ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ކްލެސިކް ފުޓްސަލް މުބާރާތް ރޭގައި ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ ރޭ ވަނީ ހަތަރު މެޗު ކުޅެފައެވެ.
ފުރަތަމަ މެޗު
ޓީމް އެޗްޕީއެސްއެން އާއި ހުޅުމާލޭ ހޮސްޕިޓަލް ބައްދަލުކުރި މެޗު 2-6 އިން ކާމިޔާބުކުރީ ހުޅުމާލޭ ހޮސްޕިޓަލެވެ. މި މެޗުގައި އެޗްޕީއެސްއެންގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ސާމިހް އާއި އަޙްމަދު ޝުއޫންއެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާދިލް ޢަބްދުއްރަޙްމާނު 1، ހަސަން ނާއިފް 1، މުޙައްމަދު ޒައިދު 2، އިބްރާހިމް ސޯލިހް 1، ހަސަން ސޮލާހް 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ އާދިލް ޢަބްދުއްރަޙްމާނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާދިލް ޢަބްދުއްރަޙްމާން / ފޮޓޯ: ކުލަބް މޯލްޑިވްސް
ދެވަނަ މެޗު
ކްލެސިކްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކްރިމިނަލް ކޯޓާއި ކުލަބް ޑީޖޭއޭއެވެ. ވާދަވެރިކަން ބޮޑު ފޯރިގަދަ މި މެޗު ވީ 1-1 އިން އެއްވަރެވެ. މި މެޗުގައި ކުލަބް ޑީޖޭއޭގެ ލަނޑު އިބްރާހިމް ޒަޔާން ކާމިޔާބުކޮށްދިންއިރު، ކްރިމިނަލް ކޯޓްގެ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔައިޝް މުސްތަފާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔައިޝް މުސްތަފާ / ފޮޓޯ: ކުލަބް މޯލްޑިވްސް
ތިންވަނަ މެޗު
ޕެމާ އާއި ކުލަބް އަވްސެކް ބައްދަލުކުރި މެޗަކީ މުބާރާތުގެ ތިންވަނަ މެޗެވެ. މި މެޗު ކުލަބް އަވްސެކް ކާމިޔާބުކުރީ 3-5 އިންނެވެ. މި މެޗުގައި ޕެމާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަޙްމަދުﷲ މުޙައްމަދު ކާމިޔާބުކޮށްދިންއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ އަޝްފާޤެވެ. ކުލަބް އެޗްޕީއެސްއެންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒިޔާން 3 ލަނޑު އަދި ތައުމީން ނޫހު އާއި އީމާން އިލްޔާސް، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އަވްސެކްގެ އިބްރާހީމް ޒިޔާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ޒިޔާން / ފޮޓޯ: ކުލަބް މޯލްޑިވްސް
ހަތަރުވަނަ މެޗު

މެޗުގެ މޮޅު ކުޅުންތެރިޔާ ނިމާލް ޚާލިދު / ފޮޓޯ: ކުލަބް މޯލްޑިވްސް
މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ހެލްތު ރެކްރިއޭޝަން ކުލަބް އާއި ކުލަބް އެސްއެމްއީ ޑިޖިޓަލްއެވެ. ފަސޭހަކަމާއިއެކު 4-9 އިން ހެލްތު ރެކްރިއޭޝަން ކުލަބް ކާމިޔާބުކުރި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ޔޫސުފް ޝާހިދު 3 ލަނޑު، ނިމާލް ޚާލިދު 3 ލަނޑު، އާސިފް ހަނީފް 1 ލަނޑު، ޢަބްދުﷲ މުއާޒް 1 ލަނޑު، އަދި އެސްއެމްއީ ޑިޖިޓަލްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް 1 ލަނޑެވެ. ކުލަބް އެސްއެމްއީ ޑިޖިޓަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އަފްއާން 1 ލަނޑު، މަމްދޫހް އިބްރާހިމް 1 ލަނޑު، އާދަމް އާޒިމް 1 ލަނޑު، އިބްރާހިމް އަހްޒަމް 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެލްތު ރެކްރިއޭޝަންގެ ކުލަބްގެ ނިމާލް ޚާލިދެވެ.
