ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް ލީޑް ރޯލުން ފެނިގެންދާ، ކާމިޔާބު ވެބް ސީރީޒް “އާޝްރަމް” ގެ ހަތަރުވަނަ ސީޒަންގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ.
މި ސީރީޒްގެ އުފެއްދުންތެރިން ހޮނިހިރު ދުވަހު ވަނީ ހަތަރުވަނަ ސީޒަންގެ ޝޫޓިން މުޅިން ނިމިފައިވާކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ. ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ޕްރަކާޝް ޖާ ޑައިރެކްޓްކުރާ މި ސީރީޒްގެ ހަތަރުވަނަ ސީޒަން ރަސްމީކޮށް އިޢުލާނުކޮށް ޝޫޓިން ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
“ޕްރަކާޝް ޖާ ޕިކްޗާސް” އަދި “ޕަރިވަރްތަން ޕިކްޗާސް” ގުޅިގެން ގެނެސްދޭ މި ސީރީޒް ޕްރޮޑިއުސްކުރަނީ ޕްރަކާޝް ޖާގެ ދަރިފުޅު ދިޝާ ޖާ އަދި ރިޝަބް ކޯލީއެވެ. މި ސީޒަންގެ ސިނެމަޓޯގްރަފީ ހަދާފައިވަނީ ޗަންދަން ކޯވްލީ ކަމަށްވާއިރު، އެޑިޓަރަކީ ސަންތޯޝް މަންޑަލްއެވެ.
ކުރީގެ ސީޒަންތަކުން ފެނިގެންދިޔަ މުހިންމު ތަރިން ކަމަށްވާ ޗަންދަން ރޯއި ސަންޔާލް، އަދިތީ ޕޯހަންކަރު، ތުރިދާ ޗައުދަރީ، ޕަރިނީތާ ސޭތު، ޚާން ޖަހާންގީރު ޚާން، ތަންމޭ ރަންޖަން، ސަޗިން ޝްރޮފް އަދި ޕްރީތީ ސޫދު މި ސީޒަނުންވެސް އެމީހުންގެ ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މި އާ ސީޒަނުގެ ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި ނީތޫ ޗަންދުރާ ސްރިވަސްތަވާ، ޕަންކުރީ ގިދްވާނީ، އަރްމާން ޕަރީޚް، ދްރުވް ޗައުދަރީ އަދި އަކްޝޭ އޮބެރޯއީ ހިމެނެއެވެ.
ދާދިފަހުން ތަމަޅަ ސުޕަސްޓާރު ވިޖޭގެ ފިލްމު “ޖަނަ ނަޔަގަން” އިންވެސް ފެނިގެންދިޔަ ބޮބީ ޑިއޯލް ދެން އެންމެ އަވަހަށް ފެންނާނީ އަލީ އައްބާސް ޒަފަރުގެ އަދި ނަން ހާމަނުކުރާ އާ ފިލްމަކުންނެވެ. އެ ފިލްމުގައި ބޮބީއާއެކު އަހާން ޕާންޑޭ، ޝަރްވަރީ އަދި އައިޝްވަރީ ތާކްރޭ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
“އާޝްރަމް” ގެ ހަތަރުވަނަ ސީޒަންގެ ޝޫޓިން ނިމުމާއެކު، ގިނަ އަދަދެއްގެ ބެލުންތެރިން މިހާރު އިންތިޒާރު ކުރަމުންދަނީ މި ސީރީޒް ސްޓްރީމްކުރަން ފަށާނެ ތާރީޚަކަށެވެ.
