މިހާރު ކުރިޔަށްދާ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން 2026/2027 ކާމިޔާބުކޮށް، މިދިޔަ އަހަރު ވެސް ޕްރިމިއާ ލީގުގައި ކުޅުނު ޓީސީ ސްޕޯރޓްސް ކުލަބާއިއެކު، ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސްބިރު ސްޕޯރޓްސް ކުލަބް އަދި ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ 2026/2027 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވެއްޖެއެވެ.
2025/2026 ގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީމާއި އަށްވަނަ ޓީމު އަދި ސައުތު ރީޖަންގެ ޗެމްޕިއަން އާއި ނޯތުގެ ރީޖަންގެ ޗެމްޕިއަންގެ އިތުރުން ސެންޓްރަލް ރީޖަންގެ ޗެމްޕިއަން އާއި މާލޭ ރީޖަންގެ ޗެމްޕިއަން ވާދަކުރާ، ލީގު ކޮލިފައިންގެ އެންމެ ކުރި ހޯދާ ހަތަރު ޓީމަށް 2026/2027 ގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭގޮތަށް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމް އިން މިހާރު ވަނީ ބަދަލު ގެނެސްފައެވެ.
ލީގު ކޮލިފައިން ބުރު ނިމުމަކާއި ހަމައަށް ގޮސްފައިވާއިރު، 10 ޕޮއިންޓާއިއެކު އެއްވަނައިގައި މިވަގުތު އޮތް ބިސްބުރާއި 7 ޕޮއިންޓާއިއެކު ދެވަނައިގައި އޮތް ޓީސީ އަދި 7 ޕޮއިންޓާއިއެކު 3 ވަނައިގައި އޮތް ދިއްދޫއާ ހަމަކުރުމުގެ ފުރުސަތު އެހެން ޓީމަކަށް ނެތްއިރު، ލީގުގެ ހަތަރުވަނަ ޖާގަ ހޯދުމުގެ ފުރުސަތު، ނިމުނު ލީގުގެ 8 ވަނަ ހޯދި ގްރީން ސްޓްރީޓާއި ސައުތު ރީޖަންގެ ޗެމްޕިއަން ގައްދޫއަށް ވެސް އެބައޮތެވެ. ލީގު ކޮލިފައިންގެ 6 ވަނައިގައި އޮތް ހުރާއަށް ވެސް އަދި ފުރުސަތެއް ނުގެއްލެއެވެ.
ލީގު ކޮލިފައިން މި ހަފުތާގެ މެޗުތަކަށް ބަލައިލާއިރު، ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާއި ދިއްދޫ ވާދަކޮށް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ބިސްބުރާއި ހުރާއެވެ.
ރޭ ކުޅެވުނު މި މެޗުގެ ލީޑު ނެގީ ހުރާއިންނެވެ. ހަވަނަ މިނިޓްގައި މި ލަނޑު ޖަހައިދިނީ މުޙައްމަދު މާއިސް މައުސޫމްއެވެ. ހުރާއިން އާކުރި އުންމީދަށް މާގިނައިރެއް ނުވެ ބިސްބުރުން ވަނީ ނިމުން ގެނެސްފައެވެ. 23 ވަނަ މިނިޓްގައި މުޙައްމަދު ނަޝީދުގެ ލަނޑުން ބިސްބުރު ހަމަހަމަކުރިއެވެ. އަލުން އެނބުރި ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތްކުރަމުންދިޔަ ހުރާގެ އޮލުމިޑޭ ފްރާންސިސް ދެވަނަ ފަހަރަށް ހުރާއަށް ލީޑު ނަގައިދިންއިރު، ސާދު އަބްދެލް އަޒީޒް އެ ލީޑު ފުޅާކޮށްދިނެވެ. ދެވަނަ ފަހަރަށް ހުރާއިން އާކުރި އުންމީދަށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާ ވެސް ބިސްބުރުން ވަނީ ނިމުން ގެނެސްފައެވެ. މަހުމޫދު މުސްތަފާގެ ލަނޑުން ނަތީޖާ ހަމަހަމަކުރުމާއި ގާތަށް ބިސްބުރުން ޖެހިލިއިރު، ހުރާގެ އޮލުމިޑޭ ފްރާންސިސް އަތުން ބައިކޮޅަށް ވަތް ލަނޑުން ނަތީޖާ ހަމަހަމަވިއެވެ.
ފަހަތުން އަރައި މޮޅުވެ، ލީގު ކޮލިފައިންގެ އެއްވަނައަށް ޖެހިލި ބިސްބުރުން ފަހު ހާފުގައި ތިން ލަނޑު ޖެހިއެވެ. ބިސްބުރަށް މި ލަނޑުތައް ޖަހައިދިނީ އާމިރު އެލްސަދެކް މުހައްމަދުގެ އިތުރުން މަހުމޫދު މުސްތަފާއެވެ. މި ހާފުގައި މަހުމޫދު މުސްތަފާ ޖެހި ދެ ލަނޑާއިއެކު އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.
ލީގު ކޮލިފައިންގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ގައްދޫއެވެ. މި މެޗުން ގައްދޫ މޮޅުވެއްޖެނަމަ އެ ޓީމަށް 2026/2027 ދިވެހި ފްރިމިއާ ލީގުގެ ހަތަރުވަނަ ޖާގަ ލިބޭނެއެވެ.
