ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަތްވަނަ ހަންޏާސް ކަޕް ހަތް ޓީމާއިއެކު މިއަދު ފަށަނީ
އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސް / ހަންޏާސް ކަޕް - އެފްބީ

2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު އދ. ހަންޏާމީދޫގައި ބާއްވަމުން އަންނަ ހަންޏާސް ކަޕް ފުޓްސަލް މުބާރާތުގެ ހަތްވަނަ މުބާރާތް ހަތް ޓީމާއިއެކު މިއަދު ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވެ ނިމިއްޖެ އެވެ. ހަންޏާމީދޫއަށް ނިސްބަތްވާ އަމިއްލަ ބަޔަކު އިސްނަގައިގެން މުއައްސަސާތަކާއި ކުލަބް ޖަމިއްޔާ ޖަމާއަތްތަކާއި ޒުވާނުންގެ އެހީތެރިކަމާއި ކުރިޔަށްގެންދާ މި މުބާރާތަކީ އއ. އަދި އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެވެ.

ދިވެހިރާއްޖޭގައި އެންމެ ގިނަ، އަދި އެންމެ ކާމިޔާބު ފުޓްސަލް މުބާރާތްތައް ބާއްވާ ކުލަބް މޯލްޑިވްސްގެ ކިންގްސް ކަޕް މުބާރާތުން ޖާގަ ލިބޭ މި މުބާރާތުގައި އދ. އަތޮޅުގެ ހަތަރު ރަށުން ހަތް ޓީމު މި އަހަރު ވަނީ ބައިވެރިވެފަ އެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ބަލާލާއިރު، އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސް އާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން އދ. ދަނގެތީ ޖަމިއްޔަތުލް އަންވާރުން ކުރިޔަށް ގެންދާ އަންވާރު ކަޕް ފުޓްސަލް މުބާރާތުގެ މި އަހަރުގެ ޗެމްޕިއަން އދ. މަންދޫ ރިއަލިޓީ ފާހަގަ ކޮށްލެވެއެވެ. އަދި ހަންޏާސް ކަޕް 2025 ގެ ރަނަރަޕް އދ. އޮމަދޫ މިޑްލް ކުރައުޑް އާއި މުބާރާތުގައި ކުރިން ވެސް ވާދަކޮށްފައިވާ އދ. ހަންޏާމީދޫ ނެމިސް ހިމެނެއެވެ. އދ. މަހިބަދޫއަށް ނިސްބަތްވާ ދަ ކުލަބާއި، ކަޓައްޕާ އަދި ޒިލެފީ އަކީ މުބާރާތުގައި އަލަށް ވާދަ ކުރާ ތިން ޓީމެވެ.

މި މުބާރާތުގެ ތާރީހަށް ބަލާލާއިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ، މުބާރާތުގެ ތަށި މިލްކުކޮށްފައިވާ އދ. ހަންޏާމީދޫ އެފްސީ ސުލެޔާސް އެވެ. އދ. މަހިބަދޫއަށް ނިސްބަތްވާ ލަކުޑި ދެފަހަރު ތަށި ހޯދާފައިވާއިރު، ތަށި މިލްކުރުމަށް އެ ޓީމުން މިދިޔަ އަހަރު ކުރި މަސައްކަތް ހުއްޓުވީ ނެކްސަސް އެވެ.

ހަންޏާސް ކަޕްގެ އެންމެ ކާމިޔާބު ޓީމު – އެފްސީ ސްލެޔާސް

މުބާރާތާއި ގުޅުވައި އިޖުތިމާއި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ހަންޏާމީދޫ ސްކޫލަށާއި ހަންޏާމީދޫ ސިއްޙީ މަރުކަޒަށް އަދި ލޯފަން ކުދިންގެ ޖަމިއްޔާއަށް ހަންޏާސް ކަޕްގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިއަހަރުގެ މުބާރާތާއި ގުޅުވައި މަންފާ އެކަޑަމީއާ ގުޅިގެން ހަންޏާމީދޫ ކުދިންނަށް ވޮލީ އާއި ފުޓްސަލް ކޭމްޕެއް ވަނީ ބާއްވާފަ އެވެ.

މިވެސް ކިޔާލަން:  ސްޓެލްކޯ އާއި ހޯކްސް ފައިނަލަށް

މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ދަ ކުލަބާއި ޒިލެފީ އެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރިއަލީޓީ އާއި ނެކްސަސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ނެކްސަސް އާއި ކަޓައްޕާ އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ. މި މުބާރާތުގެ މެޗުތައް އައިސް ޓީވީ އާއި ސަން ޕްލޭއިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top