ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި ޖަރުމަނުން އައިވަރީ ކޯސްޓް ބަލިކޮށްފިއެވެ.
ކެނެޑާގެ ޓޯރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޖަރުމަނު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން ފްރޭންކް ކެސިއޭ ވަނީ ލަނޑެއް ޖަހައި ޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑުގެ ކުރިންނާއި ފަހުން ވެސް ޖަރުމަނުން ގޯލެއް ޖެހުމާ ގާތަށް ދިޔައެވެ. ނަމަވެސް ޑިފެންޑަރު އަލެކްސެންޑާ ޕަވްލޮވިޗާއި ކައި ހަވާޓްޒް ފޮނުވާލި ބޯޅަތައް ގޯލަށް ވަން ނަމަވެސް، ފައުލްތަކަކާ ގުޅިގެން ރެފްރީ އެ ގޯލުތައް ބަލައެއް ނުގަނެއެވެ.
ޖަރުމަނުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޑެނިޒް އުންޑާވްގެ ހުޝިޔާރުކަމުންނެވެ. އުންޑާވް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 68 ވަނަ މިނިޓުގައި ނަދީމް އަމީރީ ނަގައިދިން ހުރަހަކުންނެވެ. މި ދެ ކުޅުންތެރިންނަކީވެސް މެޗުގެ 60 ވަނަ މިނިޓުގައި ކުޅެން ނުކުތް ދެ ކުޅުންތެރިންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އަމީރީއަށް ލިބުނު ރަނުގެ ފުރުސަތެއް ބޭކާރުވި ނަމަވެސް، އޭގެ ތިން މިނިޓު ފަހުން ފެލިކްސް އެންމޭޝިއާ ދިން ބޯޅައަކުން އުންޑާވް ވަނީ ދެވަނަ ލަނޑު ޖަހައި ޖަރުމަން މޮޅުކޮށްދީފައެވެ.
މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި އުންޑާވް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އޭނާ ވަނީ ފުރަތަމަ މެޗުގައި ކިއުރަސާއޯއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ލަނޑެއް ޖަހާފައެވެ. މި ނަތީޖާއާއެކު ޖަރުމަނުން މިވަނީ މުބާރާތުގެ 32 ޓީމުގެ ނޮކްއައުޓް ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ.
މި މޮޅާއެކު ގްރޫޕް އީގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ޖަރުމަނަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އައިވަރީ ކޯސްޓަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ އިކުއެޑޯ އާއި ކިއުރަސާއޯ މިހާތަނަށް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން، ޖަރުމަނުން މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
