ހެލެނބެއްޔަކީ ހޫނު ސަރަހައްދުތަކުގައި ހެދޭ، ހުތް ފޮނި ރަހައެއް އެކުލެވޭ މީރު މޭވާއެކެވެ. މިއީ ހަމައެކަނި ރަހަ މީރު މޭވާއެއް ނޫނެވެ. މީގައި ގިނަ އަދަދަކަށް ފައިބަރާއި، މުހިންމު ވިޓަމިންތަކުގެ އިތުރުން ވަރުގަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ. މި މޭވާއަކީ ހިތުގެ ދުޅަހެޔޮކަމަށާއި ހަޖަމުކުރުމުގެ ނިޒާމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް، މީގައި ހުންނަ ބައެއް ސިފަތަކުގެ ސަބަބުން، މިންގަނޑެއްގައި ބޭނުންކުރުމަށާއި ބައެއް ހާލަތްތަކުގައި ސަމާލުވުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.
ހެލެނބެލީގެ ސިއްޙީ މުހިންމު ފައިދާތައް:
1 – ދުޅަހެޔޮކަން އިތުރުކޮށްދިނުން
ހެލެނބެލީގައި ހިމެނޭ “ޕޮލިފީނޯލްސް” އަދި “ފްލޭވޮނޮއިޑްސް” ފަދަ މާއްދާތަކަކީ ހަށިގަނޑަށް ގެއްލުންދޭ ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކޮށް، ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭ އެންޓިއޮކްސިޑެންޓްތަކެކެވެ.
2 – ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދިނުން
ހެލެނބެލީގައި ހުންނަ ގިނަ އަދަދެއްގެ ފައިބަރުގެ ސަބަބުން ބަނޑުހިކުމުން ދުރުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދެއެވެ.
3 – ހިތުގެ ދުޅަހެޔޮކަން
ލޭގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް (އެލް.ޑީ.އެލް) އަދި ޓްރައިގްލިސަރައިޑްސް ދަށްކުރުމަށްވެސް ހެލެނބެލި އެހީތެރިވެދެއެވެ.
4 – ލޭގެ ހަކުރު ކޮންޓްރޯލްކުރުން
ހަކުރުބަލި ހުންނަ މީހުންނަށް ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި، ކާބޯހައިޑްރޭޓްސް ހަޖަމުވާ މިންވަރު މަޑުޖައްސާލުމުގެ ބާރުވެސް ހެލެނބެލީގައި ހުރެއެވެ.
ހެލެނބެލި ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކާއި ކުރިމަތިވެދާނެ ނުރައްކާތައް
1 – ބަނޑަށް އުނދަގޫވުން
ހެލެނބެއްޔަކީ ބަނޑުދޫކޮށްލުމުގެ ސިފައެއް ހުންނަ އެއްޗަކަށް ވުމުން، މާގިނައިން ބޭނުންކުރުމުން ބަނޑުދިޔާވުމާއި ބަނޑަށް އުނދަގޫވުން ފަދަ ކަންކަން ދިމާވެދާނެއެވެ.
2 – ލޭގެ ހަކުރު ދަށްވުން
ހެލެނބެއްޔަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗަކަށް ވުމުން، ހަކުރުބަލީގެ ބޭސް ބޭނުންކުރާ މީހުން ހެލެނބެލި ކާއިރު ލޭގެ ހަކުރު ވަރަށް ބޮޑަށް ދަށްވިޔަ ނުދިނުމަށް ސަމާލުވާންޖެހެއެވެ.
3 – މޭ އެންދުމާއި އެސިޑިޓީ
ހެލެނބެލީގައި ހުންނަ “ޓާޓަރިކް އެސިޑް”ގެ ސަބަބުން މޭ އެންދުމާއި އެސިޑް ރިފްލަކްސް ފަދަ މައްސަލަތައް ކުރިމަތިވެދާނެއެވެ.
4 – ކިޑްނީގެ މައްސަލަތައް
މީގައި “އޮކްސަލޭޓްސް” އާއި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުންނާތީ، ކިޑްނީގެ ބަލިތައް ހުންނަ މީހުންނަށް މިއީ ނުރައްކާތެރި އެއްޗަކަށް ވެދާނެއެވެ.
5 – ބޭހުގެ އަސަރަށް ބަދަލުއައުން
އެސްޕިރިން ނުވަތަ އައިބިއުޕްރޯފަން ފަދަ ބޭސްތައް ބޭނުންކުރާ މީހުން ހެލެނބެލި ބޭނުންކުރުމުގައި ސަމާލުވާންޖެހެނީ، ބޭސް ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުވެ، ނޭދެވޭ އަސަރުތައް ފެނުމުގެ ފުރުސަތު ބޮޑުވާތީއެވެ.
މުހިންމު އިރުޝާދެއް
ހެލެނބެލިން އެންމެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި، އެއްފަހަރާ ބޭނުންކުރާ މިންވަރު 15 އާއި 30 ގްރާމް (1-2 ސައިސަމުސާ) އަށްވުރެ އިތުރުނުކުރުން ބުއްދިވެރިއެވެ. އަދި އޭގެ އެސިޑްގެ ސަބަބުން ދަތުގެ އެނަމަލްއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، ހެލެނބެލި އެކުލެވޭ ކާއެއްޗެއް ބޭނުންކުރުމަށްފަހު ފެންފޮދަކުން ރަނގަޅަށް އަނގަ ދޮވެލުމަކީ މުހިންމު ކަމެކެވެ.
ހެލެނބެއްޔަކީ ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ނަމަވެސް، މިންގަނޑެއްގައި ބޭނުންކުރުމާއި، އަމިއްލަ ސިއްޙީ ހާލަތަށް ރިއާޔަތްކޮށް ބޭނުންކުރުމަކީ އޭގެއިން ލިބޭ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ކުރަންޖެހޭ ކަމެކެވެ. އޭރުން ސިއްޙީ މައްސަލަތަކުން ރައްކާތެރިވެ، މި މީރު މޭވާއިން ލިބޭ ފައިދާތައް ހާސިލުކުރެވޭނެއެވެ.
