ނެދަލެންޑްސް އިން ދެ ފަހަރަށް ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ޖަޕާނުން ގުރޫޕް އެފްގެ ފުރަތަމަ މެޗު 2-2 އިން އެއްވަރު ކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް މި ހާފުގައި ނެދަލެންޑްސްގެ ޑޮންޔެލް މާލަން ޖަޕާންގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޖަޕާންގެ ކީޕަރު ޒިއޯން ސުޒުކީ ވަނީ ހުޝިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
މެޗުގެ ފޯރިގަދަވީ ދެވަނަ ހާފު ފެށުނު ފަހުންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ނެދަލެންޑްސް އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. ރަޔާން ގްރަވެންބްރެކް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ވާޖިލް ވެން ޑައިކްއެވެ.
ނެދަލެންޑްސް އިން ލީޑު ނެގި ނަމަވެސް، އޭގެ ހަ މިނިޓު ފަހުން ޖަޕާނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޓަކެފޫސާ ކޫބޯ ދިން ބޯޅައަކުން ކެއިޓޯ ނަކަމޫރާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ހިފައިގެން، އޭރިއާގެ ބޭރަށް ޖެހިލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ.
މެޗުގެ 64 ވަނަ މިނިޓުގައި ނެދަލެންޑްސް އިން ވަނީ ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރަސެންސީއޯ ސަމަވިލްއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ނެދަލެންޑްސް މޮޅުވާން ދަނިކޮށް، ޖަޕާނުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ 88 ވަނަ މިނިޓުގައެވެ. ލިބުނު ކޯނަރަކުން ކޮކީ އޮގާވާ ބޮލުން ފޮނުވާލި ބޯޅަ، ޑައިޗީ ކަމާޑާގެ ބޮލުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެ ޖަޕާނަށް ވަނީ މުހިންމު ޕޮއިންޓެއް ކަށަވަރުވެފައެވެ.
މި މުބާރާތުގެ ގުރޫޕް އެފްގައި ޖަޕާނާއި ނެދަލެންޑްސްގެ އިތުރުން ދެން ހިމެނެނީ ސްވިޑެން އާއި ޓިއުނީޝީއާއެވެ.
