން އަންދާޒާކޮށްދެއެވެ.

މި ދިރާސާވެރިން ބުނާ ގޮތުގައި، މި ޓެސްޓުގެ އެންމެ ބޮޑު ބޭނުމަކީ ބަލި ޖެހުމުގެ މާ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ހޯދައިދިނުމެވެ. މިގޮތުން ކާތަކެއްޗާއި ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނެސްގެން، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ބަލިމީހާއަށާއި ޑޮކްޓަރުންނަށް އެތައް އަހަރެއްގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އީޖާދަކީ ބޭސްވެރިކަމުގެ ދާއިރާއަށް އަންނާނެ ވަރަށް ބޮޑު އިންގިލާބީ ބަދަލެއްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރެއެވެ. އަދި މީގެ ސަބަބުން ބަލިތަކަށް ދުރާލާ ފަރުވާ ދިނުމަށާއި، އިންސާނުންގެ އުމުރު ދިގުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top