– އައްޒަގެ ފުރަތަމަ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު “ދެވި”ގެ ޓައިޓަލް ވީޑިއޯއަށް ބޮޑު ތަރުހީބެއް!
– 12 ގަޑިއިރު ތެރޭގައި ބައި މިލިއަން މީހުން ބަލައިފި!
ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ އާ މަސައްކަތެއް ކަމަށްވާ “ދެވި”ގެ ޓައިޓަލް ވީޑިއޯއަށް އާންމުންގެ ފަރާތުން އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބި އެ ވީޑިއޯކޮޅަށް ބެލުންތެރިން ހަމަ ރަނގަޅަށްވެސް ދެވިހިފައިފިއެވެ.
ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ވީޑިއޯ އާންމުކުރިތާ އެންމެ 12 ގަޑިއިރުގެ ތެރޭގައި، ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ. މިއީ ދިވެހި އުފެއްދުމަކަށް، އަދި ވަކިން ހާއްސަކޮށް ފިލްމީ މަސައްކަތެއްގެ ޕްރޮމޯޝަނަލް ވީޑިއޯއަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އެންމެ 12 ގަޑިއިރުގެ ތެރޭގައި ބައި މިލިއަން ވިއުޒް ހަމަކުރުމަކީ ރާއްޖޭގެ މާކެޓަށް ބަލާއިރު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާޒް ޒަކީ އާ ގުޅިގެން މި ފިލްމު ގެންނަކަމީ، މި އުފެއްދުމަކީ ވަރުގަދަ، ކޮލިޓީ އުފެއްދުމަކަށް ވެގެންދާނެ ކަމެކެވެ. ފިލްމުގެ ނަން ހާމަކުރުމަށް އާއްމުކުރި ވީޑިއޯއިން ހައިރާންކަމެއް ލިބިގެން ދިޔައީ، މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ފިލްމީ ދާއިރާގެ އެކިއެކި ފަންނުތަކުގައި ނަން މަޝްހޫރު ސޭންޑީ ކަން އެނގުނު ހިސާބުންނެވެ. މަރިޔަމް އައްޒަ ޕްރޮޑިއުސްކުރާ “ދެވި” ލިޔެފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.
“ދެވި” ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ތަރިންނަނީ މަރިޔަމް އައްޒަ، ޝަރަފް ޢަބްދުﷲ، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) އެވެ.
ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ ފިލްމު “ދެވި” ކެމެރާކޮށްފައިވަނީ ލައިޓްސްއައުޓްގެ ސަމާހް އިބްރާހީމް އެވެ.
ޔާރާގެ “ދެވި” އޮލިމްޕަހުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2026ގައެވެ
