ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިއްލެގެ އާ ފިލްމު “ޕާޓީ” އަށް އިތުރު ތަރިން ހޯދަން ފަށައިފި

ކާމިޔާބު ފިލްމު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައު ފިލްމު “ޕާޓީ” އަށް ބޭނުންވާ އިތުރު ތަރިން ނުވަތަ އެކްސްޓްރާސް ހޯދުމުގެ މަސައްކަތް އައިފިލްމްސް އިން ފަށައިފިއެވެ.

މި ފިލްމަށް މައިގަނޑު ގޮތެއްގައި ބޭނުންވަނީ ތަފާތު އުމުރުފުރާގެ ކާސްޓުންނެވެ. އޭގެ ތެރޭގައި 2 މަހާއި 8 މަހާ ދެމެދުގެ ތުއްތު ކުއްޖެއް، 4 އަހަރާއި 6 އަހަރާ ދެމެދުގެ އަންހެން ކުދިންގެ އިތުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ އަންހެން ކުދިން ހިމެނެއެވެ. މީގެ އިތުރުން އުމުރުން 50 އަހަރުން މަތީގެ އަންހެނުންނާއި، 18 އަހަރުން މަތީގެ ފިރިހެނުންނާއި އަންހެނުންނަށް ވެސް މި ފިލްމުން ފުރުސަތު އޮތްކަމަށް އައިފިލްމްސް އިން މައުލޫމާތުދެއެވެ.

އައިފިލްމްސް އިން ބުނި ގޮތުގައި، މި ފިލްމުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތުގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ޑައިރެކްޓް މެސެޖް (ޑީއެމް) ކުރުމަށް ވަނީ އެދިފައެވެ.

“ޕާޓީ” އަކީ އިއްލެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ، ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދާ ފިލްމެކެވެ. އިއްލެ އަކީ މީގެ ކުރިން “ބަވަތި”، “ނީނާ” އަދި “ކަޅަކި” “ލޯބިން…؟” ފަދަ ތަފާތު މޮޅު ފިލްމުތައް ދިވެހި ސިނަމާއަށް ގެނެސްދީފައިވާ ފާހަގަކޮށްލެވޭ ޑައިރެކްޓަރެކެވެ.

މި ފިލްމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، އާ ތަރިންނަށް ފުރުސަތު ހުޅުވާލުމަކީ ދިވެހި ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ތައާރަފުވެގެންދާނެ ކަމެކެވެ.

ފިލްމު “ޕާޓީ” އާމެދު އިއްލެ ބުނީ މިއީ ދިވެހި މުޖުތަމައުގައި ހުރި ކަންކަމުން އިންސްޕަޔާވެގެން ގެނެސްދޭ ފިލްމެއް ކަމަށެވެ.

އެންމެ ފަހުން އައިފިލްމްސް އިން ބެލުންތެރިންނަށް ގެނެސްދިނީ ފިލްމު “ލޯބިން…؟” އެވެ. މިވަގުތު މީޑިއާނެޓުން ބަލައިލެވެން އޮތް “ލޯބިން…؟” އަކީ ހިތްގައިމު ދިވެހި ފިލްމެއް ބަލައިލަން ބޭނުންނަމަ އެކަން ފުރިހަމަވެގެންދާނެ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top