ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވާހަކަދައްކައިގެން ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ބޮޑު – ދިރާސާ

– އިދިކޮޅު ފަރާތަކީ ކާކުކަން ނޭނގުނަސް، މީހުން އިސްކަންދެނީ އަންހެނުންނާއެކު އެއްބަސްވުންތަކަށް އައުމަށް

އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މަޝްވަރާކޮށްގެން ނިންމުންތައް ނިންމަން ޖެހެއެވެ. އެއީ ވަޒީފާގެ މުސާރަ ކަނޑައެޅުމުގައި ކަމަށްވީނަމަވެސް، މުދަލެއްގެ އަގު ކަނޑައެޅުމުގައި ނުވަތަ ގޭތެރޭގެ މަސައްކަތްތައް ބަހާލުމުގައި ކަމަށްވީނަމަވެސްމެއެވެ.

ދިގު މުއްދަތަކަށް ގަބޫލުކުރެވިފައި އޮތީ، ޖިންސީ ތަފާތުތަކަށް ބަލާއިރު، ވާހަކަދައްކައިގެން ކަންކަން ނިންމުމުގައި އަންހެނުންނަކީ ދަށް ބައެއްގެ ގޮތުގައެވެ. އަންހެނުން އެދޭ މިންވަރު މަދުވެފައި، އެންމެ އެދެވޭ ނޫން ނަތީޖާއަކަށްވެސް ފަސޭހައިން އެއްބަސްވާކަމަށް ކުރިން ބުނެވެއެވެ. ނަމަވެސް، އާ ދިރާސާތަކަކުން މި ފިކުރު މުޅިން ބަދަލުކޮށްލައިފިއެވެ. މި ދިރާސާތަކުން ދައްކާގޮތުގައި، އިޤްތިޞާދީ ގޮތުން ފިރިހެނުންނާ އެއްވަރުގެ ނަތީޖާއެއް އަންހެނުން ހޯދާއިރު، އެ މުޢާމަލާތް ނިމިގެންދަނީ އަނެއް ފަރާތަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ފަދަ ގޮތަކަށެވެ.

މި ހިތްހަމަޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. މުސްތަޤްބަލުގައި އެ މީހަކާއެކު އަލުން މުޢާމަލާތްކުރަން ބޭނުންވޭތޯ ނުވަތަ ނޫންތޯ ނިންމަނީ މި އިޙްސާސްގެ މައްޗަށެވެ.

އަންހެނުން ބަހައްޓާ ގުޅުން މާ ބަދަހި
މި އައު ހޯދުންތައް ހޯދާފައިވަނީ ކޯނެލް ޔުނިވަރސިޓީގެ ޗާލޮޓް ޓައުންސެންޑާއި، ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ބާކްލީގެ ލައުރާ ޖޭ ކްރޭ އަދި ސޮލީން ޑެލެކޯޓްއެވެ.

ޓައުންސެންޑް ވިދާޅުވި ގޮތުގައި، މިހާތަނަށް ކުރެވިފައިވާ ގިނަ ދިރާސާތައް އަމާޒުވެފައިވަނީ ފިރިހެނުންނަށް ލިބޭ ކުރިއެރުންތަކުގެ މައްޗަށެވެ. ނަމަވެސް، މަޝްވަރާކޮށްގެން ކަންކަން ނިންމުމުގައި އަންހެނުން ރަނގަޅު ގުޅުންތަކެއް އުފައްދާނަމަ، އަނެއް ފަރާތުން ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނާއެކު މަސައްކަތްކުރަން ބޭނުންވުމަކީ ބުއްދިވެރި ނިންމުމެކެވެ.

މި ޓީމުން ދިރާސާކުރީ “ސަބްޖެކްޓިވް ވެލިއު” ނުވަތަ މުޢާމަލާތެއްގެ ތެރޭގައި ހިމެނޭ އިޖުތިމާޢީ ކަންކަމުގެ މައްޗަށެވެ. މީގެ ތެރޭގައި އިތުބާރާއި، އިންސާފުވެރިކަމާއި، އަދި އަނެއް ފަރާތުގެ އަޑު އެހުމުގެ އިޙްސާސް ހިމެނެއެވެ. 2،000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ފަސް ދިރާސާއަކުން ދެއްކި ގޮތުގައި، މި ހުރިހާ ކަމެއްގައިވެސް ކުރި ހޯދާފައިވަނީ އަންހެނުންނެވެ. އާދައިގެ މަތިން މީހުން ބޭނުންވަނީ އަންހެނުންނާއެކު އެއްބަސްވުންތަކަށް އައުމަށެވެ.

ކްލާސްރޫމް ތަޖުރިބާއިން ފެނުނު ނަތީޖާ
ފުރަތަމަ ދިރާސާ ބިނާކޮށްފައިވަނީ އެމް.ބީ.އޭ ކޯހެއްގެ ދަރިވަރުންގެ މެދުގައި ކުރެވުނު 2،000 އަށްވުރެ ގިނަ މުޢާމަލާތްތަކުގެ މައްޗަށެވެ. ދަރިވަރުން އެކަކު އަނެކަކާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު، އެ މުޢާމަލާތް ދިޔަގޮތުގެ މައްޗަށް މާކްސް ދިނެވެ.

އިތުބާރު އުފެއްދުމާއި، އިންސާފުވެރިކަމާއި، އަދި އަނެއް ފަރާތުގެ ބޭނުންތަކަށް އިސްކަންދިނުމުގައި އަންހެނުންނަށް މާ މަތީ މާކްސް ލިބުނެވެ. މީގެ އިތުރުން، އަޑުއެހުމާއި، މުޢާމަލާތްކުރުމާއި، އަދި ދެ ފަރާތަށްވެސް ފައިދާހުރި ގޮތަކަށް ކަންކަން ނިންމުމުގައިވެސް އަންހެނުން ކުރި ހޯދިއެވެ. މި ސިފަތަކުގެ ސަބަބުން، އެ މީހުންނާއެކު ދެވަނަ ފަހަރަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން މީހުންގެ މެދުގައި އިތުރުވިއެވެ.

ކާކުކަން ނޭނގޭ ގޮތަށް ކުރެވުނު މުޢާމަލާތްތައް
މިއީ ހަމައެކަނި އަންހެނުންނާމެދު ދެކޭ ގޮތުގެ ސަބަބުން ލިބުނު މާކްސްތަކެއް ކަމަށް ހީކުރާ މީހުންނަށް ދެވަނަ ދިރާސާ އިން ޖަވާބު ލިބުނެވެ. މި ދިރާސާގައި މުޢާމަލާތްކުރީ އޮންލައިން ޗެޓް މެދުވެރިކޮށް، އަނެއް ފަރާތުގައި ހުރީ ކޮން ޖިންސެއްގެ މީހެއްކަން ނޭނގޭ ގޮތަށެވެ.

މުޢާމަލާތްތަކުގެ ލިޔުންތައް ބަލައިގެން، އެއީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ދެނެގަންނާކަށް ނޭނގުނެވެ. ނަމަވެސް، ކާކުކަން ނޭނގި ކުރި މި މުޢާމަލާތްތަކުގައިވެސް، އަންހެނުންނަކީ މީހުން މާ ގަޔާވި ބައެއްގެ ގޮތުގައި ފާހަގަވިއެވެ. އަދި އެ ގަޔާވުމުގެ ސަބަބުން މުޢާމަލާތުގެ ނަތީޖާއާމެދު އޮތް ހިތްހަމަޖެހުންވެސް އިތުރުވިއެވެ.

އިޤްތިޞާދީ ނަތީޖާ ހުރީ އެއްވަރެއްގައި
މިއީ ކުރީގެ ގަބޫލުކުރުންތަކާ މުޅިން ތަފާތު ކަމެކެވެ. އަންހެނުން އުފެއްދި މި ގާތްކަމުގެ ސަބަބުން، އެމީހުންނަށް ލިބެންޖެހޭ މާލީ ނުވަތަ އިޤްތިޞާދީ ފައިދާއަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. ކޮންމެ ދިރާސާއަކުންވެސް ދެއްކި ގޮތުގައި، އަންހެނުންނާއި ފިރިހެނުންނަށް ލިބުނު މާލީ ފައިދާ ހުރީ އެއްވަރެއްގައެވެ. މީހުން ގަޔާވާ ފަދަ ގޮތަކަށް މުޢާމަލާތްކުރުމަކީ އަންހެނުންނަށް ލިބުނު އިތުރު ފައިދާއެކެވެ.

ޓައުންސެންޑް ވިދާޅުވި ގޮތުގައި، 1970 އާއި 1980ގެ އަހަރުތަކުގެ ދިރާސާތަކުން ދެއްކީ އަންހެނުންނަކީ މުޢާމަލާތްކުރުމުގައި ދަށް ބައެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެކަން ވަނީ ބަދަލުވެފައެވެ. އަހަރެމެންގެ ތަފާސްހިސާބުތަކުން ދައްކަނީ އަންހެނުންނަކީ ފިރިހެނުންނާ އެއްވަރުގެ އިޤްތިޞާދީ ނަތީޖާ ހޯދަމުން، ގުޅުންތައް ދެމެހެއްޓުމުގައި މާ ބޮޑު ކުރިއެރުމެއް ހޯދާ ބައެއް ކަމަށެވެ.

ހުށަހެޅުންތައް ބަލައިގަތުމުން އިތުބާރު ބޮޑުވޭ
އަންހެނުން ތަފާތުވަނީ ކިހިނެއްތޯ ބެލުމަށް، ދިރާސާ ޓީމުން އޭ.އައި މޮޑެލްއެއް ބޭނުންކޮށްގެން މުޢާމަލާތްތަކުގެ ލިޔުންތައް ދިރާސާކުރިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ، އަންހެނުން ހުށަހެޅުންތައް ބަލައިގަންނަ ގޮތެވެ. މީގެ ސަބަބުން އަނެއް ފަރާތަށް އިޙްތިރާމް ލިބޭ ކަމުގެ އިޙްސާސް ކުރެވި، ހިތްހަމަޖެހުން އިތުރުވެއެވެ.

މިއީ އަވަހަށް އަތްދޫކޮށްލުން ނުވަތަ ދަށް ނަތީޖާއަކަށް އެއްބަސްވުމެއް ނޫނެވެ. އަންހެނުން ހުށަހެޅުންތައް ބަލައިގަންނަނީ އެންމެ ރަނގަޅު ވަގުތުގައެވެ.

ކުދިކުދި ކުރިއެރުންތަކުން ބޮޑު ނަތީޖާއެއް
ދެވަނަ ފަހަރަށް މުޢާމަލާތެއް ކުރުމުގެ ފުރުސަތު ކުޑަ މިންވަރަކަށް އިތުރުވުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ހީވެދާނެއެވެ. ނަމަވެސް، މުޅި ވަޒީފާގެ ދައުރަށް ބަލާއިރު މިއީ ވަރަށް ބޮޑު ބަދަލެކެވެ. ދިރާސާވެރިން ހެދި ހިސާބުތަކުން ދައްކާގޮތުގައި، ދިގު މުއްދަތަކަށް ބަލާއިރު އަންހެނުންނަށް މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ ފުރުސަތު ފިރިހެނުންނަށްވުރެ %45 އިތުރެވެ. މީގެ ސަބަބުން މާލީ ގޮތުން އެތައް ހާސް ޑޮލަރެއްގެ ކުރިއެރުން ލިބިގެންދެއެވެ.

ބަލައިގަންނަންޖެހޭ ހުނަރެއް
މި ދިރާސާއިން އެނގިގެންދަނީ، މޮޅަށް ވާހަކަދެއްކުމަކީ ހަމައެކަނި އެންމެ މަތީ ފައިދާ ހޯދުން ނޫން ކަމެވެ. ގާތްކަން އުފެއްދުމާއި ގުޅުން ބަދަހިކުރުމަކީ މުޢާމަލާތްކުރުމުގެ ހުނަރުގެ ތެރޭގައި ހިމެނޭ މުހިންމު ބަހާއެކެވެ.

ޓައުންސެންޑް ވިދާޅުވީ، މުޢާމަލާތްކުރުމުގެ ތެރޭގައި އުފެދޭ އިޖުތިމާޢީ ނަތީޖާތަކާއި، އަދި ތިމާގެ ބައިވެރިޔާއަށް ކުރެވޭ އިޙްސާސްތަކުގެ މުހިންމުކަމާ މެދު އަހަރެމެންނަށް އެކަށީގެންވާ މިންވަރަށް ވާހަކައެއް ނުދެއްކެއެވެ.

“އަހަރެމެން މަސައްކަތް ކުރީ މީގެ ސަބަބުން މުސްތަޤްބަލުގައި ނުކުންނަ މުހިންމު ނަތީޖާތައް ދައްކައިދިނުމަށް. މިއީ ހަގީގަތުގައި މީހުންނާއެކު ގުޅުން ބަދަހިކުރުމާ ގުޅިފައިވާ ކަމެއް. މަޝްވަރާކޮށްގެން ކަންކަން ނިންމުމުގައި، ގިނަ ފަހަރަށް މީހުން ވިސްނަނީ ހަމައެކަނި އިޤްތިޞާދީ ގޮތުން އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ. ނަމަވެސް، ގުޅުންތަކުގެ ސަބަބުން ވަރަށް މުހިންމު ނަތީޖާތަކެއް ނުކުމޭ. އަދި މި މަސައްކަތުން ހާމަވަނީ އަންހެނުންގެ ކިބައިގައި ހުރި ހަގީގީ ހުނަރެއް، އަދި އަހަރެމެން އެންމެންނަށްވެސް މީގެން ފިލާވަޅުތަކެއް ލިބިގަނެވިދާނެކަން،” ޓައުންސެންޑް އިތުރަށް ވިދާޅުވިއެވެ.

މި ދިރާސާ ޝާއިޢުކޮށްފައިވަނީ ‘ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް’ ކިޔާ މަޖައްލާއެއްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top