ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ކުއާޓާރ ފައިނަލަށް ސިލްވަރ ސޭންޑްސް އާއި އާރުސީސީ ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގެ ހަތަރު މެޗެއް ރޭ ވަނީ ކުޅެފައެވެ. ރޭ ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗަށް ބަލާލާއިރު:
ރައުންޑް އޮފް ސިކްސްޓީން މެޗު 5
ރައުންޑް އޮފް ސިކްސްޓީންގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ ސިލްވަރ ސޭންޑްސް އާއި ބަރޮސް މޯލްޑިވްސް އެވެ. މި މެޗުގައި ވާދަކުރި ސިލްވަރ ސޭންޑްސްއަކީ ގުރޫޕް ޑީގެ އެއްވަނަ ޓީމެވެ. ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ދެވަނަ ބުރުން ލިބުނު ޖާގަތަކުން ޖާގައެއް ލިބުނު ބަރޮސް މޯލްޑިވްސްއަކީ ގުރޫޕް ސީގެ ތިންވަނަ ޓީމެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ގުރޫޕްގެ އެއްވަނަ ހޯދި ސިލްވަރ ސޭންޑްސް މުބާރާތުގައި ދައްކަމުންދާ މޮޅު ކުޅުން މި މެޗުގައި ވެސް އެ ޓީމުން ވަނީ ދައްކާފައެވެ. މުބާރާތް ފަށައިގެން އައިއިރު، ވަރުގަދަ ޓީމެއްގެ ގޮތުގައި ކައުންޓްކުރި ބަރޮސް މޯލްޑިވްސްގެ ކުޅުން، ފަހުން ފާހަގަނުވި ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެ ވަރަށް ރަނގަޅު ދެ ފުރުސަތެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔައެވެ. މެޗުގެ އަށްވަނަ މިނިޓްގައި ސިލްވަރ ސޭންޑްސްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް ހާމިދެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު އޭނާއަށް ޖައްސާލުމުން، އޭރިޔާ ބޭރުގައި ހުރެ ތިރިތިރިން ވަރަށް ބާރަށް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑަށްފަހު މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ވަގުތު ރަނގަޅަށް ކުޅުނީ ސިލްވަރ ސޭންޑްސްއެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތައް ހޯދީ ވެސް އެ ޓީމުންނެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ސިލްވަރ ސޭންޑްސްއިންނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ބަރޮސްއިން ކުރަމުން އައި މަސައްކަތް ދެވަނަ ހާފު ފެށުމާއިއެކު އިތުރުކުރިއިރު، ލީޑު ދަމަހައްޓައި ނަތީޖާގެ ފަރަގު ބޮޑުކުރަން ސިލްވަރ ސޭންޑްސްއިން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ބަރޮސްއަށް ނުހިފި ދިޔައިރު، މި ހާފުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ބޭނުންކޮށް ސިލްވަރ ސޭންޑްސްއިން ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ ނާއިސް އަޙްމަދު ވަހީދެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑަށް ފަހު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.
2-0 އިން ސިލްވަރ ސޭންޑްސް މޮޅުވެ ކުއާޓާރ ފައިނަލްގެ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިބްރާހިމް ހާމިދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ހާމިދު / ފޮޓޯ: ސެކްޓާ ލީގު – އެފްބީ
ރައުންޑް އޮފް ސިކްސްޓީން މެޗު 6
ރައުންޑް އޮފް ސިކްސްޓީންގެ ހަވަނަ މެޗުގައި ބައްދަލުކުރީ އާރުސީސީ އާއި މެޑްޓެކް އެވެ. ގުރޫޕް އީގެ އެއްވަނަ ޓީމުގެ ހައިސިއްޔަތުން އާރުސީސީއަށް ދެވަނަ ބުރުގެ ފުރުސަތު ލިބުނުއިރު، މި މެޗުގައި ދެން ވާދަކުރި މެޑްޓެކްއަކީ ގުރޫޕް އީގެ ތިންވަނަ ޓީމެވެ. އެ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބިފައިވަނީ، ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކަށް ދިން ޖާގައިގެ ތެރެއިންނެވެ.
މި މެޗަކީ ރައުންޑް އޮފް ސިކްސްޓީންގައި ފެނުނު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރިކަން ބޮޑު މެޗެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ އާރުސީސީން ވަނީ ގުރޫޕް ސްޓޭޖްގައި ވެސް މެޑްޓެކް ބަލިކޮށްފައެވެ. ކުރިން މެޗުތަކުގައި އާރުސީސީން ދެއްކި މޮޅު ކުޅުން ރޭގެ މެޗުގައި ތަކުރާރު ކުރިއިރު، މެޑްޓެކުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޑްޓެކުންނެވެ. މެޗުގެ ހަތަރުވަނަ މިނިޓްގައި މެޑްޓެކްއަށް މި ލަނޑު ޖަހައިދިނީ ޢަލީ އަހްލާމެވެ. މެޑްޓެކުން ޖެހި މި ލަނޑަށް މިނިޓެއް ނުވަނީސް އާރުސީސީގެ އަޙްމަދު ސަމާހް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާރުސީސީން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. އަހްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ މުޙައްމަދު އާހިލްއެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އާރުސީސީ އެވެ. ނަތީޖާ ހަމަހަމަކުރުމަށް މެޑްޓެކުން މަސައްކަތްކުރަމުން ދިޔައިރު، އެ ޓީމުގެ ލީޑު ދަމަހައްޓައި އިތުރު ލަނޑެއް ޖެހުމަށް އާރުސީސީން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާ ހަމަހަމަކުރުމަށް މެޑްޓެކުން ކުރަމުންދިޔަ މަސައްކަތް ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކުރިއެވެ. ސުދޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހައްފާފް ސިދުގީއެވެ. ދެވަނަ ފަހަރަށް ލީޑު ނަގައި އާރުސީސީން މޮޅުވެ، ކުއާޓާރ ފައިނަލްގެ ޖާގަ ހޯދި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ޒިޔާންއެވެ.
3-2 އިން އާރުސީސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަހްސަން ރަޝާދެވެ.
