ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއިޓީ ފޯ އާއި ސްޓެލްކޯ އަދި ކޯރާކޯރާ އާއި ހޯކްސް ސެމީ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މިހާރު ކުރިއަށްދާ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް އެއިޓީ ފޯ އެފްސީ އާއި ސްޓެލްކޯ އަދި ކޯރާކޯރާ މޯލްޑިވްސް އާއި ކުލަބް ހޯކްސް ދަތުރުކޮށްފިއެވެ.

ކުއާޓާރ ފައިނަލްގެ ހަތަރު މެޗު މިރޭ ވަނީ ކުޅެފައެވެ.

ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ އާއި އެސްޓީއޯ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުން، އެސްޓީއޯ މޮޅުވާނެކަމަށް ހީކުރެވުނު ނަމަވެސް 2-1 އިން މި މެޗު ކާމިޔާބުކުރީ ސްޓެލްކޯ އެވެ. މި މެޗުގައި ސްޓެލްކޯގެ ދެ ލަނޑު މުޙައްމަދު ނަޒާމް އާއި ޝުއައިދު ސައީދު ޖެހިއިރު އެސްޓީއޯގެ ލަނޑު ޖެހީ މުޙައްމަދު އިމްރާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ޝުއައިދު ސައީދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޝުއައިދު ސައީދު / ފޮޓޯ: ކުލަބް މޯލްޑިވްސް

ކުއާޓާރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެމްޓީސީސީ އާއި އެއިޓީ ފޯ އެފްސީ އެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅުނު އެމްޓީސީސީން މެޗުގެ ކުރީކޮޅު ލަނޑު ޖަހައި ލީޑު ނެގި ނަމަވެސް ފަހު ހާފުގައި އެއިޓީ ފޯ އެފްސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުގައި އެމްޓީސީސީގެ ލަނޑު އިސްމާއިލް ވަޖީހު ޖެހިއިރު އެއިޓީ ފޯ އެފްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަޙްމަދު ހުސާމް އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް އެއިޓީ ފޯ އެފްސީ ކާމިޔާބުކުރީ 1-4 އިންނެވެ. 5-2 އިން އެއިޓީ ފޯ އެފްސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެއިޓީ ފޯ އެފްސީގެ އަޙްމަދު ހުސާމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ހުސާމް / ފޮޓޯ: ކުލަބް މޯލްޑިވްސް

ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އުތީމު އެފްސީ އާއި ކުލަބް ހޯކްސް އެވެ. ކޮންމެ މެޗެއްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދިޔަ ކުލަބް ހޯކްސް މި މެޗު ކާމިޔާބުކުރީ 2-4 އިންނެވެ. މި މެޗުގައި ކުލަބް ހޯކްސްގެ އިޝާން އިބްރާހީމް 2 ލަނޑު ޖެހިއިރު އެ ޓީމުގެ ލޫތު އަޙްމަދު އާއި މުޙައްމަދު ފާސިރު، ކޮންމެ ކުޅުންތެރިއަކު 1 ލަނޑު ޖެހިއެވެ. އުތީމު އެފްސީ ގެ ދެ ލަނޑު ޖެހީ މުޙައްމަދު ސަހާއު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ހޯކްސްގެ މުޙައްމަދު ފާސިރު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ފާސިރު / ފޮޓޯ: ކުލަބް މޯލްޑިވްސް

ކުއާޓާރ ފައިނަލްގެ ހަތަރު ވަނަ މެޗުގައި ބައްދަލުކުރީ މި މުބާރާތުގައި ވާދަކުރާ ދެ ރިސޯޓު ކަމުގައިވާ ކޮންރަޑް މޯލްޑިވްސް އާއި ކޯރާކޯރާ މޯލްޑިވްސް އެވެ. ފަސޭހަކަމާއި އެކު 4-0 އިން ކޯރާކޯރާ ކާމިޔާބުކުރި މިމެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ ރައުލް ނިޔާޒު ދެ ލަނޑު އަދި އިބްރާހީމް މައިސާން އާއި އިބްރާހީމް އަނާން ކޮންމެ ކުޅުންތެރިއަކު 1 ލަނޑު އެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކޯރާކޯރާގެ އިބްރާހީމް މައިސާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މައިސާން / ފޮޓޯ: ކުލަބް މޯލްޑިވްސް

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 12 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top