ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ސޯޅަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ޒޯޔާ ކެފޭއިން ނުކުތް ވަގުތު ކާރު މަތީގައި އޮތް ގިޓާ ފެނުނެވެ. އޭނާ ވަރަށް ޝައުޤުވެރިކަމާއެކު ބަލަމުން ގޮސް އެ ގިޓާގައި މަޑުމަޑުން އަތް ހިންގާލިއެވެ. އޭނާއަށް ތަފާތު އިޙުސާސެއް ކުރެވުނެވެ. އޭނަ ގިޓާ ނަގައި އޭނަގެ ގައިގައި ޖައްސާލައިގެން މަޑުމަޑުން އޭގެ ނަރުތަކުގައި އަތް ހިންގާލިއެވެ. ކުރެވުނު ތަފާތު އިޙުސާސް ފުންވިއެވެ. ދެލޯ މަރާލެވުނެވެ.

ކުއްލިއަކަށް ޒޯޔާއަށް ލޯ ހުޅުވާލެވުނީ މީހަކު އޭނާގެ އަތުން ގިޓާ ދަމައިގަތީމައެވެ. ގިޓާގެ ނަރުތަކުގައި އިނގިލިތައް އެޅުނު ގޮތުން އޭނައަށް ކުޑަކޮށް ތަދުވެސް ވިއެވެ. ނަމަވެސް ކުރިމަތީގައި އޭނައާ ދިމާއަށް ލޯ އަޅައިގެން ހުރި އަޔާން ފެނުމުން އޭނާ އެކަން ފޮރުވިއެވެ.

“މިއަދު ގިޓާ، މާދަމާ އެހެން އެއްޗެއް. ވައްކަން ކުރުމަކީ ކަލޭގެ ކުޑައިރުގެ އާދައެއްތަ؟ އޭނ؟” އަޔާން ރުޅިއައިސްފައި އެހިއެވެ.

ޒޯޔާ ވަރަށް ފަރުވާތެރިކަމާއެކު ގިޓައަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ގިޓައިން އޭނައަށް ތަފާތު އިޙުސާސެއް ކުރުވައިފިއެވެ. އޭނާ އެ ގިޓައަށް ބަލަމުން ދިޔައީ ގެއްލިފައިވާ ހަޤީޤަތެއް ހޯދާ މީހަކު ފަދައިންނެވެ.

“މިއީ ކަލޭގެ ގިޓައެއްތަ؟” ޒޯޔާ މަޑުމައިތިރިކަމާއެކު އެހިއެވެ.

“ނޫނޭ. މީ ކަލޭގެ އެއްޗެއް. ކަލޭ އަހަންނަށް ހަދިޔާކުރީނު. ހަނދާނެއް ނެތްތަ؟” އަޔާން ޖެއްސުމުގެ ރާގުގައި ބުންޏެވެ.

ޒޯޔާ އަދިވެސް ބަލަހައްޓައިގެން ހުރީ އެ ގިޓައަށެވެ.

“މީގެ ފަހުން އަހަރެންގެ އެއްޗެހީގައި އަތްނުލާތި! އެނގިއްޖެތަ؟” ރުޅިވެރިކަމާއެކު އަޔާން އަމުރުކުރިއެވެ.

“އަޔާން. ޕްލީޒް. ހިނގާބަލަ. ގެލެރީގެ ވަރަށް ގިނަ މަސައްކަތް އެބަހުރި، އެކަންތައް ނިންމާލަން ހިނގާ.” އެ ޒުވާބު ދިގުލާން ފެށުމުން ނަތާޝާ ބުނެލިއެވެ.

ޒޯޔާ ކުޑަކޮށް ވިސްނުމެއްގައި ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދަ ގޮތަކަށް ހުރެލާފައި ކެފޭއަށް ވަންނަން ހިނގައިގަތެވެ. އަޔާންވެސް އެވަގުތު ހިނގައިގަތުމުން ނަތާޝާ އޭނައަށް ގޮވިއެވެ.

“މިހާރު ކޮންތާކަށް ތިދަނީ؟”

“ސާމާނުތައް ބާލަން.” އަޔާން ބުނެލިއެވެ.

އަޔާން އާއި ނަތާޝާ ސާމާނުތައް ހިފައިގެން އެތެރެއަށް ވަންތާ އިރުކޮޅެއް ފަހުން އާޓް ގެލެރީ ކުރިމައްޗަށް އަގުބޮޑު ހުދުކުލައިގެ ކާރެއް މަޑުކޮށްލިއެވެ. އަދި ފޯނެއްގައި ހުރެ ކާރުން ފޭބިއެވެ. އަދި ހައިރާންވެގެން ބަލަން ހުއްޓެވެ.

“އާޓް ގެލެރީ މިހިރީ ޒޯޔާގެ ކެފޭ ކުރިމަތީގައި. ހަމަ ހައިރާންވެއްޖެ. އަހަންނަށް ނޭނގުނީ ކީއްވެބާ؟” އާފިޔާ އަމިއްލަ ނަފުސަށް ބުނާހެން ބުނެލިއެވެ.

“އާނ ރަނގަޅު. އަހަރެން ފަހުން ގުޅާލާނަން.” ފޯނު ބޭއްވުމަށްފަހު އާފިޔާ އެއްފަހަރު ކެފޭއަށް އަނެއް ފަހަރު އާޓް ގެލެރީއަށް ބަލައިލިއެވެ.

“ޒޯޔާ ދުވަހަކުވެސް މިވާހަކައެއް ނުބުނޭ.” އާފިޔާ ކެފޭއަށް ބަލަހައްޓައިގެން ހުރި ވަގުތު ނަތާޝާ އާޓް ގެލެރީއިން ނުކުމެގެން ގޮސް ކާރަށް އެރިއެވެ. އޭނާއަކަށް އާފިޔާއެއް، އަދި އާފިޔާއަކަށް ނަތާޝާއެއް ވެސް ނުފެނެއެވެ.

އާފިޔާ އާޓް ގެލެރީ ތެރެއަށް ވަނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެތަނުގައި ހުރީ ހަމައެކަނި ބަންދުކޮށްފައިވާ ކުރެހުންތަކާއި އެހެނިހެން ސާމާނެވެ. އާފިޔާ ކުޑަކޮށް ކެއްސާލާ ގޮތް ވިއެވެ.

“މި ހިރަފުސްތަކަށް އަހަރެން އެލާޖިކް ވާއިރުވެސް މިތަނަށް އަންނަން މި ޖެހުނީ.” މަޑުމަޑުން އާފިޔާ ބުނެލިއެވެ.

“ހަލޯ، އެއްވެސް މީހަކު އެބައުޅޭތަ؟” ވަށައިގެން ބަލައިލަމުން އާފިޔާ ތަންކޮޅެއް ބާރަށް އަހާލިއެވެ. އެވަގުތު މަތިން މީހަކު އުޅޭ އަޑު އިވިގެން އޭނާ ސިޑިއާ ދިމާލަށް ބަލާލިއެވެ. އަދި އެވަގުތު ބޮޑު ފޮށިގަނޑެއް ހިފައިގެން ސިޑިން ފައިބަން އައި ފިރިހެނެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ފޮށިގަނޑުގެ ސަބަބުން އޭނާއަކަށް އެމީހާގެ މޫނެއް ނުފެނެއެވެ.

“އެކްސްކިއުޒް މީ. އާޓިސްޓް ކޮބާތަ؟” އާފިޔާގެ އަހާލިއެވެ.

އަޔާން ކުޑަކޮށް ފޮށިގަނޑު ތިރިކޮށްލާފައި ބަލައިލިއެވެ. ކިރިޔާ ލޯ ފެންނަވަރަށް ފޮށިގަނޑު ތިރިކޮށްލި އަޔާންއަށް އާފިޔާ ފެނުމާއެކު އަތުން ފޮށިގަނޑު ދޫނުވީ ކިރިޔާއެވެ.

“އެ ވަގު އަންހެނާގެ މަންމަ! މިތާ ކީއްކުރަނީ!؟” އަޔާންގެ ހިތަށް އެރިއެވެ.

“އޭނަވީ ބޭރަށް ގޮސް.” އަޔާން ކުޑަކޮށް އަޑު ބަރުކޮށްލަމުން ބުނެލިއެވެ.

“އަހަރެން މިތަނަށް ގެނެސްފައި އޭނަ ކޮންތާކަށް ދާކަށް؟” އާފިޔާ ހިތްހަމަނުޖެހުނެވެ.

“އޭނަ ދިޔައީ ކަމެއްގައި ބޭރަށް. މިވަގުތަކު ނާދެވޭނެ.” އަޔާން ބުނެލިއެވެ.

“ވަޓް!؟” ހިތްހަމަނުޖެހުމާއެކު އެހެން ބުނެފައި އާފިޔާ ފޯނުން މީހަކަށް ގުޅިއެވެ. އެއީ ޑީލަރެވެ.

“އަހަރެން މިހިރީ އާޓް ގެލެރީގައި މަޑުކޮށްގެން. އެ އާޓިސްޓެއް މިތާކު ނެތް.” އާފިޔާ ނުރުހުމާއެކު ބުންޏެވެ.

“ނެތޭ!؟ އަހަރެން މި ގުޅާލަނީ.” އެކޮޅުން ޑީލަރު ބުންޏެވެ.

“އާނ ޕްލީޒް.” ފޯނު ކަނޑާލިއެވެ.

“ސްޓުޕިޑް. އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް.”

މިނެޓެއްވެސް ނުވަނީސް އެތާ ތެރޭގައި ގުގުމާލީ ފޯނެއްގެ ރިންގު އަޑެވެ. އާފިޔާ ވަށައިގެން ހޯދާލިއެވެ. އަޔާންއަށް ދެލޯ މަރާލަމުން ޕިސް ޖަހާލެވުނީ އެއީ އޭނާގެ ފޯނު ވީމައެވެ. ފޯނު އޮތީ އާފިޔާ ހުރި ދިމާލުން ތަންކޮޅެއް އެތެރޭ މޭޒެއްގެ މަތީގައެވެ. ވުމާއެކު އޭނައަށް އާފިޔާ ކުރިމައްޗަށް ނުގޮސް ވާނެ ގޮތެއް ނެތްކަން އެނގުނީމައެވެ.

އާފިޔާ ފޯނު އޮތް މޭޒާއި ކައިރިވެލި ވަގުތު ކުއްލިއަކަށް އަޔާން އައިސް ފޯނު ނެގިއެވެ. އާފިޔާއަށް ލިބުނު ސިހުމުގައި ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ.

“މީ އަހަރެންގެ ފޯނު.” އަޔާން ފޯނު ދައްކާލަމުން ބުނެލިއެވެ.

“ކަލޭ؟” އާފިޔާ އެހެން ބުނެލި ވަގުތު އަޔާން އަތުން އިޝާރާތްކޮށް މަޑުކުރަން ބުނެފައި ފޯނަށް ޖަވާބު ދިނެވެ.

“ހަލޯ، އަހަރެން މިހިރީ މިތާނގަ.” އަޔާން ބުނެލިއެވެ.

“އެކަމަކު އެ ކްލައިންޓް ބުނި އާޓިސްޓް ނެތޭ.” ޑީލަރު ބުންޏެވެ.

“ވަޓް؟ އޭނައާ ހަވާލުކުރަންވީ؟ އޯކޭ.” އަޔާންގެ މޫނުމައްޗަށް އެރި ކުލަވަރުން އާފިޔާގެ މޫނުގެ ކުލަ ބަދަލުވިއެވެ. ފޯނު ކަނޑާލާފައި އަޔާން ބަލާލިއެވެ.

“ކަލޭތަ އެ އާޓިސްޓަކީ؟ މި ގެލެރީއަކީ ވެސް ކަލޭގެ ތަނެއް؟” އާފިޔާ އަހާލިއެވެ.

“ޤަބޫލެއް ނުކުރެވޭތަ؟ ކޮންޓްރެކްޓް ގެނެސް ދައްކަންވީތަ؟” އަޔާންވެސް ކުރީ ސުވާލެކެވެ. ނަމަވެސް އެ ސުވާލު ޖަވާބަކަށް ފުދެއެވެ.

“ޒޯޔާގެ ކެފޭ ކުރިމަތީގައި ކަލޭގެ އާޓް ގެލެރީ؟” އާފިޔާ އަނެއްކާވެސް އެހިއެވެ.

“އެއް ސުވާލެއް ތަކުރާރު ކުރިޔަސް ޖަވާބެއް ބަދަލެއް ނުވާނެ މެޑަމް. ބައިދަވޭ، އަސްލު ޕޮއިންޓަށް ދަމާ. މެޑަމްގެ ކުރެހުން ހުރީ ތައްޔާރުވެފައި.” އަޔާން އެހެން ބުނެފައި ކުރެހުން ބަލައި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.

“އައްދޭ! ހަމަސް ވަންދެން އަހަރެންގެ ކުރެހުން ލަސްކޮށްފަ މިއަދު ކުއްލިއަކަށް އަސްލު ޕޮއިންޓަށް އަންނަން ޖެހުނީ ކިހިނެއްވީ އަޔާން؟” އާފިޔާގެ ވާހަކައިން އަޔާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

އަޔާން އެނބުރި ބަލައިލިއިރު އޭނާގެ މޫނުމަތީގައިވަނީ އެތައް ސުވާލެއް އުފެދިފައެވެ. އާފިޔާއަށް އެންމެ ބައްދަލުވުމަކުން އޭނާގެ ނަން ހަނދާން ހުރީ ކިހިނެއް ހެއްޔެވެ؟ އެ ބައްދަލުވުމުން އާފިޔާ އޭނައާ ނުރުހޭކަން ވަނީ ޔަޤީންވެފައެވެ. އެހާ ނުރުހޭ މީހެއްގެ ނަން އެންމެ ބައްދަލުވުމަކުން ހަނދާން ހުރުމަކީ ހައިރާންވާނެ ކަމެއްތާއެވެ.

“އަޔާން!؟” އަޔާން އެހެން ބުނެލުމުން އާފިޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނައަށް އެ ބުނެވުނީ ބުނަން ނުވާ އެއްޗެއްކަން ވިސްނުނީ ދެނެވެ.

“އެންމެ ބައްދަލުވުމަކުން އަހަރެންގެ ނަން ހަނދާން ހުރީ ކިހިނެއް؟”  އަޔާން އެހިއެވެ.

“އެއީ.. އެއީ.. އެއީ ކަލޭގެ އާއިލާ މީހުން އެވަރަށް ހަޅޭއްލަވަލަވާފައި ގޮވާއިރު ހަނދާން ހުންނާނެއެއްނު. ތިކަހަލަ މެދުފަންތީގެ މީހުން. ދެން އެހެންނޫނަސް، އާޓިސްޓަކީ ކަލޭކަން އެނގުނުނަމަ އަހަރެން އެ ކުރެހުމަކަށް އޯޑަރެއް ނުދިނީމުސް.” އާފިޔާ އަޔާންގެ މޫނަށް ނުބަލަންވެގެން ދުރަށް އެނބުރުނެވެ.

“ހީވަނީ އަހަރެމެންނާ ކޮންމެވެސް ކަހަލަ ޒަމާންވީ ދުޝްމަންކަމެއް އޮތީހެން. ކީއްވެ؟” އަޔާން އެހިއެވެ.

އާފިޔާ އެއްވެސް އެއްޗެކޭ ނުބުނެ ބޭރަށް ހިނގައިގަތީ އޭނާގެ ރުޅިގަނޑު ފަޅައިގެން ގޮސް ބުނަން ނުވާ އެއްޗެއް ބުނެވިދާނެތީއެވެ. އޭނައަށް ބުނެވޭ އެއްޗަކުން އަޔާންގެ ހިތުގައި ޝައްކު އުފެދި އޭނާ އެކަމާ ވިސްނައިގެން ހަނދާންތައް އެނބުރި އަންނާކަށް އާފިޔާ ބޭނުމެއް ނޫނެވެ. އޭރުން އަނެއްކާވެސް އެ ހުރިހާ ދުވަހުގެ މަސައްކަތް ބޭކާރުވީއެވެ.

“އޭތް މެޑަމް. ކޮންތާކަށް ތިދަނީ؟ ދަރިފުޅުގެ ކެފޭއަށްތަ؟ ބޭނުމިއްޔާ އަހަރެން މިތަނަށް ކޮފީ ގެނުވަފާނަން. ކެފޭ އެހެރީ ޖެހިގެން ދިމާ ކުރިމައްޗަށް. މިތަނުން ކެފޭއާއި މެޑަމްގެ ދަރިފުޅުވެސް ވަރަށް ރީތިކޮށް ފެނޭ.” އަޔާންގެ ވާހަކަ އެހިސާބަށް ދިޔުމުން އާފިޔާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ.

“ގޯ ޓު ދަ ހެލް ވިތު ޔޯރ ޕެއިންޓިންގް. އަހަރެންގެ ދަރިފުޅުގެ ކެފޭ ކުރިމަތީގައި އާޓް ގެލެރީއެއް ހުޅުވަން ކަލެއަށް ކެރުނީ ކިހިނެއް؟” އާފިޔާގެ ބަސްތަކުން އަޔާން ހައިރާންވިއެވެ.

“ތީ އަޖައިބެއް ކަހަލަ މީހެއް. އަހަރެންގެ އަމިއްލަ ގެލެރީގައި ހުރެގެން އަހަންނަށް އިންޒާރު ތިދެނީ. ކަލޭމެން ހީކުރަނީ މުޅި ދުނިޔެއަކީ ކަލޭމެން ގަނެފައި އޮތް އެއްޗެއް ކަމަށްތަ؟ ކަލޭގެ ތި ބޮޑާކަމާ ހެދި އަހަރެންގެ ބޭބެ ކަލޭމެންނާއެކު ވިޔަފާރިކުރަން ދެކޮޅު ހެދީ.” އަޔާން ބުނެލިއެވެ.

“ވަޓް؟ ކަލޭގެ ބޭބެ އަހަރެމެންނާއެކު ވިޔަފާރިކުރަން؟ ފޮގެޓް އިޓް. އަދި އަޑުއަހާ. އަހަރެންގެ ދަރިފުޅާ ގާތްވާން މަސައްކަތް ނުކުރާތި!” އާފިޔާ އޭނާގެ ޝަހާދަތް އިނގިލި އަޔާންއާ ދިމާލަށް ދިއްކޮށްލަމުން އިންޒާރެއް ދިނެވެ.

“އޯ މެޑަމް. އަހަރެން ކަލޭގެ އަދި ކަލޭގެ ދަރިފުޅުގެ ކައިރިއަށް ދާކަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް. މިހިރީ ކުރެހުން. އަގު ދައްކާފަ އަވަހަށް ގެންދޭ.” އަޔާން ވަރަށް ސާފު ބަހުން އެތަނުން ނުކުންނަން އެންގިއެވެ.

“ކިހާ ފުރިހަމަ. ކަލޭ ހީކުރީ މި ހުރިހާ ކަމެއް އެނގުނީމަ، ކަލޭ ކުރެހި އެއްޗެއް އަހަރެން ގަންނާނެ ކަމަށްތަ؟ ފޮގެޓް އިޓް!” އާފިޔާ މަލާމާތުގެ ރާގެއްފައި ބުންޏެވެ.

“ޔަޤީނުންވެސް ކަލޭ ޖެހޭނީ އެ ގަންނަން. އަދި އޭގެ ފައިސާވެސް ދައްކަން ޖެހޭނެ.” އަޔާން ޔަޤީންކަމާއެކު ބުނެލިއެވެ.

“ދުވަހަކުވެސް ނުވާނެ. ޖަސްޓް ވެއިޓް އެންޑް ވޮޗް!” އާފިޔާ ބުންޏެވެ.

“އޭތް. ތިހެންނެއް ނުހެދޭނެ.” އަޔާން ބުނެލިއެވެ.

“އަހަރެން ހަދާނީ ހަމަ އެހެން. ކަލެއަށް ކުރެވުނު ކަމެއް ކުރޭ.” އެހެން ބުނުމަށްފަހު އާފިޔާ އެތަނުން ނުކުމެގެން ދިޔައީއެވެ. އޭނާ އެދިޔަ ބާރުމިނުގައި ގޮސް ވަނީ ޒޯޔާގެ ކެފޭއަށެވެ. އަދި ޒޯޔާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ގެންދިޔައެވެ.

“އެ އަޔާން މިތާ ކީއް އެކުރަނީ؟” އާފިޔާ އެހިއެވެ.

“މަންމާ. އިއްޔެ އޭނަ އެތަން ގަނެގެން އެ އައީ. އަހަރެން ބެލިން އޭނައަށްވުރެ ގިނަ ލާރި ދީގެން އޭނައަށް ލިބުނަނުދީ ވޭތޯ. އެކަމަކު އެކަން ކާމިޔާބެއް ނުވި.” ޒޯޔާ އެހެން ބުނެލީ ބޮޑު ހަނގުރާމައަކުން ނާކާމިޔާބީއެއް ލިބުނު މީހަކު ފަދައިންނެވެ.

“ތިހާ ބޮޑަށް އޭނަގެ ކަންތައްތައް ބަލަނީ ކީއްވެ؟” އާފިޔާ އެހިއެވެ.

“މަންމާ. ދުޝްމަނުންގެ ޚަބަރު ބަލަން ޖެހޭނެއެއްނު. އަނެއްކާ އޭނަ މިހާރު އެހެރީ ސީދާ އަހަރެންގެ ކުރިމަތީގައި ފިހާރައެއް ހުޅުވައިގެން. ބޭނުން ނުވިޔަސް ހުރިހާ ކަމެއް ފެންނާނެ.” ޒޯޔާ ބުނެދިނެވެ.

“ބުނެބަލަ. އެރޭ ޝޯވގެ ފަހުން އޭނައާ ބައްދަލުވިތަ؟” އާފިޔާ އެހިއެވެ.

“އާނ. އިއްޔެއާ މިއަދުވެސް. އަދި މިއަދު އަހަރެން..”

“އިއްޔެއާ މިއަދުވެސް؟ ޒޯޔާ! ތިވާހަކަ އަހަރެން ގާތަކު ނުބުނަމެއްނު. ކީއްވެގެން އެ ފިރިހެންކުއްޖާގެ ކަންތައްތައް އަހަންނަށް ސިއްރުކުރަނީ؟” ޒޯޔާގެ ވާހަކަ މެދުކަނޑާލަމުން އާފިޔާ އެންމެ ފަހުބައި ބުނެލީ ހިތްހަމަނުޖެހިފައެވެ.

“މަންމާ! މީގައި ސިއްރުކުރާނެ ކަމެއް ކޮބާ؟ އަހަރެން އެކަން އެހާ މުހިންމު ކަމަކަށް ނުދެން. އެހެންވެ ނުބުނީ.” ޒޯޔާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

“މުހިންމު ކަމެއް ނޫނޭ؟ ހަނދާން ނައްތާނުލާ އެއީ ޒޯޔާ ކޮޓަރީގައި ބަންދުކުރި މީހާކަން. އޭނައަކީ ނުރައްކާތެރި މީހެއް. އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އެކަމަކުވެސް ތިބުނަނީ މުހިންމު ކަމެއް ނޫނޭ؟ ކަމޯން ޒޯޔާ.” އާފިޔާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން މަސްހުނިވެގެން އުފެދިފައިވާ ކުލަވަރެކެވެ.

“މަންމާ. އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސު ރައްކާތެރިކުރަން އެނގެޔޭ. ތިހާ ބޮޑަށް ހާސްނުވެބަލަ. ޕްލީޒް! އޯކޭ.” ޒޯޔާ އާފިޔާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

“ރާޔާ! ނިކަން އަވަހަށް މަންމައަށް އައިސް ޓީއެއް ގެނެސްދީބަލަ.” ކައުންޓަރުގައި އިން ރާޔާއަށް ގޮވާލާފައި ޒޯޔާ ބުނެލިއެވެ.

“ޒޯޔާ!” އާފިޔާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ.

“މަންމާ! ކަންބޮޑުނުވެބަލަ. ކޮންމެއަކަސް، އެ ރަތް ޓީޝާޓާ އޭނަގެ އާއިލާ އަހަންނަށް މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ.” ޒޯޔާގެ ވާހަކައިން އާފިޔާ ސިހިފައި ކުއްލިއަކަށް ޒޯޔާގެ މޫނަށް ބަލައިލިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top