ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓައިންމަންޓުން އެ ކުންފުނީގެ 43ވަނަ ޕްރޮޖެކްޓްގެ ޝޫޓިންގ ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮޖެކްޓަށް މިވަގުތު ދީފައިވާ ކޯޑު ނަމަކީ “.އެމްބީޑަބަލިޔޫ.” އެވެ. މި ފިލްމުގެ ޝޫޓިން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މި ފިލްމުގެ ރަސްމީ ނަން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފިލްމުގެ ޝޫޓިންގ މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ބެލުންތެރިންނަށް މި ފިލްމު
ފެނިގެންދާނެ ތާރީޚު މިހާރު ވަނީ އިއުލާނުކޮށްފައެވެ.
ޑާކް ރެއިން އިން މައުލޫމާތު ދޭ ގޮތުގައި “އެމްބީޑަބަލިޔޫ” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައެވެ.
އަބަދުވެސް ތަފާތު މައުޟޫޢުތަކަށް ފިލްމު އުފައްދާ ޑާކް ރެއިންގެ މި އާ ޕްރޮޖެކްޓަކީވެސް ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. ފިލްމުގެ ކާސްޓާއި އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޑާކް ރެއިންގެ “ޖަންނަތު” ފިލްމު ޝޫޓިން މިމަހު 19 ގައި ވަނީ ނިންމާލާފައެވެ. ބޮޑު އުންމީދަކާއެކު ބެލުންތެރިންނާ ހަމައަށް ގެނެސްދޭ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
