ދިވެހި ސިނަމާއަށް އަންނަން ތައްޔާރުވަމުންދާ އުއްމީދީ ފިލްމު “ދެވި”ގެ އެންމެ ފޯރިގަދަ އަދި މުހިންމު އެއް މަންޒަރު ކަމަށްވާ، ކްލައިމެކްސް ސީން ނެގުމަށް ތައްޔާރުކުރި ޚާއްޞަ ކޮޓަރީގެ ސެޓުގެ މަސައްކަތްތައް ފިލްމުގެ ޓީމުން އާންމުންނަށް ދައްކާލައިފިއެވެ.
މި ފިލްމުގެ ކްލައިމެކްސް ސީންއަށް ޚާއްޞަކޮށްގެން ހެދި މި ކޮޓަރިއަކީ ފިލްމުގެ ވާހަކައާ ގުޅޭގޮތަށް ވަރަށް ފުރިހަމައަށް އަދި އެހާމެ ބުރަ މަސައްކަތުން ފަރުމާކޮށްފައިވާ ސެޓެކެވެ. ފިލްމުގެ މަންޒަރުތައް ފުރިހަމަކަމާއެކު ގެނެސްދިނުމަށްޓަކައި ޓީމުން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ފިލްމުގެ ޓީމުން ވަނީ އެ ފަރާތްތަކުގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެގޮތުން ފިލްމުގެ ޓީމުން ބުނެފައިވަނީ، ފިލްމުގެ ކޮންމެ ސެޓެއް ވެސް ވުޖޫދަށް ގެނެސްފައިވަނީ ނުހަނު ބުރަ މަސައްކަތާއި، ލޯތްބާއި، އަދި ބަދަހި ޓީމުވޯކެއްގެ ތެރެއިން ކަމަށެވެ. އެންމެން އެއް އަމާޒަކަށް އަދި އެއް ތަޞައްވުރަކަށް މަސައްކަތް ކުރުމުން ކަންކަން ވަރަށް ބޮޑަށް ސާފުވެގެން ދިޔަކަން ފާހަގަކުރަމުން، މި ހުރިހާ މަސައްކަތެއް މިހާ ފުރިހަމަކޮށް އެކުލެވިގެން ދިޔަ މަންޒަރު ފެނުމުން ލިބުނު އުފާވެރިކަމަކީ ބަޔާންކުރަން ދަތި އިޙްސާސެއް ކަމަށް ވެސް އެ ޓީމުން ބުނެފައިވެއެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނެ ތާރީޚެއްގެ ގޮތުގައި އިއުލާންކޮށްފައިވަނީ 26 ސެޕްޓެމްބަރު 2026 އެވެ.
މީގެއިތުރުން، ސެޓުގެ ކޮންމެ ކުޑަކުޑަ ތަފްޞީލެއްގެ ފަހަތުގައިވާ ބުރަ މަސައްކަތާއި އެކަމަށް ދިން ސަމާލުކަމަށްޓަކައި ނުހަނު ފަޚުރުވެރިވާ ކަމަށާއި އެކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށް ވެސް ފިލްމުގެ ޓީމުން ވަނީ ހާމަކޮށްފައެވެ. އަދި ކޮންމެ ސެޓެއްގެ ފުރިހަމަކަމުން ދައްކުވައިދެނީ މި މަސައްކަތުގައި ބައިވެރިވި ކޮންމެ މީހެއްގެ ވެސް ޚާއްޞަ ޙިއްޞާއެއް ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.
ފިލްމު “ދެވި” ގެ ޕްރޮޑަކްޝަން މަސައްކަތްތައް ފުރިހަމަކަމާއެކު ކުރިއަށްދާއިރު، މި ފިލްމުގެ ރަސްމީ މިއުޒިކް ލޯންޗިންއަށް ވަރުގަދަ އިވެންޓެއް ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިމަހު 31 ވަނަ ދުވަހުގެ ރޭ 08:00ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
