ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ފުރިހަމަނުވި ލޯބި – އެޕިސޯޑް 03

ޝާޔާން އިސްޖަހާލަމުން ބުންޏެވެ. “އެއީ އަހަރެމެންގެ ދީން ނޫން އެހެން ދީނެއްގެ ކުއްޖެއް މަންމާ.”

އެ ޖުމްލަ ފުރިހަމަވީއިރު، މުޅި ކޮޓަރިތެރެއަށް ބޮމެއް ގޮއްވާލި ފަދައެވެ. އޭނާގެ ބައްޕަ ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. “ތިހިރީ ސިކުނޑި ހަމަޖެހިގެންތަ؟ އެހެން ދީނެއްގެ އަންހެން ކުއްޖަކު މިގޭގެ ޅީދަރިއަކަށް ހަދަން ތި ވިސްނީ ކިހިނެއް؟ ކިޔަވައިގެން އައިސް ތި ދެއްކީ މި ކަހަލަ ނަމޫނާއެއްތަ؟ މައިންބަފައިންނާއި އާއިލާ ބަދުނާމު ކުރާ ދަރިންނަށް ލަޢުނަތް ހުރި. ތިފަދަ ބޯހަމަނުޖެހޭ ކައިވެންޏެއް މަގޭ ދުނިޔޭގައި އޮއްވައެއް ނުކުރެވޭނެ.”

އެއްނޭވާއިން ބައްޕަ މި ހުރިހާ ވާހަކައެއް ދެއްކުމުން، އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

“ދަރިފުޅާ، ތިޔައީ ނުވާނެ ކަމެއް. އަހަރެމެންގެ އާއިލާއާއި ގާތްތިމާގެ މީހުން ދުވަހަކުވެސް ތި ގުޅުމެއް ގަބޫލެއް ނުކުރާނެ،” މަންމަ އޯގާތެރިކަމާއެކު އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“އެކަމަކު އަހަރެން އޭނާދެކެ ލޯބިވޭ މަންމާ،” ހިތާމައިގެ ބުރަކަމާއެކު އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

“ޒުވާން ދުވަސްވަރު ލޯތްބޭ ކިޔާފަ ތިކަހަލަ ބޯހަމަނުޖެހޭ ކަންކަން އެންމެންވެސް ކުރާނެ. ދުވަސްތައް ފާއިތުވުމުން ތިޔައީ ހަމައެކަނި މަޖާ ހަނދާނަކަށް ނޫނީ ނުވާނެ. ތި ކުޑަކުދިންގެ ވިސްނުން ސިކުނޑިން ނެރެލާ. މިއަދަށްފަހު އެ އަންހެން ކުއްޖާއާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ، އެނގިއްޖެ؟ ނޫންނަމަ އަހަރެންގެ ފަރާތުން ފެންނާނީ ވަރަށް ގޯސް މަންޒަރެއް. އަހަރެން ތިފަދަ މޮޔަ ކަމެއް ކުރާކަށް ފުރުސަތެއް ނުދޭނަން.” ޝާޔާން އެއްޗެއް ބުނަން އުޅުމުން ބައްޕަ ހަރުކަށިކަމާއެކު ހުއްޓުވިއެވެ. “ހުއްޓާލާ! ދެން މި މައުޟޫޢަށް އެއްވެސް ވާހަކައެއް ނުދެއްކޭނެ. މިކަން މިއަދު މިތަނުން މި ނިމުނީ.”

ބައްޕަ މި ކައިވެންޏަށް ދުވަހަކުވެސް އެއްބަސްނުވާނެކަން އޭނާއަށް ވިސްނުނެވެ. އެ ރެއަކީ ޝާޔާންގެ ހަޔާތުގައި އައި އެންމެ އުނދަގޫ ރެއެވެ. އާއިލާގެ ފަރާތުން ހަރުކަށި ރައްދުތަކެއް އަންނާނެކަން އޭނާއަށް އެނގުނަސް، މިހާ ވަރުގަދަ ރައްދެއް އަތުވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އަނެއްކޮޅުން ކާވޭރީގެ ކައިވެނި އޮތީ މުޅިންހެން ހަމަޖެހިފައެވެ. އެއީ މުއްސަނދި ހިންދޫ ވިޔަފާރިވެރިއެއްގެ ދަރިއަކާއެވެ. އެއީ އޭނާ ދުވަހަކުވެސް ދެކެފައިވާ މީހެއް ނޫނެވެ.

އެއްދުވަހަކު ޝާޔާންގެ މަންމަ އޭނާއަށް ވިސްނައިދެމުން ބުންޏެވެ. “ދަރިފުޅާ، ތި ގޮތްދޫނުކުރުން ދޫކޮށްލާ. ތި ކަމުގެ ސަބަބުން މުޅި އާއިލާ ސުންނާފަތިވެގެން ހިނގައިދާނެ.” މަންމަ މަޑުޖެހިލުމަށްފަހު އޭނާގެ އިސްތަށިގަނޑުގައި އަތް ފިރުމާލަމުން ބުންޏެވެ. “އެހެން ކުއްޖަކު ނަމަ ބައްޕަ ރުއްސަން އަހަރެން ހުރިހާ މަސައްކަތެއް ކުރީމުސް. އެކަމަކު ހިންދޫ ކުއްޖަކަށްޓަކާ ބައްޕަވެސް އެއްބަހެއް ނުވާނެ، އަދި އަހަރެންގެ ހިތަށްވެސް މިއީ ރަނގަޅު ކަމެއްހެން ހީއެއް ނުވޭ. މިފަދަ ގުޅުންތަކުގެ ނަތީޖާ ވަރަށް ހިތްދަތިވާނެ، އެހެންވީމާ އެކަން ހަނދާން ނައްތާލާ.”

މަންމަ ވަރަށް ގިނައިރު ވަންދެން އޭނާއަށް ވިސްނައިދީ، ދުނިޔެވީ އުނދަގޫތަކާއި އާއިލާގެ ނަމަށް އަތުވެދާނެ ހުތުރަށް ބިރުގަންނުވަން އުޅުނެވެ. ނަމަވެސް ޝާޔާންގެ ހިތް އެއްވެސް ކަމަކަށް އެއްބަހެއް ނުވިއެވެ. އޭނާއަށް ކާވޭރީ ފިޔަވައި އެހެން އެއްވެސް މީހަކު ނުފެނެއެވެ، އަދި އެހެން މީހެއްގެ ވާހަކައެއް އަޑެއްވެސް ނީވެއެވެ.

އަނެއްކޮޅުން ކާވޭރީގެ މަންމަވެސް އޭނާއަށް އެފަދަ ވާހަކަތަކެއް ދަސްކޮށްދެމުން ދިޔައެވެ. “ދަރިފުޅާ، ބައްޕަ އެދެނީ ދަރިފުޅަށް ހެޔޮ ގޮތް. އެއީ އަހަރެމެންގެ ދަރިކޮޅުގެ، ރަނގަޅު އާއިލާއެއްގެ ކުއްޖެއް. ދަރިފުޅު ތި ގޮތްދޫނުކުރުން ދޫކޮށްލަންވީ.”

ކާވޭރީގެ ހިތުގައި ކަށިތަކެއް ހެރެމުންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއްދުވަހަކު ދެމީހުން އެންމެ ފަހު ފަހަރަށް ބައްދަލުކުރުމަށް ނިންމިއެވެ. ބައްދަލުކުރަން ނިންމީ ކުރިންވެސް ބައްދަލުކުރާ ފްރިއާ ހޯލްގެ ބަގީޗާގައެވެ. ކާވޭރީ އެތަނަށް ދިޔައިރު އޭނާގެ ދެލޯ ވަނީ ރޮއެރޮއެ ދުޅަވެފައެވެ. ދެމީހުން ވަރަށް ގިނައިރު ވަންދެން އެއްޗެއް ނުބުނެ ތިއްބެވެ. ވަށައިގެން ކުޑަކުދިން ކުޅެމުން ދިޔައިރު، ދޫނިސޫފާސޫފި ގޮވަމުން ދިޔައެވެ. ނަމަވެސް އެ ދެމީހުންގެ ދުނިޔެ އޮތީ ފަޅުވެފައެވެ.

އެންމެ ފަހުން ކާވޭރީ މަޑުމަޑުން ބުންޏެވެ. “ދެން އަހަރެމެން ދެމީހުން އެކަކު އަނެކަކު ހަނދާން ނައްތާލަންވީތަ؟”

ޝާޔާން އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. “އެއް ގޮތް އެބައޮތް، ކާވޭރީއަށް ކެރޭނެ ނަމަ؟”

އޭނާ ސިހިފައި އެހިއެވެ. “ތި ދައްކަނީ ފިލައިގެން ދާ ވާހަކަތަ؟”

“އެނޫން އެހެން އެއްވެސް ގޮތެއް ނެތް،” ޝާޔާން ހިތްވަރުލާފައި ބުންޏެވެ.

އެއީ ވަރަށް ނުރައްކާތެރި ޚިޔާލެކެވެ. އާއިލާއާ ދެކޮޅުވުމާއި، މުޖުތަމައާ ކުރިމަތިލުމާއި، ނޭނގޭ މުސްތަގުބަލެއް؛ ހުރިހާ އެއްޗެއް ގުރުބާން ކުރަން ޖެހެއެވެ. ކާވޭރީ ބިރުގަތެވެ. “އަހަރެންގެ މައިންބަފައިންނަށް އޮޅުވައެއް ނުލެވޭނެ ޝާޔާން!”

“އެހެންވިއްޔާ ބުނޭ ތި ވީ ލޯތްބަކީ ހަމައެކަނި ވަގުތު ހޭދަކޮށްލަން ކުރި ކަމެކޭ،” ޝާޔާންގެ އަޑު މެދުކެނޑުނެވެ.

“އަންހެން ކުދިންގެ މަޖުބޫރުކަން ވިސްނޭނެ ނަމަ ކިހާ ރަނގަޅުވީސް. މިއީ އަންހެން ކުއްޖަކަށް ނިންމަން ކިހާ އުނދަގޫ ނިންމުމެއްކަން ކަލެއަކަށް ނޭނގޭނެ،” ކާވޭރީގެ ލޮލުން ކަރުނަ އޮހިގަތެވެ. ލޯތްބާއި ޒިންމާއާ ދެމެދު ތާށިވެފައި ހުރި އެ އަންހެން ކުއްޖާއަށް އެއްވެސް ގޮތެއް ނުނިންމުނެވެ.

“އެހެންވީމާ އަހަރެން ބަލަންވީ ބައްޕަ ހަމަޖެއްސި ކައިވެންޏަށް އާނބަަސް ބުނީ ކަމަށްތަ؟” އޭނާ ހަނު ހުއްޓެވެ. އޭނާގެ އަތުގައި އެއްވެސް ޖަވާބެއް ނެތެވެ.

އެއްދުވަހުގެ ހަވީރު ކުއްލިއަކަށް ކާވޭރީގެ ފޯނެއް އައެވެ. އޭނާ ޝާޔާން ގާތު ބުނީ ކައިވެނީގެ ތާރީޚު ކަނޑައަޅާފައިވާ ކަމަށެވެ. އެ ޚަބަރު ވެގެން ދިޔައީ ބޮޑު ސިހުމަކަށެވެ. ޝާޔާންއަށް ގިނައިރު ވަންދެން އެއްޗެއް ނުބުނެވުނެވެ. ދެން ބުނީ އެންމެ ވާހަކައެކެވެ. “ތިޔައީ ހަމަ ހަގީގަތުގައިވެސް އެހެން މީހެއްގެ މީހަކަށް ވަނީތަ؟”

އަނެއްކޮޅުން އޮތީ ފުން ހިމޭންކަމެކެވެ. ޝާޔާން އަދިވެސް އުންމީދު ކުރީ ކާވޭރީ އޭނާގެ މައިންބަފައިންގެ ކުރިމަތީގައި އިސްނުޖަހާނެ ކަމަށެވެ. ގިނައިރު ވަންދެން ހިމޭނުން ހުރުމަށްފަހު ކާވޭރީ ކުރު މެސެޖެއް ފޮނުވިއެވެ.

“ރަނގަޅު، އަހަރެން ތައްޔާރު.”

އެ ވާހަކަ އަޑުއަހަން އޭނާ ކެތްމަދުވެފައި ހުރި ނަމަވެސް، ކާވޭރީގެ އެ ނިންމުމުން އޭނާއަށް އުންމީދު ކުރި ފަދަ އުފަލެއް ނުލިބުނެވެ. ޖެހިގެން އައި ދުވަސްތަކުގައި އޭނާ ތައްޔާރުވީ އެއްވެސް މީހަކަށް ނޭނގޭނެހެންނެވެ. ކޮންމެވެސް ވަރަކަށް ފައިސާ އެއްކޮށް، ރަހުމަތްތެރިއެއްގެ އެހީތެރިކަމަށް އެދި، ރޭވުމެއް ރޭވިއެވެ. އެއީ އެ ދެމީހުންގެ ތަގުދީރު ބަދަލުކޮށްލަފާނެ ރޭވުމެކެވެ. ޝާޔާން މި ހުރިހާ ވާހަކައެއް ކާވޭރީއަށް ކިޔައިދިނުމުން އޭނާ ބިރުން ރޫރޫއަޅަން ފެށިއެވެ.

“މިއީ ވަރަށް ނުރައްކާތެރި ކަމެއް ޝާޔާން! އަދި އެއްފަހަރު ވިސްނާލާ، އަހަރެންގެ އާއިލާއިން އަބަދުވެސް އަހަރެމެންގެ ފަހަތުން އަންނާނެ. އަހަރެމެން ކޮންމެ ތަނަކަށް ދިޔަޔަސް، ފެންނަ ފެނުމަށް އެނގޭނެ އަހަރެމެންނަކީ ގެއިން ފިލައިގެން އުޅޭ ބައެއްކަން.”

“އަހަރެމެން ދެމީހުން އެކަކު އަނެކަކާ ނުލައި މުޅި އުމުރު ހޭދަކުރުމަކީވެސް ނުރައްކާތެރި ކަމެއް.”

“އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިނުވިނަމަ ކިހާ ރަނގަޅުވީސް،” ކާވޭރީ ރޮމުން ބުންޏެވެ. “ކަލޭ ތި ހީކުރާހާ އަހަރެން ހިތްވަރުގަދައެއް ނޫނޭ.”

“ލޯތްބަކީ އިންސާނާ ހިތްވަރުގަދަ ކޮށްދޭ އެއްޗެއް،” ޝާޔާން އޭނާއަށް ހިތްވަރު ދިނެވެ.

“ނޭނގެ ކީއްވެގެން ކަމެއް އަހަރެން މިހާ ބިރުގަންނަނީ، ހީވަނީ އަހަރެންގެ މަރުގެ ލިޔުމުގަ ސޮއިކުރަން އުޅޭހެން. ޝާޔާން! އަހަރެން އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކަލެއާ މެދު ބިރުގަނޭ. މިއީ އާދައިގެ ނިންމުމެއް ނޫން. ހިންދޫ އަންހެން ކުއްޖަކު މުސްލިމް ފިރިހެން ކުއްޖަކާއެކު ފިލައިގެން ދިއުން… ނޫސްތަކާއި ޓީވީތަކުން މި ޚަބަރު ފެތުރުމުން މުޅި ދުނިޔެ އަހަރެމެންގެ ދުޝްމަނުންނަށް ވާނެ. އެއްވެސް މީހަކު އަހަރެމެންނަށް ހިޔާވަހިކަމެއް ނުދޭނެ، ދެން އަހަރެމެން ކުރާނީ ކީއް؟ ދާނީ ކޮންތާކަށް؟”

“ތިކަހަލަ ވާހަކަ ނުދައްކާ، ތި ވާހަކަތަކުން އަހަރެން ބަލިކަށިވަނީ. އަހަރެމެން ދެމީހުން ނިންމި ނިންމުމުގައި ސާބިތުވެ ތިބެންވާނެ،” ޝާޔާން އަޒުމާއެކު ބުންޏެވެ. ކާވޭރީއަށް ވަގުތީ ގޮތުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުނު ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ވަސްވާސްތަކުން ހިތް ފުރިގެން ދިޔައެވެ.

ދެމީހުން ނިންމީ ކުރިއަށް އޮތް ހުކުރު ދުވަހު މި ރަށް ދޫކޮށް ދުރު ތަނަކަށް ގޮސް އާ ދިރިއުޅުމެއް ފަށާށެވެ. ނަމަވެސް އެ “ދާނެ ތަނެއް” އޮތީ އެމީހުންގެ ކަރުގައި ތާށިވެފައިވާ ކަށްޓެއް ފަދައިންނެވެ. ހަގީގަތުގައި ދާނީ ކޮންތާކަށް ހެއްޔެވެ؟
☆☆☆

ޝާޔާން ޔުނިވާސިޓީއަށް ދިއުން ހުއްޓާލިއެވެ. އޭނާ ޔުނިވާސިޓީއަށް ދާން ގެއިން ނިކުމެފައި، އެކި ތަންތަނުގައި އިށީނދެގެން ވަގުތު ހޭދަކުރުމަށްފަހު އެނބުރި ގެއަށް އާދެއެވެ. ފުން ވިސްނުންތަކުން އޭނާގެ ސިކުނޑީގައި މަރުތޭލަކުން ޖަހާ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ރަހުމަތްތެރިންނާ ބައްދަލުކުރުން މަދުކޮށް، ގިނަ ވަގުތު އަމިއްލަ ކޮޓަރީގައި ބަންދުވެގެން ހުންނަން ފެށިއެވެ. އޭނާގެ ހާލަތު ފެނިފައި މަންމަ ކަންބޮޑުވާން ފެށިއެވެ.

“ދަރިފުޅާ، ކިހިނެއްވީ؟ ރަނގަޅަށް ކެއުމެއް ބުއިމެއް ނެތި، ނިދުމެއްވެސް ނެތް.”

އޭނާ ބުނަނީ އެންމެ ވާހަކައެކެވެ. “ކަމެއް ނުވޭ މަންމާ، ހަމަ ބަލިވެ އުޅެނީ.” ނަމަވެސް މަންމަގެ ހިތަށް އެނގެއެވެ، ދަރިފުޅަށް ޖެހިފައިވަނީ ލޯބީގެ ބައްޔެއްކަމެވެ. މަންމަ ބޭނުންވިޔަސް އެ ބައްޔަށް ފަރުވާއެއް ދެވޭކަށް ނެތެވެ. އެހެންކަމުން މަންމައަށް ކުރެވެން އޮތްހާވެސް ކަމަކީ ދަރިފުޅަށްޓަކައި މެދުނުކެނޑި ދުޢާކުރުމެވެ.

ކާވޭރީގެ މައިންބަފައިން އަދިވެސް އޭނާގެ ކަންކަން ވަރަށް ގާތުން ބަލަމުން ދިޔައެވެ. ގޭގެ ކޮންމެ ކޮޓަރިއަކު ކެމެރާ ހަރުކޮށް، މުވައްޒަފުން މެދުވެރިކޮށް އޭނާގެ ކޮންމެ މުޢާމަލާތެއް ބަލަމުން ދިޔައެވެ. ކާވޭރީއަށް ބޭރަށް ނިކުތުމަކީ ނުވާނެ ކަމަކަށް ވެފައި އޮތެވެ. އޭނާ ޝާޔާންއާ ވާހަކަދައްކަން ބޭނުންވިޔަސް އެ ފުރުސަތެއް ނުލިބެއެވެ. ގެއިން ނިކުންނާނީ ކިހިނެއްތޯ ކުރެވޭ ފިކުރުން އޭނާގެ ނަފްސު ހާސްވަމުން ދިޔައެވެ. ކައިވެނީގެ ދުވަސް ކައިރިވަމުން އަންނަނީ ބާރު މިނުގައެވެ. އޭނާގެ ހަޔާތް ބޮޑު ތޫފާނެއްގެ ތެރެއަށް ވައްޓާލާފަދަ ގޮތަކަށެވެ.

ޝާޔާންގެ ކަންބޮޑުވުމަކީ ކާވޭރީއާ އެއްވެސް ސިފައެއްގައި ގުޅުން ނުއުފެއްދޭތީއެވެ. އަދި އޭނާ ވަނީ ރޭލުގެ ޓިކެޓްވެސް ނަގާފައެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު، މަޖުބޫރުވެގެން ކާވޭރީގެ ކްލާސް ކުއްޖެއް ކަމަށްވާ ނޭހާގެ އެހީތެރިކަމަށް އެދެން ނިންމިއެވެ. އެދުވަހު އޭނާ މުޅި ޔުނިވާސިޓީތެރޭގައި ނޭހާ ހޯދަން އުޅުނެވެ، ނަމަވެސް އޭނާ ހުރީ ޗުއްޓީގައެވެ. ނޭހާއަށް ފޯނުކުރުމަށް މޯބައިލް ނެގި ވަގުތު، ކުރިމަތިން އޭނާގެ ރަހުމަތްތެރިޔާ އަޙްމަރު އަންނާތީ ފެނުނެވެ.

ޝާޔާން އަވަހަށް ފޯނު ކަނޑާލިއެވެ. އަޙްމަރު އެހިއެވެ. “ކިހިނެއްވީ؟ ކްލާހަށް ނުދަނީތަ؟”

“އޭ ރަހުމަތްތެރިޔާ، ޔުނިވާސިޓީގެ ހާލަތު ތިބާއަށްވެސް އެނގޭނެ. ބަލާލާއިރު ޕްރޮފެސަރުންނާއި ލެކްޗަރާ އިން ތިބެނީ ޗުއްޓީގަ. ސަރުކާރު ޔުނިވާސިޓީއެއްވީމާ ވާނީ މިހެން،” އަޙްމަރަކީ އަބަދުވެސް މާ ގިނައިން ވާހަކަދައްކާ މީހެކެވެ. “ތިހިރީ ވަރަށް ކަންބޮޑުވެފަ، އެއްވެސް މައްސަލައެއް އުޅެންޏާ ބުނޭ.”

އެވަގުތު ޝާޔާން ހުރި ނަފްސާނީ ހާލަތުގެ ސަބަބުން، އަޙްމަރަށް އިތުބާރުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“ކަލޭގެ ސިކުނޑި ހަމަގައިމުވެސް ގޯސްވެއްޖެ ޝާޔާން! މި ޒަމާނުގައި ތިކަހަލަ ލައިލާ މަޖުނޫނުގެ ލޯބި ވަނީ ކާކު؟ ތިއީ ހަމައެކަނި ވަގުތީ އިހުސާސްތަކެއް. ތިޔަ ހުރިހާ ކަމެއް ދޫކޮށްލާ، އެ ކުއްޖާއަށްވެސް އަމާންކަމާއެކު އުޅެން ފުރުސަތު ދީފަ، ތިމާގެ މުސްތަގުބަލާ މެދު ވިސްނާ. ކަލޭގެ މައިންބަފައިން ދިރިތިއްބާ މަރުވާނެ، އަދި ކަލޭގެ ކޮއްކޮ… އޭނާއަށް ވާނީ ކިހިނެއް؟” އަޙްމަރުގެ ނަސޭހަތްތައް ހުއްޓޭކަށް ނެތެވެ.

“ކޮން ތަގުރީރެއް ތިޔަ ދެނީ! މިކަމުގެ ތެރެއަށް މަގޭ ކޮއްކޮ ވައްދަނީ ކީއްކުރަން؟” ޝާޔާން ގާތަށް ރުޅިއައެވެ.

“ބަލަ، ރަނގަޅަށް ވިސްނާބަލަ. ބޭބެ ހިންދޫ ކުއްޖަކު ގޮވައިގެން ފިލައިގެން ދިޔައީމާ ކޮއްކޮއަށް އެއްވެސް މީހަކު އެއްޗެއް ނުބުނެ ހުންނާނެތަ؟ އޭނާގެ ދިރިއުޅުން ނަރަކައަށް ވާނެ… އަދި އެ ހިންދޫންގެ ވާހަކަ ވިސްނާލަބަލަ. ކަލޭ އެމީހުންގެ ދަރިފުޅު ގެންދިޔައީމާ އެމީހުން ކަލޭގެ ކޮއްކޮއަށް މިނިވަންކަމާއެކު އުޅެން ފުރުޞަތު ދޭނެތަ؟ މަގޭ މަންމަ ބުނަނީ ހަމަ ތެދެއް!”

“ކީކޭތަ ކަލޭގެ މަންމަ ބުނަނީ؟ އެވެސް ބުނެބަލަ،” ޝާޔާން އޭނާ ދުރަށް ކޮށްޕާލިއެވެ.

“ކަލޭ ތިހިރީ ހަމަ ހަގީގަތުގައިވެސް ރުޅިއައިސްފަ! ކަލެއަކީ މަގޭ ރަހުމަތްތެރިއެއް، ކަލެއަށް ވިސްނައިދިނުމަކީ މަގޭ ވާޖިބެއް. ކަލެއަށް ގޯސްކޮށް ފެންނަ ކަމަށްވަންޏާ އިތުރަކަށް އެއްޗެއް ނުބުނާނަން،” އަޙްމަރަށް މައްސަލައިގެ ސީރިއަސްކަން ވިސްނުނެވެ.

“ދެން ބޭކާރު ވާހަކަ ނުދައްކާ، އަހަރެން އެހި ސުވާލަށް ޖަވާބުދީ. ކީކޭތަ ކަލޭގެ މަންމަ ބުނީ؟” ޝާޔާން އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

“މަންމަ ބުނަނީ ލޯތްބަށްވުރެ ބޮޑު އަމިއްލަ އެދުން ބޮޑު ގުޅުމެއް ނޯންނާނެއޭ. އެހެންވެ ބުނަނީ ލޯތްބަކީ ކަނު އެއްޗެކޭ. އަމިއްލަ އެދުމާއި އަމިއްލަ އުފާ ފެނުނަސް، އޭގެ ސަބަބުން އެހެން މީހުންނަށް ވާނެ ގޮތަކާ މެދު ފަރުވާލެއް ނުބަހައްޓާ. މުޅި އާއިލާ ސުންނާފަތިވަނީ މި ލޯބީގެ ސަބަބުން.”

— ނުނިމޭ —

ނޯޓް
އުރުދޫ ވާހަކަ: “ކިނާރޭ ތަކް ނާ ޕޮހޮނޗް ސަކީ”ގެ ތަރުޖަމާއެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top