ރާއްޖޭގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާޠިމަތު ނަހުލާގެ އާ ފިލްމު “މަޖުނޫން”ގެ ލީޑް އެކްޓަރު ނުވަތަ ބަތަލު މިއަދު ހާމަކޮށްފިއެވެ.
މި ފިލްމުގެ ބަތަލުގެ ގޮތުގައި ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި އެންމެ ގަދައަށް ފިޔަޖަހާ އެއް އެކްޓަރު އަޙްމަދު ޝާރިފްއެވެ. “މަޖުނޫން” އެއްގެ ސިފަވަންތަކަން ގެނައުމަށްޓަކައި ޝާރިފްގެ ސިފައަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.
މީގެ އިތުރުން، ގިނަ ބަޔަކު އުންމީދުކުރަމުން ދިޔަ ފަދައިން މި ފިލްމުގެ ބަތަލާއަކީ މަޤުބޫލު ތަރި މަރިޔަމް ޝިފާ ކަންވެސް ނަހުލާ ވަނީ ފިލްމު “މަޖުނޫން”ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ކަށަވަރުކޮށްދީފައެވެ. އަދި މި ފިލްމުން “ސޮރީ” ގައި މޮޅު އެކްޓިންއެއް ދައްކާލި ލާލީ އާއި އެވްލީ ވެސް ވަރަށް މުހިންމު ބޮޑު ރޯލަކުން ފެނިގެންދާނެއެވެ.
ނަހުލާ ބުނި ގޮތުގައި މި ފިލްމަށް ބަތަލަކު ހޮވުމަކީ އޭނާއަށް ކުރަން ޖެހުނު އެންމެ އުނދަގޫ މަސައްކަތެވެ. އޭގެ ސަބަބަކީ “މަޖުނޫން” އަކީ ރާއްޖެއަށް މުޅިން އާ ޖޯންރާއެއްގެ ފިލްމަކަށް ވެފައި، ފިލްމުގެ ސްކްރިޕްޓްގައިވާ ފުން އަސަރުތައް ފުރިހަމައަށް ގެނެސްދެވޭ ފަދަ ތަފާތު މޮޅު އެކްޓިންއެއް ދައްކަން ޖެހޭ ފިލްމަކަށް ވުމެވެ. އެހެންކަމުން ސްކްރިޕްޓާ އެއްވަރުގެ ހުނަރެއް ހުރި ބަތަލަކު ހޯދުމަށް ވަރަށް ބޮޑަށް ވިސްނަން ޖެހުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ފިލްމުގައި ރާއްޖޭގެ އިތުރު ގިނަ މަޤުބޫލު ތަރިންތަކެއް ވެސް ފެނިގެންދާނެއެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތްތަކަށް ޓީމު އަތޮޅުތެރެއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ.
މިއަހަރު އޮކްޓޯބަރު 26 ގައި ރިލީޒްކުރާ ކްރިސްޓަލް އެންޓަޓެއިންމެންޓްގެ “މަޖުނޫން” އަކީ ނަހުލާގެ ފިލްމުތަކަށް އިންތިޒާރުކުރާ ގިނަ ބަޔަކަށް ލިބިގެންދާނެ ވަރަށް އުންމީދީ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.
