ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޯލް ފުންޏަކާއެކު ކެނެޑާއަށް ތާރީޚީ މޮޅެއް
ފޮޓޯ: ގޫގަލް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި، ތަފާތު ބޮޑު ނަތީޖާއަކުން ގަތަރު ބަލިކޮށް ކެނެޑާއިން އެ ޤައުމުގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ. ކެނެޑާގެ ބީސީ ޕްލޭސް ވެންކޯވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޤައުމުން ކާމިޔާބު ކުރީ 6-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއިން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ކައިލް ލަރިން ކެނެޑާއަށް ލީޑު ނަގައިދިންއިރު، 29 ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑް ވަނީ ލީޑު ފުޅާކޮށްދީފައެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ގަތަރަށް އިތުރު މައްސަލަތަކާ ކުރިމަތިވީ 33 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ހޮމާމް އަހުމަދަށް ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޮނަތަން ޑޭވިޑް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ގަތަރުގެ ހާލަތު އިތުރަށް ގޯސްވީ 53 ވަނަ މިނެޓުގައި އާސިމް މަޑިބޯއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އޭނާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ކެނެޑާގެ މިޑްފީލްޑަރު އިސްމާއިލް ކޯނޭގެ ކުޑަހުޅު ބިންދައިގެން ގޮސް، ވަގުތުން ބަދަލުކުރަން ޖެހުނެވެ.

މެޗުގެ ބާކީ ބައިގައި ކެނެޑާއިން ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ. އެއީ 64 ވަނަ މިނެޓުގައި ނަތަން ސަލީބާ ޖެހި ލަނޑާއި، 75 ވަނަ މިނެޓުގައި ގަތަރުގެ މުހައްމަދު މަނާއީ އަތުން ބައިކޮޅަށް ވަން ލަނޑުގެ އިތުރުން، ޖޮނަތަން ޑޭވިޑް އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ ކެނެޑާއެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެވަނައިގައި ސްވިޒަލެންޑް އޮތްއިރު، ބޮސްނިއާ އާއި ގަތަރު އޮތީ އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. ރޭ ކުޅުނު މި ގްރޫޕުގެ އަނެއް މެޗުގައި ސްވިޒަލެންޑުން ވަނީ 4-1 އިން ބޮސްނިއާ ބަލިކޮށްފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ކެނެޑާ ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި ގަތަރު ބައްދަލުކުރާނީ ބޮސްނިއާއާއެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކެނެޑާ ކޮލިފައިވި ތިންވަނަ ފަހަރެވެ. މީގެ ކުރިން 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގައި އެ ޤައުމުން ކުޅުނު ތިން މެޗުން ވެސް ބަލިވީ އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އަދި 36 އަހަރުގެ މެދުކެނޑުމަކަށް ފަހު 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައި ލަނޑުތަކެއް ޖެހުނު ނަމަވެސް، އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެހެންކަމުން ރޭގެ މޮޅަކީ ކެނެޑާގެ ފުޓްބޯޅައިގައި ރަން އަކުރުން ފަވާލެވޭނެ ތާރީޚީ ކާމިޔާބީއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top