ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްކުއިޝީ ޑަމްޕްލިންގް: ކުޅޭ އެއްޗެހީގެ ސަލާމަތީ އިންޒާރެއް
ފޮޓޯ: މރ. ހެލްތީ - އެފްބީ

ސޯޝަލް މީޑިއާގައި ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ “ސްކުއިޝީ ޑަމްޕްލިންގް” ކުޅޭ އެއްޗެހީގެ ބައެއް ބާވަތްތަކަކީ ސިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކެއް ހުރި އެއްޗެހިކަން ކަމާބެހޭ އިދާރާތަކުން ހާމަކުރުމާ ގުޅިގެން، މުޅި ދުނިޔެއަށް ސަލާމަތީ އިންޒާރެއް ނެރެފިއެވެ.

ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އާއި ޔޫރަޕްގެ ޤައުމުތަކުގައި ކުރި ތަހުގީގުތަކުން ދައްކާ ގޮތުގައި، ޖެލް އަޅާފައިވާ މި ކުޅޭ އެއްޗެހީގެ ބައެއް ވައްތަރުތަކުގައި ވިހަ ކެމިކަލްތައް ހިމެނެއެވެ. މީގެ ތެރޭގައި ޕެޓްރޯލް ފަދަ ވަސްދުވާ ނުރައްކާތެރި މާއްދާތައް ހިމެނޭ ކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، ބައެއް ތަކެތީގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުގެ ލޭބަލް ނެތްއިރު، އޭގެ ތެރޭގައި ހުންނަ “ވޯޓަރ ބީޑްސް” ފަދަ ތަކެއްޗަކީ ކުދިންގެ އަނގައަށް ގޮސް ދިރުވާލެވިއްޖެ ނަމަ ނޭވާ ހާސްވުމާއި ނޫނީ ހަށިގަނޑުގެ އެތެރެހަށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ތަކެއްޗެވެ.

ވޭރިންގްޓަން އަދި ސްވަންސީ ފަދަ ސިޓީތަކުގެ ޓްރޭޑިންގް ސްޓޭންޑަރޑްސް އޮފިސަރުން ވަނީ، ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ މިފަދަ ނުރައްކާތެރި އުފެއްދުންތައް ފިހާރަތަކުން ނަގައި ބާޒާރުން ބޭރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ކުޅޭ އެއްޗެހި ފަޅައިގެން ގޮސް އޭގެން ބޭރުވާ މާއްދާތަކުގެ ސަބަބުން ހަންގަނޑު ފިހުމާއި، އެލާޖިކްވުމާއި، ނޭވާލުމަށް އުނދަގޫވުމުގެ އިތުރުން ހޮޑުލުން ފަދަ ކަންކަން މެދުވެރިވެފައިވެއެވެ.

މީގެ އިތުރުން، އޮންލައިންކޮށް ފެތުރެމުންދާ ނުރައްކާތެރި ޓްރެންޑެއްގެ ދަށުން ބައެއް ކުދިން މި ތަކެތި މައިކްރޯވޭވް އަވަން ފަދަ އެއްޗެހީގައި ހޫނުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ހެދުމުން އޭތި ގޮވައި، ކުދިންނަށް ސީރިއަސް އަނިޔާތަކެއް ލިބެމުންދާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޮންލައިން ވިޔަފާރީގެ ޒަރީއާއިން މިފަދަ ކުޅޭ އެއްޗެހި ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ބޮޑުކަމުން، ބެލެނިވެރިންނާއި ވިޔަފާރިވެރިން ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

● އިތުބާރު ނުހިފޭ ފަރާތްތަކުން މިފަދަ ތަކެތި ނުގަތުން.
● ސަލާމަތީ މިންގަނޑުތައް އަންގައިދޭ ނިޝާންތައް (CE/UKCA) ހުރިތޯ ބެލުން.
● ގަދަ ކެމިކަލް ވަސްދުވާ ކުޅޭ އެއްޗެހި ނުގަތުން.
● ފަޅައިގެން ގޮސްފައިވާ ނުވަތަ ހަލާކުވެފައިވާ ތަކެތި ވަގުތުން އުކާލުން.
● އެއްވެސް ހާލެއްގައި ކުދިން އެތަކެތި ހޫނުކުރިޔަ ނުދިނުން.

މާހިރުން އިންޒާރު ދޭ ގޮތުގައި، އެއްޗެއް މީސްމީޑިއާގައި މަޤުބޫލުވުމަކީ އެއީ ރައްކާތެރި އެއްޗެއް ކަމުގެ ހެއްކެއް ނޫނެވެ. ގަންނަ އެއްޗެއްގެ ރައްކާތެރިކަމާމެދު ޝައްކު އުފެދޭ ނަމަ، އެ އެއްޗެއް ނުގަންނާށެވެ. އަދި މިހާރުވެސް މިފަދަ އެއްޗެއް އަތުގައި ހުރި ނަމަ، އޭގެ ރައްކާތެރިކަން ވަގުތުން ކަށަވަރުކުރާށެވެ.

ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް އޮންނަންވާނީ ދުނިޔޭގެ “ޓްރެންޑް” ތަކަށްވުރެ ކުރީގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top