ޕާކިންސަންސް ބައްޔަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު އިތުރުވަމުންދާ ނާރުގެ ބައްޔެވެ. ލަފާކުރެވޭ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް މި ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު 25 މިލިއަނަށް އަރާނެއެވެ. ދަނޑުވެރިކަމުގައި ސޫފާސޫފި މެރުމަށް ބޭނުންކުރާ ވިހަ ކެމިކަލްތަކަށް (ޕެސްޓިސައިޑް) ހުށަހެޅުމާއި، ހަރަކާތްތަކަށް ހުރަސްއަޅާ އަދި ފަރުވާއެއް ހޯދިފައިނުވާ ޕާކިންސަން ބައްޔާ ގުޅުން ހުރިކަން އިތުރުވަމުންދާ ދިރާސާތަކުން ދަނީ ހާމަވަމުންނެވެ.
ޓެކްސަސްގެ ރިއޯ ގްރާންޑޭ ވެލީގައި މަސައްކަތް ކުރައްވާ ސިކުނޑީގެ ބަލިތަކުގެ މާހިރެއް ކަމަށްވާ ކެލްސީ ބޭކާ، ބަލިމީހުންގެ މެޑިކަލް ރެކޯޑްތައް ދިރާސާކުރެއްވިއިރު، ޕާކިންސަން ބަލިޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. މި ބަލި އިތުރުވާ ސަބަބުތައް ހޯދުމަށް ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، ތަކުރާރުކޮށް މިފަދަ ވިހަ ކެމިކަލްތަކަށް ހުށަހެޅޭ މީހުންގެ ސިކުނޑީގައި އާދަޔާ ހިލާފު ބަދަލުތަކެއް ހުންނަ ކަމަށާއި، ސިކުނޑިއާއި ހަށިގަނޑުގެ އެހެން ގުނަވަންތަކާ ދެމެދު ކުރެވޭ މުއާމަލާތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި، މި ބަލީގެ 80 އިންސައްތައަށްވުރެ ގިނަ ކޭސްތަކަކީ ވިރާސީ (ޖެނެޓިކް) ސަބަބުތަކަށްވުރެ ބޮޑަށް، ތިމާވެށީގެ ތަފާތު ސަބަބުތަކާ ގުޅިފައިވާ ކަންކަމެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ‘ޕެރަކުއަޓް’ ނަމަކަށް ކިޔާ ކެމިކަލެކެވެ. މިއީ ގަސްކާނާގެ ގޮތުގައި ނުވަތަ ވިނަ ނައްތާލުމަށް އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ކެމިކަލް ބޭނުންކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ނުވަތަ މަސައްކަތްކުރާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ޓެކްސަސްގެ ކުރީގެ ‘ޓީޗަރ އޮފް ދަ އިޔަރ’ ލިއޯ އަރްމަންޑޯ ރާމިރޭޒް އަދި ރިޓަޔަރޑް ނަރުހެއް ކަމަށްވާ އެސްމެރަލްޑާ ގާޒާ އަކީ މި ބަލި ތަހައްމަލު ކުރަމުންދާ ދެމީހުންނެވެ. އެ ދެމީހުންވެސް ވަނީ އެމީހުންގެ ކުޑައިރުގެ ދުވަސްތަކުގައި، ގަވާއިދުން މިފަދަ ކެމިކަލްތައް ޖަހާ ދަނޑުތަކުގައި މަސައްކަތްކޮށް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ވިހަ މާއްދާތަކަށް ހުށަހެޅިފައެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މި ބަލި ޖެހުމުގެ މައިގަނޑު ސަބަބަކީ އެ ދުވަސްވަރު އެ ކެމިކަލްތަކަށް ހުށަހެޅުމެވެ.
‘ޕެރަކުއަޓް’ އާ މެދު އޮތް ބަހުސް އަދިވެސް ދަނީ ކުރިއަށެވެ. މި ބައްޔާ ގުޅޭ އެކި ޖަމިއްޔާތަކުން މި ކެމިކަލް ބޭނުންކުރުމުގައި ހަރުކަށި އުސޫލުތަކެއް ކަނޑައެޅުމަށް ބާރުއަޅަމުންދާއިރު، އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނަނީ މިކަމާ ގުޅޭގޮތުން އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.
ދުނިޔޭގެ މަދުވެގެން 74 ގައުމެއްގައި ‘ޕެރަކުއަޓް’ ބޭނުންކުރުން މަނާކޮށްފައިވީ ނަމަވެސް، އެމެރިކާގައި އަދިވެސް މި ކެމިކަލް ދަނީ ބޭނުންކުރަމުންނެވެ. މީގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ދަނޑުތަކާ ކައިރީގައި ދިރިއުޅޭ މީހުންނަށް، އުމުރުގެ ފަހުބައިގައި ޕާކިންސަން ބަލި ޖެހުމުގެ ބިރު އޮތުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
