ވޯލްޑް ކަޕް ގްރޫޕް އީގައި ކިއުރެސާއޯ އިން ހިތްވަރުގަދަ ކުޅުމެއް ދައްކައި އިކުއެޑޯ ހިފަހައްޓައިފިއެވެ. އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ އެރޯހެޑް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
މިއީ ދޮޅުލައްކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ، އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ކިއުރެސާއޯގެ ތާރީޚުގައި ވޯލްޑް ކަޕުން ހޯދި ފުރަތަމަ ޕޮއިންޓެވެ.
މުބާރާތުގެ ފުރަތަމަ މެޗުން މި ދެ ޓީމު ވެސް ވަނީ ބަލިވެފައެވެ. އިކުއެޑޯ ފުރަތަމަ މެޗުން އައިވަރީ ކޯސްޓް އަތުން 1-0 އިން ބަލިވިއިރު، ކިއުރެސާއޯ ވަނީ ޖަރުމަނު އަތުން 7-1 ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު ދެމެހެއްޓުމަށްޓަކައި މި މެޗުން ތިން ޕޮއިންޓް ހޯދުން ދެ ޓީމަށް ވެސް އޮތީ މަޖުބޫރުވެފައެވެ.
މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދީ އިކުއެޑޯއިންނެވެ. އެގޮތުން އެ ޓީމުން ވަނީ ކިއުރެސާއޯގެ ގޯލަށް ނުރައްކާތެރި 26 ހަމަލާ ފޮނުވާލާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި އިކުއެޑޯގެ ތަޖުރިބާކާރު ފޯވާޑް އެނާ ވެލެންސިއާ ފޮނުވާލި ބާރު ހަމަލާއެއް ކިއުރެސާއޯގެ ކީޕަރު ދިފާއުކުރިއިރު، މެޗުގެ ފަހު ވަގުތު އޭންޖެލޯ ޕްރެސިއާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ކިއުރެސާއޯ އިން މި މެޗުގައި ސުމެއް ހިފަހައްޓާލުމުގެ އެންމެ ބޮޑު ހިއްސާއެއްވީ އެ ޓީމުގެ ގޯލްކީޕަރު އެލޯއީ ރޫމްއެވެ. އޭނާ ވަނީ އިކުއެޑޯގެ ނުރައްކާތެރި 13 ހަމަލާއެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ނެދަލެންޑްސްގެ ޓެރިޓަރީއެއްގެ ގޮތުގައި ކެރީބިއަން ކަނޑުގައި އޮންނަ ކިއުރެސާއޯގެ ކޯޗަކީ ނެދަލެންޑްސްގެ ކުރީގެ ކޯޗު ޑިކް އެޑްވޮކާޓެވެ. ވޯލްޑް ކަޕްގެ ތަޖުރިބާ ހުރި އެޑްވޮކާޓް މި މެޗުގައި ކިއުރެސާއޯގެ ގޭމް އަތުރާލީ ވަރަށް ބޮޑަށް ޑިފެންސިވް އަދި ފިޒިކަލް ކުޅުމަކަށް އިސްކަންދީގެންނެވެ. މި ނަތީޖާއާއެކު ކިއުރެސާއޯ އިން ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ސަމާލުކަން ހޯދާފައެވެ.
