މިއީ، ހިޖުރީ ގޮތުން މި ފެށުނު 1448ވަނަ އަހަރު ފާހަގަކުރެއްވުމަށް ޓަކައި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ(މމދޖ)އިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމާ ގުޅިވަޑައިގެން އެ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ހުށަހެޅުއްވި މުނާސަބީ ލަވައެވެ. މި ޅެން ހައްދަވާފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަން ކުރެއްވި އަލް އަޚް އަޝްރަފް ޢަލީ އެވެ.
މި ޅެމުގެ މާނަ މުއްސަނދިކޮށް، އިތުރަށް ފުރިހަމަ އަދި ރަސްމީ ބަހުރުވައަކުން ތިރީގައި އެވަނީއެވެ.
ލަވައިގެ ވީޑިއޯ އަދި ޅެން ތިރީގައި ހިމަނާލާފައި ވާނެއެވެ.
ހިޖުރައިގެ މަތިވެރި މުނާސަބަތާއެކު، އުދަރެހުން ފާޅުވި ހަނދުގެ ރިހި އަލިން މުޅި އިސްލާމީ އުންމަތަށް ލިބިގެންދިޔައީ އުފާވެރިކަމުގެ މެސެޖެކެވެ. މާތް ނަބިއްޔާ ﷺ ކުރެއްވި މި މަތިވެރި ހިޖުރައިގެ ދިރިހުރި ހަނދާންތަކަކީ، މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ލިބިދޭ ކަންކަމެވެ.
ހިޖުރީ ގޮތުން 1448 ވަނަ އަހަރު ބައްދަލުކުރި ހިނދު، ކައުނުގެ އެންމެހައި މަޚްލޫޤުން އެކަމަށް މަރުޙަބާ ކިޔާ ފަދައެވެ. އެ މަތިވެރި ހިޖުރައިގެ ވަސްމީރުކަން މުޅި ދުނިޔެއަށް ފެތުރި، ފަޖުރުގެ އަލިކަމާއެކު އައު އަހަރަކަށް މަރުޙަބާ ކިޔައިފިއެވެ.
މި ތާރީޚީ ދަތުރުން އަޅުގަނޑުމެންނަށް ލިބިދެނީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. އެއީ އިބްރަތުން ފުރިގެންވާ ދަރުސްތަކެކެވެ. މިއީ އަބަދުމެ ހަނދާން އާކުރަންޖެހޭ، އިސްލާމީ ދީނުގެ މަތިވެރިކަން ހާމަކޮށްދޭ ދާއިމީ ޒިކުރާތަކެކެވެ.
ކައު ރަސޫލާ ﷺ ގެ ސިޔާދަތުގެ ދައުރު ފެށިގެން ދިޔައީ މި ބަރަކާތްތެރި ދަތުރުފުޅުންނެވެ. ޘައުރު ހޮހަޅައިގައި ފާޅުވި މުއުޖިޒާތްތަކަކީ މިއަދުވެސް އަޅުގަނޑުމެންގެ އީމާންތެރިކަން އާލާކޮށްދޭ މުހިންމު ހާދިސާތަކެކެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމުން، މުޅި މަދީނާ ނޫރުން އަލިވެ، އެންމެހައި މަޚްލޫޤުން އެކަލޭގެފާނަށް މަރުޙަބާ ދެންނެވިއެވެ.
ހިޖުރައިގެ އެންމެ މުހިންމު އެއް ބިންގަލަކީ އަންޞާރުންނާއި މުހާޖިރުންގެ މެދުގައި އުފެދުނު މަތިވެރި އުޚުއްވަތްތެރިކަމެވެ. އެއީ އިސްލާމީ މުޖުތަމަޢު ބިނާކުރުމުގައި ދެއްކެވި އިންސާނީ ކަރާމާތުގެ އެންމެ ފުރިހަމަ ނަމޫނާއެވެ.
އަދުގެ އުންމަތުގެ ހާލަތާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހެއެވެ. ހިޖުރައިން ލިބިދިން ފިލާވަޅުތަކުގެ އެހީގައި، މުޖުތަމަޢުގައި ޢަދުލު އިންސާފު ޤާއިމުކުރުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ. އައު އަހަރެއްގެ އިރު އުދަވެގެން އައިއިރު، މިއީ ހޭލުންތެރިވެ، އުންމަތުގެ ކުރިއެރުމަށް މަސައްކަތް ކުރަންވީ ވަގުތެވެ.
@muniavas Hijraige Aliali Qamar Udhavee Hin’dhu – @ashraf_1243, ހިޖުރައިގެ އަލިއަލި ޤަމަރު އުދަވީ ހިނދު…. މިއީ، ހިޖުރީ ގޮތުން މި ފެށުނު 1448ވަނަ އަހަރު ފާހަގަކުރެއްވުމަށް ޓަކައި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ(މމދޖ)އިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމާ ގުޅިވަޑައިގެން އެ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ހުށަހެޅުއްވި މުނާސަބީ ލަވައެވެ. #muniavasnews #foryoupage #fvpviral #fvp #fvpシ💕foryou #fvpシ💕for #dhivehilava #majeedhiyyaschool ♬ original sound – MUNIAVAS
ހިޖުރައިގެ އަލިއަލި ޤަމަރު އުދަވީ ހިނދު / އަޝްރަފް ޢަލީ
އުދަވެލީ ހިނދު މި ހިޖުރައިގެ އަލިއަލި ޤަމަރު
އުދަރެހުން ފެތުރެނީ ސާފު ހެޔޮހެޔޮ ޚަބަރު
ނަޖުމު ފަޖުރުގެ މި ވިދަނީއެ ދީދީ ނަޒަރު
ހިޖުރައިން މާތް ރަސޫލާގެ ދިރިދިރި އަސަރު
ހިޖުރައިން ސާދަސާޅީސް އަށެއް އަލިވެލައި
ނަޖުމުތައް އުޑުމަތީން އުދަވެގެން ދިއްލިލައި
ހިޖުރަވީ ވަސް ހުވަނދު ކައުނުގައި ފެތުރިލައި
ފަޖުރުލައި ފަތިހަކަށް މަރުހަބާ ފަރިވެލީ
އުދަވެލީ ހިނދު މި ހިޖުރައިގެ އަލިއަލި ޤަމަރު
ލިބިދެނީ ހިޖުރައިން ހެޔޮ އިޝާރާތްތަކޭ
އިބްރަތާ ދަރުސުތައް ގިނަ ފިލާވަޅުތަކޭ
އަބަދުވެސް ހަނދުމައާވާނެ ޒިކުރާތަކޭ
ޚަބަރުތައް ދެއްވި އިސްލާމްކަމުގެ އާވެލީ
އުދަވެލީ ހިނދު މި ހިޖުރައިގެ އަލިއަލި ޤަމަރު
ކައު ޙަބީބުގެ ސިޔާދަތުމެ ފެށްޓެވި އިމީ
ދައުރުތައް ފަހި ފެށުނު މާތްވި ދަތުރޭމިއީ
ފައުޅުވީ މުއުޖިޒާތްތަކުގެ ޣާރޭ އެއީ
ޘައުރު ހޮހަޅައިގެ ޒިކުރާއެ އާލާވެލީ
އުދަވެލީ ހިނދު މި ހިޖުރައިގެ އަލިއަލި ޤަމަރު
ނޫރަކުން މުޅި މަދީނާ އޮތީ އަލިވެފައި
ނޫރު އިސްލާމްކަމަށް އެދިމެ ހިނިތުންވެފައި
ރޯޅިތައް ވެސް ސަލާމަށް އެކީ ތިރިވެފައި
ދޯދިތައް ސާފު ބަދުރުގެ މި ރޯޝަންވެލީ
އުދަވެލީ ހިނދު މި ހިޖުރައިގެ އަލިއަލި ޤަމަރު
މީ ނަމޫނާ ފެނުނު އާދެ އަންޞާރުނާ
މީ މުހާޖިރުތަކުން ގުޅި ބިނާ ކުރި ބިނާ
މީ އުޚުއްވަތުގެ ބިންގާ އެޅުނު ފަހި ޣިނާ
މީރުވަސް އަތަރު އިސްލާމްކަމުގެ ފެތުރިލީ
އުދަވެލީ ހިނދު މި ހިޖުރައިގެ އަލިއަލި ޤަމަރު
އަދު މި ކަންކަމުގެ މައްޗަށް ނުތިބެ ހޭލަމާ
އަދުގެ އުންމަތުގެ ހާލާމެދަށް ވިސްނަމާ
އަދުލު އިންސާފު ހިންގަން ސަފުން ތަންދެމާ
އުދަވި އިރު އައު މި އަހަރަށް އުޖާލާވެލީ
އުދަވެލީ ހިނދު މި ހިޖުރައިގެ އަލިއަލި ޤަމަރު
