ދިވެހި ފިލްމީ ދާއިރާގައި އެ ޕްރޮޑަކްޝަންއެއްގެ ފިލްމަކަށް ދިވެހި ފިލްމު ބަލާ އޯޑިއަންސް އެދިއެދި ތިބޭ ފާޠިމަތު ނަހުލާގެ ފިލްމު “މަޖުނޫން”ގެ ޝޫޓިން މިއަދު ފަށައިފިއެވެ. ފިލްމުގެ ޝޫޓިން ފެށީ ރ. ފައިނު ގައެވެ.
ފިލްމުގެ ޝޫޓިން ކުރިއަށްދާ ގޮތް ބަލައިލުމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ނަހުލާއަށް މުނިއަވަސް އިން ގުޅައިލިއިރު ހުރީ މަންޒަރެއް ނެގުމަށް ތައްޔާރުވެގެން ނެވެ. ‘އެކްޝަން’ އަށް ގޮވައިލުމުގެ ކުރިން ވަަރަށް ކުރު ޖުމްލަކޮޅަކާ އެކު ފިލްމުގެ ޝޫޓިން ރ. ފައިނު ގައި ފަށާފައިގެން ކުރިއަށްދާ ކަމަށް ނަހޫ ބުންޏެވެ.
ކުޅަދާނަ ފިލްމު ޑައިރެކްޓަރު ފާޠިމަތު ނަޙްލާގެ ދިވެހި ފިލްމް “މަޖުނޫން”ގެ ލީޑުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ ފަސް ތަރިންގެ ނަން މިހާތަނަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިލްމުގެ އެންމެ މައިގަނޑު ރޯލު، މަޖުނޫނެއްގެ ކެރެކްޓަރު އަދާކުރަނީ ދިވެހި ފިލްމީ ދާއިރާގައި މިވަގުތު ތިބި ޒުވާން، ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް އެކްޓަރު އަޙްމަދު ޝާރިފް އެވެ. ފިލްމުގެ އަންހެން ލީޑް އަދާކުރަނީ ފިސާރި ހަޤީޤަތާ އެއްގޮތަށް މޮޅު އެކްޓިންއެއް ދައްކަމުން އަންނަ މަޝްހޫރު ބަޠަލާ މަރިޔަމް ޝިފާ އެވެ. ޝިފާގެ އިތުރުން ހަމަ އެހާމެ ހުނަރުވެރި ވާޝިޔާ މުޙައްމަދު (ޝިޔާ) ވެސް މި ފިލްމުގައި ފެނިގެންދާނީ ހަމަ އެހާމެ މުހިންމު، އަދި ވަރުގަދަ ރޯލަކުންނެވެ.
ފިލްމު “މަޖުނޫން”ގައި ވަރަަށް މުހިންމު ރޯލަކުން، ނަހުލާގެ ދެ ދަރިން ކަމަށްވާ ލާލީ އަދި އެވްލީ ވެސް ހަރަކާތްތެރިވެއެވެ. މި ފިލްމުގައި ޝިފާ ކުޅެނީ ލާލި އަދި އެވްލީގެ މަންމަގެ ރޯލެވެ.
މިއަހަރު އޮކްޓޯބަރު 26 ގައި ރިލީޒްކުރާ ކްރިސްޓަލް އެންޓަޓެއިންމެންޓްގެ “މަޖުނޫން” އަކީ ނަހުލާގެ ފިލްމުތަކަށް އިންތިޒާރުކުރާ ގިނަ ބަޔަކަށް ލިބިގެންދާނެ ވަރަށް އުންމީދީ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.
