މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ނިއުޒިލޭންޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައި މިސްރުން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި، ރާއްޖެ ގަޑިން ހެނދުނު ހައެއް ޖެހިއިރު ފެށި މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ނިއުޒިލޭންޑެވެ.
ގިނަ ފުރުސަތުތަކެއް ފަހިކުރި ނިއުޒިލޭންޑުން ވަނީ 15 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފިން ސާމަން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ މިސްރަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފިއެވެ.
ދެވަނަ ހާފުގައި މިސްރުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ގާތްގާތުގައި ގިނަ ފުރުސަތުތަކެއް މިސްރުން ފަހިކުރިއިރު، އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 58 ވަނަ މިނިޓްގައެވެ. މި ލަނޑު މިސްރަށް ޖަހައިދިނީ މުސްތަފާ ޒިކޯއެވެ.
ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދުމަށް މަސައްކަތްކުރަމުންދިޔަ މިސްރަށް ލީޑު ނަގައިދިނީ، މިސްރަށް ނިސްބަތްވާ މަޝްހޫރު ތަރި މުޙައްމަދު ސަލާހްއެވެ. 68 ވަނަ މިނިޓްގައި ސަލާހް ޖަހައިދިން މި ލަނޑަކީ، ފުރަތަމަ ލަނޑު ޖަހައިދިން މުސްތަފާ ޒިކޯ އާއި ދެ ކުޅުންތެރިން ގުޅިގެން އުފެއްދި ރަނގަޅު ފުރުސަތެއްގައި ސަލާހް ޖަހައިދިން ލަނޑެކެވެ. މިއީ ސަލާހް މިސްރަށް ޖަހައިދިން 68 ލަނޑެވެ.
ފަހަތުން އަރައި މޮޅުވި މިސްރުން ލީޑު ފުޅާކުރީ 83 ވަނަ މިނިޓްގައެވެ. ސަލާހް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ މަހްމޫދު ޓްރެޒެގޭއެވެ.
މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއިއެކު މިސްރުން ގުރޫޕްގެ އެއްވަނައަށް ޖެހިލީ ހަތަރު ޕޮއިންޓާއި ފައިދާ ދެ ލަނޑާއި އެކުއެވެ. މި ގުރޫޕްގެ ދެވަނައިގައި އޮތް އީރާނާއި ތިންވަނައިގައި އޮތް ބެލްޖިއަމްއަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ނިއުޒިލޭންޑަށް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.
