ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހިތް ސާފު ބަޔަކަށް ވަމާ!

ހިތަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު އަދި އެންމެ ނާޒުކު ގުނަވަނެވެ. މިއީ ހަމައެކަނި ލޭ ދައުރުކޮށްދޭ އާލަތެއް ނޫނެވެ. މިއީ އިންސާނާގެ އަޚްލާގާއި، ސުލޫކާއި، އޭނާގެ މުޅި ދިރިއުޅުން ބިނާވެފައިވާ މައިގަނޑު ބިންގަލެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާފަ ވަނީ, عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ» (رواه البخاري ومسلم)

​ޙަދީޘްގެ މާނަ

​ނުޢުމާން ބުން ބަޝީރު (رضي الله عنهما) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ.
“ދަންނާށެވެ! ހަމަކަށަވަރުން އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު ޞާލިޙުވެއްޖެނަމަ، މުޅި ހަށިގަނޑު ޞާލިޙުވެއްޖެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ، މުޅި ހަށިގަނޑު ފާސިދުވެއްޖެއެވެ. ދަންނާށެވެ! އެއީ ހިތެވެ.” (صحيح البخاري – 52، صحيح مسلم – 1599)

އެހެންކަމުން ހިތް ސާފުވެއްޖެ ނަމަ، އިންސާނާގެ އެހެން ހުރިހާ ގުނަވަނެއް އެކަމަށް ތަބާވެ، ސާފުވެގެންދެއެވެ. ހިތަކީ ހަށިގަނޑުގެ “ރަސްގެފާނު” ކަމަށްވާތީ، ރަސްގެފާނު ނިންމާ ނިންމުންތަކަށް އެހެން ގުނަވަންތައް ކިޔަމަންތެރިވެއެވެ. ސާފު ހިތެއްގެ ވެރިޔަކު ދައްކާނީ ރީތި، އޯގާތެރި ބަސްތަކެވެ. އޭނާގެ ދެލޮލުން ބަލާނީ ހެޔޮ އެއްޗިއްސަށެވެ. އޭނާގެ އަތާއި ފައިން ކުރާނީ މީސްތަކުންނަށް ފައިދާހުރި ހެޔޮ އަމަލުތަކެވެ. ހިތުގައި އިޚްލާޞްތެރިކަމާއި ކުލުނު އޮތުމަކީ، އިންސާނާގެ ބޭރުފުށުގެ އަމަލުތައް ރީތިވެ، މުޖުތަމައުގެ ތެރޭގައި މަގުބޫލު މީހަކަށް އޭނާ ހަދައިދޭ ކަމެކެވެ.

އޭގެ އިދިކޮޅަށް، ހިތް ނުބައިވެއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި އިންސާނާގެ މައްޗަށް ފެތުރިގެންދެއެވެ. ހަސަދަވެރިކަމާއި، ބޮޑާކަމާއި، ނަފުރަތުން ހިތް ފުރިއްޖެ ނަމަ، އެ އިންސާނާގެ އަމަލުތައް ހުންނާނީ އެ ފާސިދު މަގުންނެވެ. ދުލުން ބޭރުވާނީ ދޮގާއި، ފިތުނައާއި، ހަޑިހުތުރު ބަސްތަކެވެ. އެހެން މީހުންނަށް ގެއްލުން ދިނުމަކީ އެފަދަ މީހެއްގެ އާދަޔަކަށް ވެދެއެވެ. ހިތް ފާސިދުވުމަކީ ހަމައެކަނި ދުނިޔަވީ ގެއްލުމެއް ނޫނެވެ. އެއީ އިންސާނާގެ އާޚިރަތްވެސް ބަރުބާދުކޮށްލާ ނުރައްކާތެރި ބައްޔެކެވެ.

އިސްލާމްދީނުގައި ހިތް ސާފުކުރުމާއި ހިތްހެޔޮވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. ޤިޔާމަތް ދުވަހުން މީހަކަށް ކުރާނެ އެންމެ ބޮޑު ފައިދާއަކީ، ސަލާމަތްތެރި ހިތަކާއިގެން ﷲގެ ހަޟްރަތަށް ދިއުމެވެ. މާތްﷲ ބައްލަވާވޮޑިގެންވަނީ މީސްތަކުންގެ ސޫރައަކަށް ނުވަތަ މުދަލަކަށް ނޫނެވެ. ނަމަވެސް އެކަލާނގެ ބައްލަވަނީ މީސްތަކުންގެ ހިތްތަކަށާއި އަމަލުތަކަށެވެ. އެހެންކަމުން، ހިތަކީ ހަސަދައާއި ނަފުރަތުން ސާފުވެފައިވާ އެއްޗަކަށް ހެދުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ލާޒިމް ކަމެކެވެ.

ހިތަކީ އިންސާނާގެ މުޅި ޝަޚްޞިއްޔަތުގެ ލޯގަނޑެވެ. ހިތް ސާފުވެއްޖެ ނަމަ، މުޅި ދިރިއުޅުން އަލިވެ، އުފާވެރިކަން ލިބިގެންދާނެއެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަނެކުންނަށް ހިތްހެޔޮ، ހަސަދަވެރިކަމުން ދުރުހެލިވެފައިވާ ސާފު ހިތެއްގެ ވެރިއަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. އޭރުން މުޅި މުޖުތަމައުއަށް އަމާންކަމާއި ލޯތްބާއި ބަރަކާތް އިތުރުވެގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top