ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި ސިކުނޑީގެ ގާބިލުކަން އިތުރުކޮށްދޭ ކަމެއް

އެކަނި ހުންނަ ވަގުތުތަކުގައި އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ ގިނަ ފަހަރަށް އެކަނިވެރިކަމުގެ ނުވަތަ ނަފްސާނީ ބަލިމަޑުކަމެއްގެ ނިޝާނެއްގެ ގޮތުގައި އާންމުން ސިފަކުރި ނަމަވެސް، އެއީ ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކޮށްދޭ ވަރަށް މުހިންމު އުކުޅެއް ކަމަށް ނަފްސާނީ އިލްމުވެރިން ހާމަކޮށްފިއެވެ.

ފަހުގެ ނަފްސާނީ ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ އިންސާނާގެ އިހުސާސްތައް ކޮންޓްރޯލް ކުރުމަށާއި، ކުރަން ހުންނަ އުނދަގޫ ކަންތައްތަކާ މެދު ފުންކޮށް ވިސްނައި ހައްލު ހޯދުމަށް ސިކުނޑިއަށް އެހީތެރިވެދޭ އެންމެ ފައިދާހުރި އެއް ގޮތެވެ. ހާއްސަކޮށް، ހިމޭނުން ހުރެގެން ވިސްނައިގެން ހައްލު ނުކުރެވޭ ފަދަ އުނދަގޫ މައްސަލަތަކުގައި އަޑުވީއްލަވައި އަމިއްލަ ނަފްސާ ވާހަކަދެއްކުމުން، އެކަމެއްގެ ހައްލު ހޯދުމަށް ސިކުނޑިއަށް ފަސޭހަވެގެންދާ ކަމަށް މާހިރުން ބުނެއެވެ.

މީގެ އިތުރުން، މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން އެކަމަކާ ބެހޭގޮތުން އަމިއްލައަށް ވާހަކަދައްކައި ފަރިތަކުރުމަކީ ވިސްނުން ތަރުތީބުކޮށްދީ، ނިންމުންތަކުގެ ސައްހަކަން އިތުރުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ކަންކަމަށް ދޭ ސަމާލުކަން ނުވަތަ ‘ފޯކަސް’ އިތުރުވެ، ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދޭ ކަމަށްވެސް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

ނަފްސާނީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، މިއީ ސިކުނޑިން މައުލޫމާތުތައް ޕްރޮސެސްކުރުމަށް ބޭނުންކުރާ ހަރުދަނާ ވަސީލަތެކެވެ. އެހެންކަމުން، އެކަނި ހުންނަ ވަގުތު އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ ބަލިމަޑުކަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި ބުއްދިވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް މިހާރުގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top