ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން މިރޭ ވެސް ތަފާތު ކުޅުމެއް، ބިނާރާއަށް ފަސޭހަ މޮޅެއް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ 17 ވަނަ މެޗުން ކުލަބް ބިނާރާ ފަސޭހަކަމާއިއެކު މޮޅުވިއިރު، 18 ވަނަ މެޗުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން މިރޭ ވެސް ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ. މިރޭ ކުޅެވުނު 17 ވަނަ މެޗާއި 18 ވަނަ މެޗަށް ބަލައިލާއިރު:

17 ވަނަ މެޗުގައި ބައްދަލުކުރީ ތަޢުލީމީ ގުޅުން އާއި ކުލަބް ބިނާރާއެވެ. ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް އެ ޓީމު ކުޅުނު ދެވަނަ މެޗު ބިނާރާ ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ބިނާރާގެ ތިންވަނަ މެޗެވެ. ތަޢުލީމީ ގުޅުން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު މިއީ އެ ޓީމުގެ ދެވަނަ މެޗެވެ.

ފަސޭހަކަމާއިއެކު ތަޢުލީމީ ގުޅުން ބަލިކޮށް ގުރޫޕް ސީގެ އެއްވަނައަށް ބިނާރާ ޖެހިލިއިރު، މި މެޗުގައި ވެސް ބިނާރާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ފުރަތަމަ މެޗުން ވެސް ބަލިވެފައިވާ ތަޢުލީމީ ގުޅުމުން ޑިފެންސަށް ބޮޑު އިސްކަމެއް ދިންއިރު، ފުރަތަމަ ހާފުގެ މެދަކާއި ހިސާބަށް ލަނޑެއް ވަނަނުދީ ހިފެހެއްޓިއެވެ. މެޗުގެ ފުރަތަމަ ލަނޑު ބިނާރާއިން 13 ވަނަ މިނިޓްގައި ޖެހިއިރު، އޭގެ ފަހުން އިތުރު ތިން ލަނޑު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން 4-0 އަށް ނަތީޖާ ބަދަލު ކޮށްލިއެވެ.

ދެވަނަ ހާފުގައި ތަޢުލީމީ ގުޅުމުން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހިއެވެ. ދެވަނަ ހާފުގައި ބިނާރާއަށް ވެސް ޖެހުނީ އެންމެ ލަނޑެކެވެ. މި މެޗުގައި ބިނާރާގެ އިބްރާހިމް ނާމީ ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަޙްމަދު ރުވާއުއެވެ. ތަޢުލީމީ ގުޅުމުގެ ލަނޑު ޖެހީ އުމަރު ފާރޫޤެވެ. 5-1 އިން މޮޅުވެ މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ބިނާރާއަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ރުވާއު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

18 ވަނަ މެޗުގައި ބައްދަލުކުރީ ހުޅުމާލޭ ހޮސްޕިޓަލް އާއި ބަންޑާރަ ކުލަބެވެ. ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާ ހުޅުމާލޭ ހޮސްޕިޓަލް ތިންވަނަ މެޗާއި ކުރިމަތިލާއިރު އެ ޓީމަކީ ގުރޫޕް އޭގެ އެއްވަނަ ޓީމެވެ. ދެވަނަ މެޗާއި ކުރިމަތިލާ ބަންޑާރަ ކުލަބް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ތަފާތު ބޮޑުކޮށް ބަލިވެފައެވެ.

މި މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުންދާ ހުޅުމާލޭ ހޮސްޕިޓަލް ޓީމުން ވަނީ މި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ފަސޭހަކަމާއިއެކު މެޗު ކާމިޔާބު ކޮށްފައެވެ. 7-0 އިން ހުޅުމާލޭ ހޮސްޕިޓަލް މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، އިބްރާހިމް ސޯލިހް 2 ލަނޑު، ޙަސަން ނާއިފް 2 ލަނޑު، އާދިލް ޢަބްދުއްރަޙުމާނު 2 ލަނޑު އަދި އަޙްމަދު ފަތީން 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭ ހޮސްޕިޓަލްގެ ޙަސަން ނާއިފެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޙަސަން ނާއިފް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ ދެ މެޗު 27 ވަނަ ދުވަހުގެ ރޭ ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ކުލަބް ޑީޖޭއޭ އާއި މެޑްޓީޓީ ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެމްއެމްއޭ ސްޕޯރޓްސް ކުލަބާއި ވިޒިޓް މޯލްޑިވްސް ކުލަބެވެ. މި ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ 21:45 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top