ކުލަބް މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ 15 ވަނަ މެޗުން އެޗްޕީއެސްއެންއަށް އުނދަގޫ މޮޅެއް ހޯދުނު ނަމަވެސް، 16 ވަނަ މެޗުން ކްރިމިނަލް ކޯޓު ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. މިރޭ ކުޅެވުނު 15 ވަނަ މެޗާއި 16 ވަނަ މެޗަށް ބަލައިލާއިރު:
15 ވަނަ މެޗު
15 ވަނަ މެޗުގައި ބައްދަލުކުރީ އެޗްޕީއެސްއެން އާއި ޕެމާއެވެ. މިއީ އެޗްޕީއެސްއެންގެ ތިންވަނަ މެޗެވެ. ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، ދެވަނަ މެޗު ބޮޑު ތަފާތަކުން އެޗްޕީއެސްއެން ވަނީ މޮޅުވެފައެވެ. މި މެޗަކީ ޕެމާގެ ދެވަނަ މެޗެވެ. މި ޓީމު ކުޅުނު ފުރަތަމަ މެޗު ވަނީ ބަލިވެފައެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ. ޕެމާ ޓީމުގެ ފަހަތުގައި ޢަލީ އަޝްފާގު (ދަގަނޑޭ) ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް އެޗްޕީއެސްއެންގެ ކީޕަރު ދިފާއުކޮށްފައިވެއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ދެވަނަ ހާފުގައި އެޗްޕީއެސްއެންއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަހީމްއެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު އެޗްޕީއެސްއެން ވަނީ ގުރޫޕް އޭގެ އެއްވަނައަށް ޖެހިލައިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޕީއެސްއެންގެ އަޙްމަދު ރިލްވާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ރިލްވާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
16 ވަނަ މެޗު
16 ވަނަ މެޗުގައި ބައްދަލުކުރީ ހެލްތު ރެކްރިއޭޝަން ކުލަބާއި ކްްރިމިނަލް ކޯޓެވެ. ފުރަތަމަ މެޗުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުން މޮޅުވި ކްރިމިނަލް ކޯޓުގެ މިއީ ތިންވަނަ މެޗެވެ. އަދި ހެލްތު ރެކްރިއޭޝަންގެ ދެވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ.
މިފަހަރުގެ ކްލެސިކް މުބާރާތުގައި ފެންނަމުންދާ ތަފާތުބޮޑު ނަތީޖާތަކަށް ބަލައިލާއިރު މި މެޗަކީ ވެސް އެފަދަ މެޗެކެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ކްރިމިނަލް ކޯޓުން ވަނީ ހެލްތު ރެކްރިއޭޝަން ކޮޅަށް އަށް ލަނޑު ޖަހައި އަށެއް ސުމަކުން ބަލިކޮށްފައެވެ. މި މެޗުގެ ލަނޑުތައް ކްރިމިނަލް ކޯޓަށް ޖަހައިދިނީ، ޔައިޝް މުސްތަފާ 3 ލަނޑު، ޢަލީ ޝާޒް 2 ލަނޑު، މުޙައްމަދު ހައްސާން 1 ލަނޑު، މުޙައްމަދު ޝަފްރާޒް 1 ލަނޑު، މުޙައްމަދު ޝާއިފް 1 ލަނޑެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަތް ޕޮއިންޓް ހަމަކޮށް ކްރިމިނަލް ކޯޓް ވަނީ ގުރޫޕް ބީގެ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔައިޝް މުސްތަފާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރިމިނަލް ކޯޓް ކުރިން ކުޅުނު ދެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔައިޝް މުސްތަފާއެވެ.
