ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޗެމްޕިއަންކަން ހޯދައިފި!
ފޮޓޯ: އެފްއޭއެމް ފޭސްބުކް

ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޑައިމަންޑު ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާން ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ޕާކިސްތާނާއި އަފްޣާނިސްތާން އެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާލާއިރު، ޕާކިސްތާންއަކީ ލީގު ބުރުގެ ޗެމްޕިއަން އެވެ. އަދި އަފްޣާނިސްތާން އަކީ ލީގު ބުރުގެ ދެވަނަ ޓީމެވެ.

ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކުރީ ޕާކިސްތާން އެވެ.

ފައިނަލް މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އަފްޣާނިސްތާން އެވެ. ގާތްގާތުގައި ފުރުސަތުތައް ފަހިކުރި އަފްޣާނިސްތާނަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވިއެވެ.

ދޭތެރެއަކުން ކުރިޔަށް ޖެހި ފުރުސަތު ހޯދި ޕާކިސްތާނުން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި 23 ވަނަ މިނެޓުގައެވެ. ޕާކިސްތާނަށް މި ލަނޑު ޖަހައިދިނީ ޝަޔަކް ޑޯސްޓް އެވެ. އަފްޣާނިސްތާންގެ އޭރިޔާ ތެރެއިން ޕާކިސްތާން ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ބިމުގައި ޖެހިފައި ޝަޔަކް ޑޯސްޓްއަށް ލިބުނުއިރު އޭނާ ހުރީ ހުސްކޮށެވެ. ބައިސްކަލްކިކް އަކުން އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ.

ޕާކިސްތާނުގެ ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދީ އަފްޣާނިސްތާން އެވެ. އެ ޓީމުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ދަނޑިއަށް ވެސް އަމާޒުވި އެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕާކިސްތާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވެސް ފަށައިގެން ރަނގަޅަށް ކުޅުނީ އަފްޣާނިސްތާންއެވެ. އެ ޓީމުން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި ކާމިޔާބު ހޯދި ޕާކިސްތާނުން ވަނީ ދޭތެރެއަކުން ކުރިޔަށް އަރައި އަފްޣާނިސްތާންގެ ޑިފެންސަށް ބާރު ބޮޑުކޮށްފަ އެވެ.

ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އަފްޣާނިސްތާނަށް ކުރެވޭގޮތެއް ނުވި އެވެ.

ޕާކިސްތާނުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު އެވެ. މުޅި ޓީމު އެކުގައި ކަހަލަ ގޮތަކަށް، އެ ޓީމުގެ ހާފުގައި ތިބެގެން ކުޅެމުންދިޔަ ޕާކިސްތާނުން ކުރިޔަށް ފޮނުވާލި ބޯޅަ ހޯދައި އޭނާ ކައިރިއަށް އައި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާރޫނު އަލް ރާޝިދު އެވެ.

2-0 އިން މޮޅުވެ ޕާކިސްތާން ޗެމްޕިއަންކަން ހޯދި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕާކިސްތާނުގެ އޯޓިސް ޖާން މުހައްމަދު އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ޕާކިސްތާނުގެ ހާރޫނު އަލް ރާޝިދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top