ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް “އެލް” ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ޕެނަމާގެ މައްޗަށް ކުރިހޯދައި، އިންގްލެންޑުން ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕެނަމާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައި ކާމިޔާބެއް ނުލިބުނެވެ. މި ހާފުގައި އެންމެ ފާހަގަކޮށްލެވުނު ދެ ހަމަލާގެ ތެރެއިން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ބުކާޔޯ ސާކާ ފޮނުވާލި ހަމަލާ ޕެނަމާގެ ޑިފެންޑަރުން ވަނީ ހުއްޓުވާފައެވެ. އަދި އޭގެ ފަހުން ނިކޯ އޯރިލީ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕެނަމާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ޕެނަމާގެ ފަރާތުން ހިތްވަރުގަދަ ކުޅުމެއް ފެނުނު ފުރަތަމަ ހާފުގައި ޕެނަމާގެ ހޯސޭ ލުއިސް ރޮޑްރިގޭޒް ފޮނުވާލި ބާރު ހަމަލާއެއް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާޢުކޮށްފައެވެ. އޭގެ ފަހުން އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ގޮސްފައެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ދެއްކި އިންގްލެންޑުން މެޗުގެ ލީޑު ނެގީ މެޗުގެ 62 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ސަކާ ނަގައިދިން ކޯނަރެއް ފައިން ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ފަސް މިނެޓު ފަހުން، ބެލިންހަމް ނަގައިދިން ހުރަހަކުން ކެޕްޓަން ހެރީ ކޭން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި އިންގްލެންޑްގެ ލީޑު ފުޅާކޮށްދީފައެވެ.
މިއީ ހެރީ ކޭން ވޯލްޑް ކަޕްގައި ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 10 ލަނޑާއެކު ގެރީ ލިނެކާ އަތުގައެވެ.
މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އިންގްލެންޑުން ވަނީ ގުރޫޕް “އެލް” ގެ އެއްވަނަ ކަށަވަރުކޮށްފައެވެ. ހަ ޕޮއިންޓާއެކު ކްރޮއޭޝިއާ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު ގާނާއެވެ. އެއްވެސް މެޗަކުން މޮޅުނުވެ ޕެނަމާ މުބާރާތް ނިންމާލީ ތާވަލުގެ ފުލުގައި އޮވެއެވެ.
