ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިލަ ހޫރް – އެޕިސޯޑް 02

“އަމް… ތީ… ތީ ކާކު؟” ވީހާވެސް އަދަބުވެރިކަމާއެކު އަހަރެން އަހާލީމެވެ. އޭނާ އަހަންނާ ދިމާލަށް ބަލާފައި ހީނގަތެވެ. އޭނާގެ ގައިން ދުވަނީ މަންމަގެ ގައިން ދުވާ ކަހަލަ ވަހެކެވެ. މަންމަ ބޯ ބުއިމުން ދުވާ ކަހަލަ ގަދަ ވަހެކެވެ.

“މިއީ ކަލޭގެ އާ ބައްޕަ!” އޭނާ ޖަވާބު ދިނެވެ.

މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ.

ހަދާނެ ގޮތެއް ނޭނގިގެން، އަހަރެން މަޑުމަޑުން ފަހަތަށް ޖެހި، ބަދިގެއިން ނިކުމެގެން ސިއްރުސިއްރުން ސިޑިން މައްޗަށް އެރީ ހިފްޒާގެ ގާތަށެވެ.

“ހިފްޒާ،” އަހަރެން މަޑުމަޑުން ގޮވާލީމެވެ. އޭނާ އިނީ ހޭލައެވެ. އަހަރެން އޭނާގެ ކޮޓަރިއަށް ވެއްދިއެވެ.

އޭނާގެ ކޮޓަރި އަހަރެންގެ ކޮޓަރިއަށްވުރެ ކުޑައެވެ. ފެންނަ ފެނުމަށް މާ ބޮޑަށް މާޔޫސްކަމާއި ދެރަގޮތެއް ހުރެއެވެ. އޭނާ އެ ކޮޓަރިދެކެ ފޫހިވެއެވެ. އެކަމަކު އެތަނަށް އެއްވެސް ބަދަލެއް ގެނައުމުގެ ހުއްދައެއް އޭނާއަކަށް ނޯވެއެވެ.

“އިއްޔެ ފެނުނު މީހާ، އޭނާ އަދިވެސް އެބަހުރި،” އަހަރެން ވާހަކަ ކުރިއަށް ގެންދިޔައީމެވެ.

“އޭނާއަކީ ކީކޭ ހިތަށް އަރައިގެން އައިސް އުޅޭ މީހާގަނޑެއްތަ؟ ކުއްލިއަކަށް އައިސް މިތަނުގެ ވެރިއަކަށް ވެގެން އެ އުޅެނީ!” ހިފްޒާގެ އަޑުން އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައިކަން އެނގެއެވެ.

“ހިފްޒާ، އޭނާ އެ ހީކުރަނީ އޭނާއަކީ އަހަރެމެންގެ ބައްޕަ ކަމަށް.” އަހަރެން ބުނީމެވެ.

“އޯހް… އެއީވެސް މަންމަ ގޮތަށް ހަމައިގަ ނުހުންނަ މީހާގަނޑެއް ދޯ!” ހިފްޒާގެ ރުޅިގަނޑު އިތުރަށް ގަދަވަމުން ދިޔަކަން އަހަންނަށް އެނގުނެވެ.

‘ބައްޕަ’.

އެ ބަހާއެކު އަހަރެންގެ ހިތަށް ސިފަވެގެން ދިޔައީ ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ، ހިނިތުންވުމާއި އުފާވެރިކަމުން ފުރިގެންވާ ހަނދާންތަކެކެވެ. ނަމަވެސް، އެ ނަމުން މުޚާތަބުކުރެވޭ މީހާއާ ދިމާލަށް ބަލާލުމުން އަހަރެންނަށް ފެންނަނީ ހަމައެކަނި ނޫފައިގެންފައިވާ ތަންތަނާއި ކަރުނައެވެ. އެ މަންޒަރުން އަހަރެންގެ ހިތް ކުދިކުދިވެއެވެ.

އޭނާ އަހަރެމެންގެ ބައްޕައަކަށްވީ ކިހިނެއްތޯ އަހަރެން ހިފްޒާ ގާތު އެހުމުން، އޭނާ ވަރަށް ހަރުކަށިކަމާއެކު ބުންޏެވެ. “އޭނާއަކީ އަހަރެމެންގެ ބައްޕައެއް ނޫން. އަދި ދުވަހަކުވެސް އެއީ އަހަރެމެންގެ ބައްޕައަކަށް ނުވާނެ.”

އެހެންވިއްޔާ އެއީ ކާކު ހެއްޔެވެ؟ މަންމައާ އޭނާ ދިމާވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި މިފަދަ އެތައް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. އިތުރު މަޢުލޫމާތު ހޯދަން އަހަރެން ބޭނުންވިއެވެ. އެހެންކަމުން، ނުރައްކަލަކަށް ވެދާނެކަމަށް ބެލުމެއްނެތި އަހަރެން އޭނާއާ ސުވާލުކުރަން ނިންމީމެވެ.

“ހަލޯ، އަހަރެމެންނަށް އަދި ރަނގަޅަށް ބައްދަލެއް ނުވޭ ދެއްތޯ،” މޭޒު ކައިރީގައި އޭނާއާ ކުރިމަތިވާނޭހެން އިށީންނަމުން އަހަރެން ބުނީމެވެ. “އަހަރެންގެ ނަމަކީ ހޫރް. ބައްދަލުވީތީ އުފާކުރަން.”

“ހަލޯ ކުޑަކުޑަ ހޫރް،” ހިނިތުންވުމަކާއެކު އޭނާ ޖަވާބުދިނެވެ. “ހޫރް އަކީ ވަރަށް ރީތި ނަމެއް. އަހަރެންގެ ނަމަކީ އުކާޝަތު.” އަހަރެން ސަލާމްކޮށްލުމަށް އަތް ދިއްކޮށްލުމުން، އޭނާ ހިނިތުންވެލަމުން ސަލާމްކުރިއެވެ.

“އުކާޝަތު ތީ އަދި މާ ރީތި ޔުނީކް ނަމެއް. އަމް.. އޫމް…. އަހަ… އަހަރެން ކަމެއް އަހާލިޔަސް އެންމެ ރަނގަޅުތަ؟” ވަރަށް ޖެހިލުންވެ ހުރެ އަހަރެން ސުވާލުކުރީމެވެ. ނަމަވެސް އޭނާގެ އޯގާތެރި ބެލުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާގެ ސަބަބުން ކަންތައްތައް ރަނގަޅުވާނެކަން އަހަރެންނަށް އިހުސާސްވިއެވެ.

“އެންމެ ސުވާލެއް ނޫން. ހޫރް ބޭނުމިއްޔާ ކިތަންމެ ސުވާލެއްވެސް ކުރެވިދާނެ! ތިހިރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައިކަން އަހަރެންނަށް އެނގޭ،” އޭނާ ބުންޏެވެ. އަހަރެން ފުން ނޭވާއެއްލުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ.

ގަޑިއެއްހާއިރު ވަންދެން ސުވާލުކޮށް، ވާހަކަ ދެއްކުމަށްފަހު، މިއީ ވަރަށް ރަނގަޅު ބައްޕައަކަށް ވާނެ މީހެއްކަމަށް އަހަރެން ނިންމީމެވެ. އޭނާ ހިފްޒާއާ އެއްވަރަށް ރަނގަޅެވެ! އެ ޚިޔާލު އައުމާއެކު، އަލަށް ލިބުނު ބައްޕައާ ދިމާލަށް ބަލާލުމެއްވެސް ނެތި އަހަރެން ދުވެފައި މައްޗަށް ދިޔައީމެވެ.

“ހިފްޒާ!” އޭނާގެ ކޮޓަރިއަށް ވަންނަމުން އަހަރެން ގޮވާލީމެވެ. ނަމަވެސް ފެނުނު މަންޒަރުން އަހަރެންގެ އުފާވެރިކަން ވަގުތުން ގެއްލިގެން ދިޔައެވެ. މަންމަ ހުރީ ހިފްޒާގެ މޫނާ ދާދި ގާތުގައި، ވަރަށް ހަރުކަށިކަމާއެކު ސިއްރުން އެއްޗެހިތަކެއް ބުނާށެވެ. އަހަރެން ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ. އަނެއްކާ ކިހިނެއްވަނީ ހެއްޔެވެ؟ މީހަކު ހިނގާފައި އަންނަ އަޑު އަހަރެންނަށް އިވުނެވެ. މަންމައަށްވެސް އެ އަޑު އިވުނު ކަހަލައެވެ. މަންމަ ވަގުތުން ސީދާވެލުމަށްފަހު ދޮރާ ދިމާލަށް ހިނގައިގަތެވެ. އަހަރެންގެ ކައިރިން ލާފައި ދިޔައިރު މަންމަ ބަލާލީ ވަރަށް ފޫހިވެފައިވާ ފަދަ ގޮތަކަށެވެ.

މަންމަ ދިއުމުން އަހަރެން އަވަހަށް ހިފްޒާގެ ގާތަށް ދިޔައީމެވެ. “މަންމަ ދިމާކުރީތަ؟” އަހަރެން ކަންބޮޑުވެފައި އެހީމެވެ.

“ނޫން، އެކަމަކު އެ މީހާގެ އަޑު އިވުމުން މަންމަ ބިރުގަތްހެން ހީވި،” މަޑުމަޑުން ހިފްޒާ ބުންޏެވެ.

“އުކާޝަތު،” އަހަރެންނަށް ބުނެވުނެވެ. އެހެން ބުނެވުނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

“ކާކު އުކާޝަތު އަކީ؟” އޭނާ އެހިއެވެ. އަހަރެންނާއި އުކާޝަތުއާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. އަހަރެން ވާހަކަ ނިންމާލުމުން، އޭނާ އެނދުގައި އިށީނދެލައިގެން އިނދެ ހިނިތުންވެލިއެވެ.

“ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ހިފްޒާ،” ހިނިއައިސްފައި އަހަރެން ބުނީމެވެ.

އާނ، މިއީ ހަމަ ހީވާ ގޮތެކެވެ.

〰️⌯ ⌯ ⌯ ⌯ ⌯ ⌯ 〰️

މިހެން ބުނެލަމާ ހިނގާށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ އާ ބައްޕަގެ ރަނގަޅުކަން އަހަރުމެންނަށް ދެބެއިންނަށް ފާހަގަކުރެވުނެވެ. އެ ބައްޕަގެ ސަބަބުން ދިރިއުޅުން އުފާވެރިކޮށްލަދިނެވެ. ބައްޕަ ގޭގައި ހުންނަ ވަގުތުތަކުގައި މަންމަ އެހާ ރުޅިއެއް ނާދެއެވެ. އަދި އަހަރެމެންގެ ގައިގައި ޖަހަނީވެސް ވަރަށް މަދުންނެވެ. ބައްޕަ އައުމުގެ ކުރިން ކަންތައް ހިނގާގޮތެއް ބައްޕައަކަށް ނޭނގެއެވެ. އަހަރެން އެވާހަކަތައް ބައްޕައަށް ކިޔައިދޭން ބޭނުންވިއެވެ. ހީކުރީ ބައްޕަ އައުމުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ. މަންމަގެ އެ އަމަލުތައް ބައްޕަ ހުއްޓުވާނެ ކަމަށް އުންމީދު ކުރެވުނެވެ. އެކަމަކު އަހަރެން މިހާ ވަރަށް ވިސްނަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ވިސްނާ ކޮންމެ ކަމެއް ނިމެނީ ނުބައިކޮށެވެ. މުޅީން އިދިކޮޅަށެވެ. އެހެންނަމަވެސް، މިކަމުގައި އަހަރެންނަށް ޔަގީންކަން އޮތެވެ. އަހަރެންގެ ނަޒަރުގައި ބައްޕައަކީ ބަތަލެކެވެ. ބައްޕައަކީ އަހަރެންގެ ހިމާޔަތްތެރިޔާއެވެ. އަހަރެންގެ އެންމެ ފަހުގެ އުންމީދެވެ.

އުންމީދު. އެއީ ހަމައެކަނި ލަފުޒެކެވެ. އިހުސާސެކެވެ. އެކަމަކު އަހަރެންގެ އަތުގައި ބާކީ އޮތް ހަމައެކަނި އެއްޗަކީ އެއީއެވެ. އަހަރެންގެ އަނދިރި ދިރިއުޅުމަށް ފެންނަން އޮތް ހަމައެކަނި އަލިކަމެވެ. ހަމަހިމޭން ދުނިޔެއެއްގައި އިވޭ ހަމައެކަނި މިއުޒިކެވެ. އެއީ އުންމީދެވެ.

ސިކުނޑީގައި ސުވާލުތައް ގިނަވަމުން ދިޔައެވެ. ބައްޕައަށް ކިޔައިދޭންވީ ހެއްޔެވެ؟ ބައްޕަ ގޮސް މަންމަ ގާތު ބުނެފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މި ނުރައްކަލާ ކުރިމަތިލާންވީ ހެއްޔެވެ؟ ކަންތައްތައް މިހާލަތަށް ދާންޖެހުނީ ކީއްވެ ހެއްޔެވެ؟ ދެން އިތުރަށް ކެތެއް ނުކުރެވޭނެއެވެ. ބާރަށް ހަޅޭއްލަވައި، މުޅި ގެ ސުންނާފަތިކޮށްލަން ހިތަށް އެރިއެވެ. އެކަމަކު އެއިން ކަމެއް ނުކުރަމެވެ. ހަމައެކަނި އިށީނދެލައިގެން ސީލިންގަށް ބަލަހައްޓައިގެން އިނީއެވެ. ސިކުނޑިން ހުރިހާ ކަމެއް ފޮހެލަން މަސައްކަތް ކުރަމުންނެވެ. އެހެން މީހުން މަތިން ހަނދާން ނައްތާލުމަށްޓަކައި، އަހަރެންގެ އަމިއްލަ ނަފުސުގެ ވަށައިގެން ފާރެއް ބިނާކުރަން ފެށީމެވެ.

މިހާރު އަހަރެންނަށް އިހުސާސްވަނީ ހަމައެކަނި ރުޅިވެރިކަމެވެ. އަހަރެންގެ ދެއަތުގެ މުށްބާރުކޮށްލައި، ހަޅޭއްނުލަވައި ހިފަހައްޓަން މަސައްކަތް ކުރީމެވެ. މިއީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ އެހެން ހުރިހާ ކުދިން އެއްވެސް ފިކުރެއް ނެތި އުފަލުގައި ކުޅެން އުޅޭނެއެވެ. ނަމަވެސް އަހަރެންނަށް އުފާވެރިކަމަކީ ކޯއްޗެއްކަންވެސް ނޭނގެއެވެ. އަހަރެންގެ ކަރުބުޑުގައި ގުޅައެއްލާފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. “ނުރޮައްޗޭ” އަމިއްލަ ނަފްސަށް ބުނީމެވެ. އެންމެ ފަހަރަކު ރޯން ފަށައިފިނަމަ، ދެން އެކަން ނުހުއްޓުވޭނެއެވެ. މަޑުމަޑުން އަތް ދޫކޮށްލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީމެވެ. މީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރުޅިއައުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. އަށް އަހަރުގެ ކުއްޖަކަށް ބަދަލުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ކުޑަކުއްޖަކަށްވުރެ މާ މުހިންމު ކަންތައްތައް ދުނިޔޭގައި އެބަހުއްޓެވެ. އަހަރެން ހުއްޓަސް ނެތަސް ދުނިޔެ އެނބުރެމުން ދާނެއެވެ. އަހަރެންނަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ.

ނޭނގޭ ސަބަބަކާ ހުރެ، އެ ވިސްނުމުން އަހަރެންނަށް ހިތްހަމަޖެހުން ލިބުނެވެ. ހަމަޖެހިލުމަށްފަހު ފުން ނޭވާއެއްލީމެވެ. “އަބަދުވެސް އުންމީދެއް އޮންނާނެ” ލޯ މަރާލުމުގެ ކުރިން މަޑުމަޑުން އަމިއްލަ ނަފްސަށް ބުނެލީމެވެ.

ހަމަހިމޭންކަން. އެއީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ.

〰️⌯ ⌯ ⌯ ⌯ ⌯ ⌯ 〰️

ކަންތައްތައް ދިޔައީ އާދައިގެ ގޮތަކަށް އޮމާންކޮށެވެ. ދުވަސްކޮޅަކަށް ނަމަވެސް، ހާލަތާ ކުރިމަތިލުމުގެ ހިތްވަރު އަހަންނަށް ލިބުނެވެ. މަޑުމަޑުން މަގޭ ދިރިއުޅުމަށް އުޖާލާކަން އަންނަން ފެށިއެވެ. މުޅި ހަށިގަނޑުގައިވެސް އޮތީ އެންމެ ރިހުމެކެވެ! ބައެއް ދުވަސްދުވަސް އާދައިގެ ގޮތަކަށް ދިޔައިރު، އަނެއްބައި ދުވަސްތައް ދިޔައީ ވަރަށް އުފާވެރިކޮށެވެ. އޮތް ހަމައެކަނި މައްސަލައަކީ މަންމައެވެ. އަހަރެން މަންމަދެކެ އިންތިހާއަށް ނަފުރަތު ކުރަމެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަންޖެހޭ ހަމައެކަނި ސަބަބަކީ އެއީއެވެ. އަހަރެން ބޭނުންވީ ބައްޕަ އަހަރެމެންގެ އެއްޗެހި ބަންދުކޮށްގެން، މި ހާލަތުން އަހަރެމެން ސަލާމަތްކޮށްދިނުމަށެވެ. އެކަމަކު ހަގީގީ ދިރިއުޅުމަކީ އަބަދު އުފާވެރި ނިމުމަކުން ނިމޭ އެއްޗެއް ނޫނެވެ.

ކޮންމެ ދުވަހަކުވެސް އިރު އަރާ ފަދައިން އެދުވަހުވެސް އިރު އެރިއެވެ. އަހަރެން ތެދުވެގެން ހެދުން ބަދަލުކުރީވެސް ކޮންމެ ދުވަހަކު ކުރާ އުސޫލުންނެވެ. އަހަރެންނާއި ހިފްޒާ ސްކޫލަށް ދިޔައީވެސް އާދައިގެ މަތިންނެވެ. ނަމަވެސް، އެހެން ދުވަސްދުވަހާ ހިލާފަށް އެދުވަހު އަހަރެން އިނީ އެކަންޏެއް ނޫނެވެ. މީހަކު އައިސް އަހަރެންގެ ގާތުގައި އިށީނެވެ. އޭނާއަކީ އަހަންނަށްވުރެ އިސްކޮޅުން ދިގު ކުއްޖެކެވެ. ބެންޗުގައި އޭނާ އިށީނުމުން އަހަރެން ބަލައިލުމާއެކު އޭނާވެސް އަހަންނަށް ބަލައިލިއެވެ. ބައްޕަ ފަދައިން އޭނާގެވެސް ހުރީ ބޮޑު ނޫކުލައިގެ ދެލޮލެވެ. ދެން އޭނާ ހީނގަތެވެ. އެއީ އަހަންނަށް ނުއިވޭތާ އެތައް ދުވަހެއް ވެފައިވާ ފަދަ ހިނިތުންވުމެކެވެ. އަހަރެންވެސް އެކަމުގައި ބައިވެރިވާން ބޭނުންވިއެވެ. ނަމަވެސް އެކަމެއް ނުވިއެވެ.

“ކިހިނެއްވީ؟” އޭނާ އަހަރެންގެ ގާތު އެހިއެވެ. އަހަރެން ބިމަށް ބަލަހައްޓައިގެން އިނދެ، ނޭނގެޔޭ ބުނާ ފަދަ ގޮތަކަށް ކޮނޑު އަރުވައިލީމެވެ. އެއަށްފަހު އޭނާ ކަންތައް ކުރި ގޮތުން، މީހުންނާ މެދު އަހަރެން ދެކޭ ގޮތް މުޅިން ބަދަލުވެގެން ދިޔައެވެ. އޭނާ އަހަރެންގެ އަތުގައި ހިފައި، އަތްތިލަ ހުޅުވައިލުމަށްފަހު، އޭގެ މެދުގައި އެއް ޕައުންޑުގެ ފައިސާ ފޮއްޗެއް ބޭއްވިއެވެ.

“މިޓޮފީތަކުން އަހަރެންގެ މޫޑު އަބަދުވެސް ރަނގަޅުކޮށްދޭ!” އަހަންނަށް ޓޮފީއެއް ދިއްކޮށްލަމުން އޭނާ ބުންޏެވެ. އަހަރެން އިސްއުފުލާ ބަލައިލުމަށްފަހު ހީނގަތީމެވެ. އެއީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު އަހަރެންގެ މޫނުމަތިން ފެނުނު ހިނިތުންވުމެކެވެ.

ގެއަށް ދިޔަ މަގުމަތީގައި އަހަރެން ބައެއް މީރު އެއްޗެހި ގަތީމެވެ. އެވަގުތު އަހަންނަށް އިހުސާސް ކުރެވުނީ އަހަރެންނަކީވެސް އާދައިގެ ކުއްޖެއް ކަމަށެވެ. އެއީ ފާއިތުވި ގިނަ އަހަރުތަކެއްގެ ތެރޭގައި އަހަންނަށް އެންމެ އުފާވެރިކަން ލިބުނު ވަގުތެވެ. އަހަރެން އެ ފިރިހެން ކުއްޖާދެކެ ގަޔާވިއެވެ.

ގެ ފެންނަން ފެށުމާއެކު، އެ ދުވަހުގެ ހުރިހާ އުފާވެރިކަމެއް ގެއްލިގެން ދިޔައެވެ. އަބަދުވެސް އެ ގެ ފެނުމުން އަހަންނަށް ކުރެވެނީ އެކަހަލަ އިހުސާސެކެވެ. ނަމަވެސް، ބައްޕަ ހުރީ ގޭގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. އަހަރެން ދުވެފައި ގޮސް ބައްޕަގެ ގައިގައި އޮޅުލައިގަތުމުން، ބައްޕަ އަހަރެން އުފުލާލައި އެނބުރިގަތެވެ.

“ބައްޕަގެ ކުޑަކުޑަ ހޫރުގެ ހާލު ކިހިނެއް؟” ބައްޕަ އަހާލިއެވެ. ބައްޕަ އަހަރެން ގޮވައިގެން ގެއަށް ވަން އިރު، އަހަރެން ހުރީ އަނެއްކާވެސް ހިނިތުންވެފައެވެ.

ޖެހިގެން އައި ހަފުތާތަކުގައި ބައްޕަގެ މިޒާޖު ގޯސްވަމުންދާހެން ހީވިއެވެ. ބައެއް ދުވަސްދުވަހު ބައްޕަ ހުންނަނީ ރުޅި އައިސްފައެވެ. އަނެއްބައި ދުވަސްދުވަހު މާޔޫސްވެފައެވެ. “މޮޅިވެރިކަން” އެއީ އެކަން ސިފަކުރަން އެންމެ ރަނގަޅު ބަހެވެ. ވެގެން އުޅޭ ގޮތަކާމެދު އަހަރެން ސުވާލު އުފެދުނެވެ. ބައްޕަގެ މޫޑަށް އަންނަ ބަދަލުތަކުގެ އަސަރު އަބަދުވެސް އަހަންނަށް ކުރެއެވެ. އެހެންކަމުން އަހަރެންގެ މޫނުމަތިން ހިނިތުންވުން އަނެއްކާވެސް ފަނޑުވާން ފެށިއެވެ. އެދުވަހުގެ ހަނދާންތަކާއި، އެ މީރު އެއްޗެއްސާއި، އެ ފިރިހެން ކުއްޖާގެ މަތިން އަހަރެން ހަނދާން ނެތޭ ފަދައެވެ. ހިފްޒާ ކޮޓަރިން ބޭރަށް ނުކުންނަނީ ވަރަށް މަދުންނެވެ. އަހަރެމެންގެ ބިކަވެފައިވާ ކުޑަކުޑަ އާއިލާއަށް އޮތް ވަގުތު ކުޑަވަމުން ދިޔައެވެ. އަހަރެމެން ބޭނުންވީ މުއުޖިޒާތެކެވެ.

ނަމަވެސް، އަހަރެމެންނަށް ކުރިމަތިވީ އޭގެ މުޅިން އިދިކޮޅު ހާލަތެކެވެ.

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top