މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 27 ވަނަ މެޗުން މޮޅުވި އާރުއާރުސީ އާއި 28 ވަނަ މެޗުން ބަލިވި ކުލަބް އެޗްޑީސީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ. ގުރޫޕް ސްޓޭޖް ހުރިހާ މެޗެއް ރޭ ނިމިފައިވާއިރު، އެންމެ ފަހުން ކުޅެވުނީ ގުރޫޕް ޑީގެ ފަހު ދެ މެޗެވެ.
ފަސް ޓީމު ހިމެނޭ މި ގުރޫޕްގެ މެޗުތައް ނިމުނުއިރު، އާރުއާރުސީ އާއި ކުލަބް އެޗްޑީސީ އަދި ވެމްކޯއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ފައިދާ ލަނޑުގެ ތަފާތުން އާރުއާރުސީއަށް އެއްވަނަ ލިބުނުއިރު، އެ ޓީމުގެ ފައިދާ ލަނޑަކީ 18 އެވެ. މި ގުރޫޕުން ދެވަނަ ލިބުނު ކުލަބް އެޗްޑީސީގެ ފައިދާ ލަނޑަކީ 16 އެވެ. އަދި ތިންވަނަ ލިބުނު ވެމްކޯގެ ފައިދާ ލަނޑަކީ 11 އެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
މެޗު 27
ހަތާވީސްވަނަ މެޗުގައި ބައްދަލުކުރީ އާރުއާރުސީ އާއި ކުލަބް އިމިގްރޭޝަންއެވެ. ގުރޫޕް ސްޓޭޖްގެ ފަހު މެޗާއި ދެ ޓީމުން ކުރިމަތިލީއިރު، ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު އިމިގްރޭޝަނަށް ވަނީ ގެއްލިފައެވެ. އާރުއާރުސީއަށް ވެސް މޮޅުވުން ނޫން ގޮތެއް ނެތެވެ.
ފަސޭހަކަމާއިއެކު އާރުއާރުސީން މޮޅުވި މި މެޗުގެ ދެވަނަ މިނިޓްގައި އިމިގްރޭޝަނުން ލީޑު ނެގި ނަމަވެސް އިރުކޮޅެއް ފަހުން އާރުއާރުސީން އެއްވަރުކުރިއެވެ. ދެވަނަ ފަހަރަށް އިމިގްރޭޝަނުން ލީޑު ނެގުމުން ވެސް އާރުއާރުސީން ވަނީ އެއްވަރުކޮށްފައެވެ. ފަހަތުން އަރައި އާރުއާރުސީ 13-3 އިން މޮޅުވި މި މެޗުގައި އާރުއާރުސީއަށް ލަނޑުތައް ޖަހައިދިނީ، ޝަނާން ރަޝާދު 4 ލަނޑު، އާދަމް ނާސިހު 2 ލަނޑު، އަޙްމަދު ރިޒުވާން 2 ލަނޑު، އިސްމާއިލް މުނީޒް 2 ލަނޑު އަދި ޒައިން ޒަފަރު އާއި އިބްރާހިމް މުބީންގެ އިތުރުން ޢަބްދުﷲ މިދުހަތު، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. އިމިގްރޭޝަންގެ ލަނޑުތައް ޖަހައިދިނީ، ބިކްރާންޓް ނަރުސިންގް އާއި އަޙްމަދު އައިހަމް އަދި އިބްރާހިމް އަނޫފް، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއާރުސީގެ ޝަނާން ރަޝާދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޝަނާން ރަޝާދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މެޗު 28
އަށާވީސްވަނަ މެޗުގައި ބައްދަލުކުރީ ވެމްކޯ އާއި ކުލަބް އެޗްޑީސީއެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާއިއެކު ގުރޫޕްގެ އެއްވަނައިގައި އެޗްޑީސީ އޮތްއިރު، ވެމްކޯއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ކުއާޓާރ ފައިނަލަށް ދިއުމަށްޓަކައި ވެމްކޯއަށް މޮޅެއް މަޖުބޫރު ވާއިރު، މި ގުރޫޕްގެ އަނެއް މެޗުގައި ބައްދަލުކުރާ އާރުއާރުސީ މޮޅުވެގެން ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ވެސް އޮތީ ހުޅުވިފައެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވުނު މި މެޗުގެ 4 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ ވެމްކޯއަށް ނަގައިދިން ލީޑު 7 ވަނަ މިނިޓްގައި އިބްރާހީމް މައިސާން އަދި 14 ވަނަ މިނިޓްގައި އަޙްމަދު ބައްސާމް ފުޅާކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔާމީން މުޙައްމަދު އެޗްޑީސީއަށް ލަނޑެއް ޖަހައިދިނެވެ. 3-1 އިން ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި އިބްރާހީމް މަހުދީ ވެމްކޯއަށް 2 ލަނޑު ޖަހައިދިނެވެ. އަދި ޢަބްދުﷲ ޝާފިއު އެޗްޑީސީއަށް ލަނޑެއް ޖަހައިދިނެވެ.
ވަރުގަދަ އެޗްޑީސީގެ މައްޗަށް ވެމްކޯއިން ކުރި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އިބްރާހީމް މަހުދީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މަހުދީ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މުބާރާތުގެ ކުއާޓާރ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހުގެ ރެއެވެ.
