ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާފަރު އެއްވަނައަށް ޖެހިލައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ނ. އަތޮޅުގެ ދެވަނަ ދުވަހުގެ ކުޅުން ނިމުނުއިރު، މާފަރު އެއްވަނައަށް ޖެހިލައިފި އެވެ. ހަތަރު ޓީމުގެ މެދުގައި ކުރިޔަށްދާ ނ. އަތޮޅު މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، މާފަރު ވަނީ ދެ މެޗުން 4 ޕޮއިންޓް ހޯދާފައެވެ. އެ ޓީމާއި އެންމެ ގާތުން ވާދަކުރާ މަނަދޫ އާއި މަގޫދޫއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ޅޮއްސަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ބުރެއް ކުޅެ އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމަށް ފައިނަލްގެ ފުރުސަތު ލިބޭގޮތަށް ރާވާލެވިފައިވާ މި މުބާރާތުގައި އަދި ކޮންމެ ޓީމަކަށް އެއް މެޗު ކުރިޔަށް އޮތްއިރު، ފައިނަލަށް ދިއުމުގެ ފުރުސަތު ހަތަރު ޓީމަށް ވެސް އެބައޮތެވެ.

މެޗު 3

އިއްޔެ ކުޅެވުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗަށް ބަލާލާއިރު، މި މެޗުގައި ބައްދަލުކޮށްފައިވަނީ މަގޫދޫ އާއި މަނަދޫ އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން މަނަދޫ މޮޅުވެފައިވާއިރު، މަގޫދޫގެ ފުރަތަމަ މެޗުން އެ ޓީމު ވީ ބައްޔެވެ.

ފުރަތަމަ މެޗުން ބަލިވި މަގޫދުން މި މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކި މަގޫދޫން ވަނީ މެޗުގެ ކުރީކޮޅު ރަނގަޅު ފުރުސަތެއް ވެސް ހޯދާފަ އެވެ. މަޑުމަޑުން ކުޅުން ރަނގަޅުކޮށް މަނަދޫން ވެސް ވަނީ މަގޫދޫގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ.

މިވެސް ކިޔާލަން:  ދެވަނަ މެޗު ކާމިޔާބުކޮށް ސްޓެލްކޯ އެއްވަނައަށް ޖެހިލިއިރު، ހުޅުމާލޭ ހޮސްޕިޓަލް ފުރަތަމަ މޮޅު ހޯދައިފި

ދެ ޓީމުގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ހިފިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އަދި ލީޑު ނެގުމަށްޓަކައި، ފުރަތަމަ ހާފަށްވުރެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރުސަތު ޔަގީންކުރަން މަނަދޫން މަސައްކަތް ކުރިއިރު މަގޫދޫން މަސައްކަތް ކޮށްފައިވަނީ ފުރަތަމަ މޮޅު ހޯދާށެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ހާފުގެ ކުރީކޮޅު މަގޫދޫން ވަނީ ލީޑު ނަގާފަ އެވެ. މަގޫދޫ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލުމުން މަނަދޫ ކީޕަރު ދިފާއުކުރި ނަމަވެސް، ދެވަނަ ފަހަރަށް އެ ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ ސައުދު މުޙައްމަދު އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ، ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ޓީމުގެ ސައުދު މުޙައްމަދު އެވެ.

މެޗު 4

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ މާފަރާއި ޅޮއްސެވެ. މި މެޗަށް ނުކުތްއިރު މާފަރު ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އަދި ޅޮހި ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. މުބާރާތުގައި ކުރިޔަށް ދިއުމެއް މޮޅެއް ހޯދުން މުހިންމުވެފައި ޅޮއްސަށް އޮތްއިރު، ފައިނަލްގެ ފުރުސަތު ހޯދުމަށް މާފަރަށް ވެސް އޮތީ މެޗު ނުހަނު މުހިންމުކޮށެވެ.

މިވެސް ކިޔާލަން:  އެޗްޑީސީ އާއި އެސްޓީއޯ މެޗު ކާމިޔާބުކޮށް އެއްވަނައަށް ޖެހިލައިފި

މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު ދެ ޓީމުން ރަނގަޅު ދެ ފުރުސަތު ހޯދިއިރު، މަނަދޫން ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔަ ނަމަވެސް، ޅޮއްސަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ހިފި އެވެ. މި ފުރުސަތުގައި ޅޮހިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. ތިންވަނަ މިނިޓްގައި ޅޮއްސަށް މި ލަނޑު ޖަހައިދިނީ މުހައްމަދު ޝުހާދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ މާފަރަށް ލަނޑު ޖަހައިދިނީ އިރުޝާދު އާދަމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމު ކުޅުންތެރިއަކު ބޯޅަ ހިފައިގެން އަރިމަތިން ކުރިޔަށް އަރައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، އޭރިޔާތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ލީޑު ނަގާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ، ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ލަނޑު ޖެހުމަށް ދެ ޓީމުން ކުރަމުން އައި މަސައްކަތް ދެވަނަ ހާފުގައި އިތުރުކުރިއިރު، މި ހާފުގެ ކުރީކޮޅު ޅޮހިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔޫސުފް ތޯރިޝް އެވެ. ތޯރިޝް މި ލަނޑު ޖަހާފައިވަނީ، އެ ޓީމުގެ ރިމާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލު ކުރިމަތީ ހުސްކޮށް ހުރެ އެވެ.

މިވެސް ކިޔާލަން:  މައިކަލް ޖެކްސަންގެ އާ ޑޮކިއުމަންޓްރީ "ދަ ވާޑިކްޓް"

ދެވަނަ ފަހަރަށް މާފަރުން ނަތީޖާ ހަމަހަމަކުރީ އަފްރާހް މުޙައްމަދު ޖަހައިދިން ލަނޑުން ނެވެ. އަފްރާހް މި ލަނޑު ޖަހާފައިވަނީ ޅޮހީ ހާފުގެ މެދަކާއި ހިސާބުން އަރިމަތިން ލިބުނު ފްރީކިކް ގޯލުގެތެރެއަށް ވައްދާލައިގެން ނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނިމުނީ މި ނަތީޖާއާއެކު އެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ހަތަރު ޕޮއިންޓް ހަމަވެ މާފަރަށް ވަނީ އެއްވަނަ ލިބިފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފަރު ޓީމުގެ އަފްރާހް މުޙައްމަދު އެވެ.

މި އަތޮޅުގެ މެޗުތައް ދެން އޮންނާނީ 18 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު މަނަދޫ އާއި މާފަރު ވާދަކުރާއިރު، އެރޭ ބައްދަލު ކުރާނީ ޅޮއްސާއި މަގޫދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top