ކުލަބް މޯލްޑިވްސް ކްލެސިކް މުބާރާތުގެ 19 ވަނަ މެޗުން އެމްއީޑީޓީޓީ، އަދި 20 ވަނަ މެޗުން ވިޒިޓް މޯލްޑިވްސް މޮޅުވެއްޖެއެވެ.
މެޗު 19
ނަވާރަވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގައި ހިމެނޭ ކުލަބް ޑީޖޭއޭ އާއި އެމްއީޑީޓީޓީއެވެ. ހަތަރު ޕޮއިންޓާއިއެކު ގުރޫޕްގެ ދެވަނައިގައި ޑީޖޭއޭ އޮތްއިރު އެމްއީޑީޓީޓީ އޮތީ ޕޮއިންޓެއް ނުލިބެއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އެމްއީޑީޓީޓީ ކާމިޔާބުކުރީ ދެވަނަ ހާފުގައި އެ ޓީމުގެ އިރުފާން އާދަމް ނަސީރު ކާމިޔާބު ކޮށްދިން ލަނޑުން 1-0 އިން މޮޅުވެގެންނެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެމްއީޑީޓީޓީ ވަނީ ގުރޫޕްގެ ތިންވަނައަށް ޖެހިލާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއީޑީޓީޓީގެ ގޯލްކީޕަރ ނަސާތު ނަސީމްއެވެ.
މެޗު 20
ވިހިވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ ދެވަނައިގައި އޮތް އެމްއެމްއޭ ސްޕޯޓްސް ކްލަބާއި ގުރޫޕްގެ ފުލުގައި އޮތް ވިޒިޓް މޯލްޑިވްސްއެވެ. ފުރަތަމަ މެޗުން ބަލިވި ވިޒިޓް މޯލްޑިވްސް މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކުއެވެ. ފަނަރަވަނަ މިނެޓުގައި ވިޒިޓް މޯލްޑިވްސްއިން ލީޑު ނެގިއިރު ސޯޅަވަނަ މިނިޓްގައި އެމްއެމްއޭ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑުން އެ ލީޑު ފުޅާވިއެވެ. އަންސަރު އިބްރާހީމްގެ ދެ ލަނޑުން އެމްއެމްއޭއިން ނަތީޖާ ހަމަހަމަކުރި ފަހުން ވިޒިޓް މޯލްޑިވްސްއިން ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ. މި މެޗުގައި ވިޒިޓް މޯލްޑިވްސްއަށް ލަނޑުތައް ޖަހައިދިނީ އަޙްމަދު ޝައިން ދެ ލަނޑު، އަޙްމަދު ސާއިމް އާއި ޢަބްދުއްޝުކޫރު އަދި އިސްމާއިލް ރާއިދު ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިޒިޓް މޯލްޑިވްސްގެ އަޙްމަދު ޝައިންއެވެ.
