އުމުރުން 14 އަހަރުން ދަށުގެ ކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކޮށް، މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ އަރަބި ގައުމަކަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ވެއްޖެއެވެ.
ޔޫއޭއީގެ ސަރުކާރުން އަލަށް އެކުލަވާލި މި ގަވާއިދުގެ ދަށުން، އުމުރުން 15 އަހަރު ނުފުރޭ ކުދިންނަށް މީސްމީޑިއާގެ އެއްވެސް މަންސައެއްގައި އެކައުންޓް ހެދުމާއި، އެފަދަ ވަސީލަތްތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް މީސްމީޑިއާ ބޭނުންކުރުމުގައި ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ބެލެނިވެރިންގެ ފުރިހަމަ ކޮންޓްރޯލް އޮތުމާއި، ސްކްރީން ވަގުތު ލިމިޓްކުރުން ހިމެނެއެވެ.
މި ނިންމުމާއެކު، މީސްމީޑިއާ ހިދުމަތްދޭ ކުންފުނިތަކުން ކުދިންގެ އުމުރު ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އައިޑީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުމުރު ދެނެގަންނަ ނިޒާމުތައް ގާއިމުކުރަން ޖެހޭނެއެވެ. މީގެ ކުރިން ބޭނުންކުރި “އަމިއްލައަށް އުމުރު ޖަހާލުމުގެ” އުސޫލު މިހާރު ވަނީ ބާތިލުކޮށްފައެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ގެނައި މި ބަދަލުތަކަށް އަމަލުކުރުމަށް މީސްމީޑިއާ ކުންފުނިތަކަށް 12 މަސްދުވަހުގެ މުހުލަތެއް ޔޫއޭއީ ސަރުކާރުން ވަނީ ދީފައެވެ. މި މުއްދަތުގެ ތެރޭގައި ހުރިހާ މަންސަތަކުން އާ ގަވާއިދާ އެއްގޮތަށް އުމުރު ކަށަވަރުކުރުމުގެ ނިޒާމުތައް ފުރިހަމަކުރަން ޖެހޭނެއެވެ.
މި ފިޔަވަޅަކީ މީސްމީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އިޖުތިމާއީ އަޚުލާގަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ.
