ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުރައިން މީދޫ ލަދުގަންނަވާލައިފި!
ފޮޓޯ: ހުރާ ކޮމިއުނިޓީ ފޭސްބުކް

މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަން ލީގުގައި ހުރާ ކޮމިއުނިޓީން ދ. މީދޫ ފުޓްބޯޅަ ޓީމު ލަދުވެތި ގޮތަކަށް ބަލިކޮށްލައިފިއެވެ.

ހުރާ ދަނޑުގައި މިއަދު ކުޅެވުނު މި މެޗަކީ މި ރީޖަންގެ ފަސްވަނަ މެޗެވެ.

ކުޅުނު ދެ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މީދޫ މި މެޗާއި ކުރިމަތިލީއިރު ހުރާއަކީ ގުރޫޕްގެ 3 ވަނަ ޓީމެވެ.

މެޗު ފެށިގޮތަށް ހުރާއިން ވަނީ މުޅި ޓީމު ކުރިއަށް އަރައި ލަނޑެއް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. ގާތްގާތުގައި އުފެއްދި ދެ ހަމަލާ ބޭކާރުވި ނަމަވެސް، ލިބުނު ތިންވަނަ ފުރުސަތުގައި ހުރާއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ.

ހަތަރު ވަނަ މިނިޓްގައި ހުރައަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ތަސްމީން (ތައްތި) އެވެ. ހުރާ ޓީމުގެ ކުޅުންތެރިއަކު މީދޫގެ އޭރިޔާ ތެރެއަށް މަތިމަތިން ނަގައިދިން ހުރަސް ތަސްމީނަށް ލިބުނުއިރު އޭނަ ހުރީ ހުސްކޮށެވެ. ބޯޅަ މަތީގައި އޮއްވައި އެއްފަހަރުން ތަސްމީން ފޮނުވާލި ބޯޅަ މަތިމަތިން ގޮސް ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ ދުރު ކަނަށެވެ.

މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ދެވަނަ ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ހުރައަށް ލިބި ވަނީ ބޭނުން ނުކުރެވިފައެވެ.

ކުރިން ކުޅުނު ދެ މެޗަށްވުރެ ރަނގަޅު ކުޅުމެއް ހުރާގެ ފަރާތުން ފެނުނު މި މެޗުގައި ހުރާއިން ދެވަނަ ލަނޑު ޖެހީ 14 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަސިއާ ގޯމޭޒް އަލްވަރޭސްއެވެ. ހުރާ ކުޅުންތެރިއަކު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯމޭޒް ގޯލްގެ ތެރެއަށް ފޮނުވާލީ ހުސްކޮށް ކުރިޔަށް އަރައެވެ.

ހުރައިން މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ތަސްމީން ވަނީ އެ ޓީމަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. 17 ވަނަ މިނިޓްގައި ތަސްމީން ކާމިޔާބުކޮށްދިން މި ލަނޑަކީ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ މީދޫ ޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ވަރަށް ހަމަޖެހިލައިފައި، ތިރިތިރިން ކީޕަރުގެ ދުރު ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުރައިން ވަނީ އެ ޓީމުގެ 4 ވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އަސިއާ ގޯމޭޒް އަލްވަރޭސް އެވެ. މިއީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

ފުރަތަމަ ހާފު 4-0 އިން ހުރާ ކުރީގައި އޮވެގެން ނިމުނު ނަމަވެސް، ލަނޑު ޖަހަން އެ ޓީމަށް ލިބުނު ވަރަށް ގިނަ ފުރުސަތު ބޭނުން ނުކުރެވި ވެސް ދިޔައެވެ.

ދެވަނަ ހާފުގައި ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް މީދޫ ޓީމުން ވަނީ ދައްކައިފައެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ވަނީ ހޯދައިފައެވެ. އެގޮތުން 73 ވަނަ މިނިޓްގައި ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. މުޅިން ހުސްކޮށް ގޯލު ކުރިމަތީ ހުރެ އެ ޓީމުގެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެއެވެ.

މީދޫ ޓީމުން ކުޅުން ރަނގަޅުކުރި ނަމަވެސް އެ ޓީމަށް ލަނޑެއް ނުޖެހި އުޅެނިކޮށް ހުރައިން ވަނީ އެ ޓީމުގެ 5 ވަނަ ލަނޑު ޖަހައިފައެވެ. 85 ވަނަ މިނިޓްގައި ހުރައަށް ލަނޑު ޖަހައިދިނީ ފައިޒާންއެވެ.

މި މެޗުން މޮޅުވެ ގުރޫޕްގެ ދެވަނައަށް ހުރާ ޖެހިލިއިރު، މި މެޗުން ބަލިވި މީދޫ އަދިވެސް އޮތީ މި ރީޖަންގެ އެއްވަނައިގައެވެ.

މި ރީޖަންގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ކުޑަހުވަދޫ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ކުޑަހުވަދޫ އާއި މަހިބަދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top