ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ 50 ވަނަ ފިލްމު “ގިލަން” ރާއްޖޭގެ 50 އަށްވުރެ ގިނަ ރަށުގައި ދެއްކުމަށް ފައިނަލްވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމު އަމިއްލަ ރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9111164 ނުވަތަ 7779621 އަށް ވައިބަރ މެދުވެރިކޮށް ގުޅުއްވުމަށް އައިލެންޑް ސިނަމާއިން އެދެއެވެ.
“ގިލަން” ގެ ޕްރޮޑަކްޝަން ޓީމުން ބުނި ގޮތުގައި، މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ބައްލަވައިގަނެވޭނެއެވެ. އޮންލައިންކޮށް ޓިކެޓް ދޫކުރަން ފެށުމާއެކު، ކިއޫގައި މަޑުކުރުމުގެ އުނދަގުލަކާ ނުލައި ބޭނުންވާ ޝޯތަކުގެ ޓިކެޓް ކަށަވަރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ލިޔުންތެރިޔާ މުޙައްމަދު ޤާސިމްގެ މަގުބޫލު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ، އަމްޖޭގެ 50 ވަނަ ޑައިރެކްޝަނެވެ. އާއިލީ ސިއްރުތަކާއި، ލޯތްބާއި، އަދި ރޫހާނީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ)، އަޙުމަދު ސަޢީދު، އައިމިނަތު ނޫރާ، ދަރާ މުޙައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާ ފަދަ ތަޖުރިބާކާރު ފަންނާނުންނެވެ.
މި ފިލްމު އެޅުވުމުގެ ހުރިހައި ކަމެއްގައި ހަރަކާތްތެރިވަމުން އަންނަ ‘އައިލެންޑް ސިނަމާ’ގެ ޓީމުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް އަމްޖޭ ފާހަގަކުރަނީ ވަރަށް ޝުކުރުވެރިކަމާއެކު އެހާމެ އުފަލުން ކަމަށް އޭނާ ބުނެއެވެ.
