ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިން ތިންވަނަ ހަފުތާގެ ކުޅުން ނިމިއްޖެއެވެ.
ތިންވަނަ ހަފުތާގެ ކުޅުން މިއަދު ނިމުނުއިރު، މި ހަފުތާއަކީ ފާހަގަކޮށްލެވޭ ހަފުތާއެކެވެ.
މި ހަފުތާގެ ފުރަތަމަ މެޗު އިއްޔެ ހަވީރު ކުޅެވުނުއިރު މި މެޗުގައި ބައްދަލުކުރީ ހުރާ އާއި ދިއްދޫއެވެ. 3-1 އިން މޮޅުވެ ދިއްދޫ ހޯދި ތިން ޕޮއިންޓާއެކު ލީގު ކޮލިފައިންގެ އެއްވަނައަށް އެ ޓީމް ޖެހިލިއެވެ.
ލީގު ކޮލިފައިންގެ މި ހަފުތާގެ ދެވަނަ މެޗުގައި ބައްދަލުކުރީ، އެންމެ ފަހުން ނިމުނު ދިވެހި ޕްރިމިއާ ލީގުގެ 7 ވަނަ ހޯދި ޓީސީ އާއި 8 ވަނަ ހޯދި ގްރީން ސްޓްރީޓްސްއެވެ. 3-0 އިން މޮޅުވެ ޓީސީން ހަމަކުރި 7 ޕޮއިންޓާއިއެކު އެ ޓީމު ލީގު ކޮލިފައިންގެ އެއްވަނައަށް ޖެހިލިއެވެ. 7 ޕޮއިންޓާއިއެކު ފައިދާ 6 ލަނޑު ޓީސީއަށް ލިބިފައިވެއެވެ.
ލީގު ކޮލިފައިން މި ހަފުތާގެ ފަހު މެޗުގައި ބައްދަލުކުރީ ގދ. ގައްދޫ އާއި ބިސްބުރު ސްޕޯޓްސް ކްލަބެވެ. މިއަދު ހަވީރު ކުޅެވުނު މި މެޗަކީ ވާދަވެރި، ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ބެލެވުނު ނަމަވެސް، ފެނުނީ އެފަދަ މެޗެއް ނޫނެވެ.
މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބިސްބުރުން ފުރަތަމަ ހާފުގައި ފަސް ލަނޑު ޖެހިއިރު، ގައްދޫއަށް އެކަށީގެންވާވަރުގެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބިސްބުރަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނަޝީދު 3 ލަނޑު، އާމިރު ޝުއައިބު 1 ލަނޑު އަދި މުޙައްމަދު ސާއިދު 1 ލަނޑެވެ.
ދެވަނަ ހާފުގައި ގައްދޫން ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ހޯދާފައެވެ. ގައްދޫން ފޮނުވާލި ގިނަ ހަމަލާތަކެއް ބިސްބުރުގެ ކީޕަރު ދިފާއުކުރިއިރު ބިސްބުރުގެ ޑިފެންޑަރުން ވެސް ވަނީ ގިނަ ހަމަލާތަކެއް ހުއްޓުވައިފައެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ބިސްބުރުގެ ލަނޑެކެވެ. މި ލަނޑު ބިސްބުރަށް ޖަހައިދިނީ ނަޝީދެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބިސްބުރަށް ލިބިފައިވާ ޕޮއިންޓް ވަނީ ޓީސީއާ އެއްވަރުވެފައެވެ. ބިސްބުރަށް ކޮލިފައިންގެ އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
