ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކް، އޭނާގެ އިވުމުގެ ނިޒާމަށް ޖެހިފައިވާ ނާދިރު ބައްޔަކާ ހަނގުރާމަކުރަމުންދާކަން ހާމަކޮށް، އޭނާގެ ސިއްޙީ ހާލަތާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޭނުންނާ ހިއްސާކޮށްފިއެވެ.
1980 ގެ ފަހުންކޮޅުން ފެށިގެން 2000 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ރަނިކަންކުރި އެއް އަޑުގެ ވެރިޔާ އަލްކާ، މީގެ ދެ އަހަރު ކުރިން ފެށިގެން އަންނަނީ “ސެންސަރީ ނިއުރަލް ހިއަރިންގ ލޮސް” (SNHL) ކިޔާ ނާދިރު ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. މި ބައްޔަކީ ވައިރަލް އެޓޭކެއްގެ ސަބަބުން ކަންފަތުގެ އަޑުއިވުމާ ގުޅޭ ނާރުތަކަށް ލިބޭ ގެއްލުމެކެވެ.
ދާދި ފަހުން އާންމު ހަފުލާއަކުން އަލްކާ ފެނިގެންދިޔައިރު، އޭނާ ވަރަށް ބަލިކޮށް ހުރުމުންނާއި މީހެއްގެ އެހީތެރިކަމާއެކު ހިނގާތީ ފެނުމުން ފޭނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން އިންސްޓަގްރާމް މެދުވެރިކޮށް ދިން މެސެޖެއްގައި އަލްކާ ބުނީ، ވޭތުވެދިޔަ ދެ އަހަރު ދުވަހު އޭނާ އާންމުންގެ ތެރެއަށް ނުނިކުމެ މަޑުކުރީ އޭނާގެ ސިއްޙީ ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި މިހާރު މަޑުމަޑުން ހާލަތު ރަނގަޅުވަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.
މި ބަލީގެ ނުރައްކާތެރިކަން އަލްކާއަށް ފުރަތަމަ އިޙުސާސް ކުރެވުނީ މަތިންދާބޯޓަކުން ފޭބި ވަގުތު ކުއްލިއަކަށް އެއްވެސް އަޑެއް ނީވޭގޮތް ވުމުންނެވެ. ޑޮކްޓަރުން ބުނެފައިވަނީ މިއީ ކުއްލިއަކަށް ކުރިމަތިވި ބާރުގަދަ ވައިރަލް އެޓޭކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.
މި ބަލީގެ ސަބަބުން އަލްކާގެ މިއުޒިކީ ކެރިއަރަށް ވަނީ ވަގުތީ ގޮތުން ހުރަސްތަކެއް އެޅިފައެވެ. “ޓިޕް ޓިޕް ބަރްސާ ޕާނީ” އާއި “އޭ މޭރޭ ހަމްސަފަރު” ފަދަ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ އަލްކާ އެންމެ ފަހުން ރެކޯޑްކޮށްފައިވަނީ 2024 ވަނަ އަހަރު ނެރުނު “އަމަރު ސިންގް ޗަމްކީލާ” ފިލްމުގެ ލަވައެކެވެ.
އަލްކާ ވަނީ އޭނާގެ ބަލި ހާލަތުގައި ފޭނުން ދިން ލޯތްބާއި، ކުރި ދުޢާތަކާއި، އަދި ދިން ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
