ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއިން ފެށުން ރަނގަޅުކޮށްފި
ފޮޓޯ: ގެޓީ އިމޭޖަސް

މެކްސިކޯ، އެމެރިކާ އަދި ކެނެޑާ ގުޅިގެން ބާއްވާ ފީފާ ވޯލްޑް ކަޕު 2026 ގެ ފުރަތަމަ މެޗުގައި 2-0 އިން ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. މި މެޗު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުގައި އެންމެ ގިނަ ރަތް ކާޑު ފެނިގެންދިޔަ މެޗަށެވެ.

މެކްސިކޯގެ މަޝްހޫރު އެޒްޓެކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލުމަށް 80،000 އަށް ވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެފައިވެ އެވެ. މީގެ ކުރިން ދެ ފަހަރު ވޯލްޑް ކަޕް ހޯސްޓްކޮށްފައިވާ މެކްސިކޯ އިން މެޗުގެ ލީޑު ނެގީ ނުވަ ވަނަ މިނިޓުގަ އެވެ. މި ލަނޑު ޖަހައިދިނީ ހޫލިއަން ކުއިނޯނެސް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދެކުނު އެފްރިކާގެ ކެޕްޓަން އަދި ގޯލްކީޕަރު ރޮންވެން ވިލިއަމްސް، އެ ޓީމުގެ މިޑްފީލްޑަރު ޔާޔާ ސިތޯލޭ އަށް ޖައްސާލި ބޯޅައެއް ހޯދުމަށްފަހު އެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރު މިނިޓު ތެރޭގައި ދެކުނު އެފްރިކާގެ ސިތޯލޭ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. އެއީ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ މެކްސިކޯގެ ކުޅުންތެރިޔަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެކަކު މަދުކޮށް ކުޅެމުންދިޔަ ދެކުނު އެފްރިކާ ކޮޅަށް މެކްސިކޯގެ ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި ޖަހައިދިނީ ރައުލް ހިމިނޭޒް އެވެ.

މި ފޯރިގަދަ މެޗުގައި ދެން ފެނުނީ ރަތް ކާޑުތަކުގެ ސިލްސިލާއެކެވެ. މެޗުގެ 84 ވަނަ މިނިޓުގައި ދެކުނު އެފްރިކާގެ ބަދަލު ކުޅުންތެރިޔާ ތެމްބާ ޒްވާނޭ އަށް ރަތްކާޑު ދެއްކީ މެކްސިކޯ ކުޅުންތެރިޔަކަށް ހަމަލާދިނުމުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި، ދެކުނު އެފްރިކާ އަށް ލިބުނު ހުސް ފުރުސަތަކަށް ހުރަސް އެޅުމުން މެކްސިކޯގެ ކެޕްޓަން ސެޒާ މަންޓެސް އަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މެކްސިކޯ އާއި ދެކުނު އެފްރިކާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވެސް ވާދަކުރި ދެ ޓީމެވެ. އެ އަހަރު ދެކުނު އެފްރިކާގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި ދެ ޓީމުގެ އިތުރުން ގުރޫޕް އޭގައި ދެން ހިމެނެނީ ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް އެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 7:00 ގަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top