ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމިއްލަ ވަޒީފާތައް “ހަވާލުކުރުމަށް” އިންޑިއާގެ މަސައްކަތްތެރިން ރޮބޮޓުން ތަމްރީނުކުރަނީ

އިންޑިއާގެ އެތައް ހާސް މަސައްކަތްތެރިންނެއް، އެމީހުން މިހާރު ކުރަމުންދާ އާދައިގެ މަސައްކަތްތައް ކުރާނެ ގޮތް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރޮބޮޓުންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މުސްތަގުބަލުގައި އިންސާނުންގެ ބަދަލުގައި މި މަސައްކަތްތައް ރޮބޮޓުން ލައްވައި ކުރުވުމަށްޓަކައި ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން ހިންގާ މަޝްރޫއެކެވެ.

އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ ނަގިރެއްޑީ ސްރީރާމްޔަޗަންދްރާ އަކީ މި މަސައްކަތުގައި ހަރަކާތްތެރިވާ އެކަކެވެ. އޭނާގެ ބޮލުގައި ސްމާޓްފޯނެއް ހަރުކޮށްގެން، ގޭތެރޭގައި އަނބު ކޮށުން ފަދަ އާދައިގެ ކަންކަން ކުރާ މަންޒަރު ވީޑިއޯ ކުރެއެވެ. މިގޮތަށް ކުރާ ކޮންމެ އެއް ގަޑިއިރެއްގެ ވީޑިއޯއަށް އޭނާއަށް 250 ރުޕީސް (ގާތްގަނޑަކަށް 2.6 ޑޮލަރު) ލިބެއެވެ.

މި ވީޑިއޯތަކަކީ “އީގޯސެންޓްރިކް ޑޭޓާ” ނުވަތަ އިންސާނުންގެ ލޮލަށް ފެންނަ ގޮތަށް ހަގީގީ ދުނިޔޭގައި ކަންކަން ހިނގާ ގޮތް ރޮބޮޓުންނަށް ދަސްކޮށްދޭ މުހިންމު މައުލޫމާތުތަކެކެވެ. މި ވީޑިއޯތަކުގެ އެހީގައި އޭއައި ސިސްޓަމްތަކަށް އިންސާނުންގެ ހަރަކާތްތައް ކޮޕީކުރަން ދަސްވެއެވެ. ސްރީރާމްޔަޗަންދްރާ ބުނާ ގޮތުގައި ގޭތެރޭގެ މަސައްކަތް ކޮށްގެން މިފަދަ އާމްދަނީއެއް ލިބުމަކީ ބޮޑު ފައިދާއެކެވެ. އަދި މުސްތަގުބަލުގައި އޭނާ އަމިއްލައަށް ވެސް ރޮބޮޓެއް ގަނެފާނެ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ އެކި ސިޓީތަކުގައި މިހާރު ދަނީ މިފަދަ ވީޑިއޯތައް ނަގައި، އޭއައި ތަމްރީނުކުރާ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރަމުންނެވެ. ބައެއް މީހުން ގޭގައި މަސައްކަތް ކުރާއިރު، އަނެއް ބަޔަކު މަސައްކަތް ކުރަނީ ހާއްސަ ސްޓޫޑިއޯތަކާއި ފެކްޓްރީތަކުގައެވެ. އަންދާޒާކުރެވޭ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި އެއް ބިލިއަނަށްވުރެ ގިނަ ހިއުމަނޮއިޑް ރޮބޮޓް ބޭނުންކުރާނެއެވެ.

ނަމަވެސް، މި ޓެކްނޮލޮޖީގެ ސަބަބުން ވަޒީފާތަކަށް އޮތް ނުރައްކާ ބޮޑެވެ. އިންޑިއާގެ ސަރުކާރުގެ ތިންކް ޓޭންކް، “ނީތީ އާޔޯގް” އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އޭއައިގެ ސަބަބުން ވަޒީފާ ގެއްލޭނެ ކަމަށް ބެލެވެނީ ހަމައެކަނި އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ނޫން ކަމަށެވެ. މީގެ ސަބަބުން އިންޑިއާގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ 490 މިލިއަން އާދައިގެ މަސައްކަތްތެރިންނަށް ލިބޭނެ ގެއްލުމާ މެދު ސަމާލުކަން ދޭންޖެހޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ބެންގަލޫރުގައި މަގުމަތީގައި މާ ބޮނޑި ހަދަން އިންނަ އުމުރުން 55 އަހަރުގެ ޕޮއްނީ ވެސް ވަނީ އޭނާގެ މަސައްކަތް ރެކޯޑުކޮށް އޭއައި ތަމްރީނުކުރުމަށް ދީފައެވެ. އޭނާ ކަންބޮޑުވުން ފާޅުކުރަމުން ބުނީ، އަންނަން އޮތް ޖީލުތަކުގައި މިފަދަ މަސައްކަތްކުރާ މީހުންނަށް މިކަމުގެ ސަބަބުން ވަޒީފާގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top