އޮސްޓްރިއާގެ ދިރާސާވެރިންނާއި އިންޖިނޭރުން ގުޅިގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ހުރަސްތައް ދެނެގަނެ، ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅުމަށް އެހީތެރިވެދޭ “އިނޯމޭކް” ނަމަކަށް ކިޔާ ސްމާޓް ބޫޓެއް ވަނީ އުފައްދާފައެވެ.
“ޓެކް-އިނޮވޭޝަން” އާއި ގްރާޒް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ގުޅިގެން އުފެއްދި މި ބޫޓުގައި ހަރުކޮށްފައިވާ އަލްޓްރާސޯނިކް ސެންސަރުތަކުގެ އެހީގައި، ކުރިމަތީގައި ހުންނަ ހުރަސްތައް އެތައް މީޓަރެއްގެ ދުރުން ދެނެގަނެވޭނެއެވެ. އަދި ހުރަހެއް ކުރިމަތިވުމުން، ބޫޓަށް އަންނަ ވައިބްރޭޝަނެއްގެ އެހީގައި ނުވަތަ އަޑުގެ އިޝާރާތަކުން، ބޫޓު ބޭނުންކުރާ ފަރާތަށް ވަގުތުން އަންގައިދެއެވެ.
މި ނިޒާމަކީ ވަރަށް އަވަހަށް އިޖާބަދޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މީގެ އިތުރުން، ސްމާޓްފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް، މީހުން ގިނަ މަގުތަކުގައާއި ގޭތެރޭގެ މާހައުލުގައި ބޭނުންކުރުމަށް އެކަށީގެންވާ ގޮތަށް ބޫޓުގެ ސެންސަރުތަކުގެ ބާރުމިން ބަދަލުކޮށްލުމުގެ ފުރުސަތު ބޭނުންކުރާ ފަރާތަށް ލިބިގެންދެއެވެ.
މި އުފެއްދުން ތައާރަފުކުރި ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އާންމުކޮށް ބޭނުންކުރާ އަސާގަނޑުގެ ބަދަލުގައި ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އަސާގަނޑާއެކު އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދީ، ތަންތަނުގައި އަޅައިގަތުމާއި ޖެހުމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ވަސީލަތެކެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގައި ފެނުމުގެ ބޮޑެތި ނުކުޅެދުންތެރިކަން ހުންނަ އެތައް މިލިއަން ބަޔަކު ދިރިއުޅެމުންދެއެވެ. އެހެންކަމުން، މިފަދަ އާދަޔާ ޚިލާފު އީޖާދުތަކަކީ މިފަދަ ފަރާތްތަކަށް އަމިއްލަ މިނިވަންކަމާއެކު ހިނގާބިނގާވެ އުޅުމަށް މަގުފަހިކޮށްދޭނެ މުހިންމު ހައްލުތަކެކެވެ.
