‘ތަންޑަރ ޗައިލްޑް’ ގެ ނަމުން ނަންދީފައިވާ މި ބޯޓަކީ ބަންޑުން ޖަހައިލުން ނާދިރު ބޯޓެކެވެ. ގަޑިއަކު 74.08 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މި ބޯޓުގެ ސްޕީޑް އެންމެ ބާރުކޮށްލުމުން ގަޑިއަކު 111.12 ކިލޯމީޓަރަށް ދުވެއެވެ.

ސޭފްހޭވަން މެރިން އިން ޑިޒައިންކޮށް އުފައްދާފައިވާ ‘ތަންޑަރ ޗައިލްޑް’ އަކީ ނޭވީ އަށާއި ކޯސްޓްގަރޑް ފަދަ ތަންތަނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ބޯޓެކެވެ. ބޯޓު އުފެއްދުމަށް ބޭނުންކޮށްފައިވާ ‘ސެލްފް-ރައިޓިން ޓެކްނޮލޮޖީ’ ގެ ސަބަބުން ބޯޓު ބަންޑުން ޖަހައިލުމަކީ ނުވާނެ ކަމެކެވެ.

17 މީޓަރުގެ ދިގު ފަށަނެއް ހުންނަ މި ބޯޓަކީ ކޮންމެ މޫސެއްގައިވެސް އޮމާންކަމާއެކު ދަތުރުކުރާގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. ބޯޓުގައި އަޅާފައި ހުންނަނީ ‘ޓާބޯޗާރޖްޑް، ސުޕަރޗާރޖްޑް އަދި އިންޓަރކޫލަރ C12.9 މޮޑެލްގެ ޑީސަލް 2 އިންޖީނެވެ. ކޮންމެ އިންޖީނަކީ 1000 ހޯސްޕަވަރުގެ އިންޖީނެކެވެ.

ބޯޓު ފަރުމާކޮށްފައިވާ ހިމަތޮޅި ބައްޓަމާއި ‘ވަރޓިކަލް ސެންޓަރ އޮފް ގްރެވިޓީ’ ދަށްކޮށް ހުރުމާއި ފެނުންމަތީގައި އޮންނަ ފަދަ ގޮތަކަށް ހުރުމުން ބޯޓު ބަންޑުން ޖަހައިނުލާނެ ކަމަށް ވެއެވެ. ބޯޓު ފެނުން މައްޗަށް 120 ދަރަޖައަށް ހިއްލުނު ނަމަވެސް އަރިއަޅައިނުލާ ހުންނާނެ އެވެ. 120 ދަރަޖަ އަށްވުރެން ބޮޑަށް އުފުއްލިއްޖެނަމަ އޭގައި ހުންނަ ‘ސެލްފް-ރައިޓިންގ މެކޭނިޒަމް’ ގެ އެހީގައި އަމިއްލަ އަށް ބޯޓު ކޮންމެވެސް އެއް ފަރާތަކަށް ވާގޮތަށް ހަމަޖައްސާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.