ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަނޑޮހާއި ސަމަރ ވެސް ފެށީ މޮޅަކުން
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ ފަސްވަނަ މެޗުން ސަމަރ އައިލެންޑް އައި ހަވަނަ މެޗުން ބަނޑޮސް މޮޅުވެއްޖެއެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 5

ފަސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ސަމަރ އައިލެންޑާއި ބަރޮސް މޯލްޑިވްސް އެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ ސަމަރ އައިލެންޑެވެ. މި މެޗުގެ ފަސްވަނަ މިނިޓްގައި ސަމަރ އައިލެންޑުން ލީޑު ނެގީ ޚާލިދު ރަޝީދު ޖަހައިދިން ލަނޑުން ނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރި ބަރޮސްއިން ވަނީ 17 ވަނަ މިނިޓްގައި ޢަބްދުﷲ ލަވްސަން ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ސަމަރ އައިލެންޑުން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި އިތުރު ދެ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ލަނޑު 26 ވަނަ މިނިޓްގައި އިސްމާއިލް ޒިމާމް ޖަހައިދިންއިރު ތިންވަނަ ލަނޑު ލުފްޝާން މޫސާ ޖަހާފައިވަނީ 31 ވަނަ މިނިޓްގަ އެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މިހާތަނަށް ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވާއިރު، ލަނޑުގެ ތަފާތުން މި ގުރޫޕްގެ އެއްވަނައިގައި އޮތީ ކުޑަހުރާ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަމަރ އައިލެންޑްގެ ލުފްޝާން މޫސާ އެވެ.

މިވެސް ކިޔާލަން:  ބިސްބުރު ބަލިކޮށް ވެމްކޯ އެއްވަނައިގައި ހަމަޖެހިލައިފި

މެޗު 6

ހަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ބަނޑޮސް އާއި ދަ ރިޓްޒް ކާރލްޓޮން އެވެ. ނޯތު މާލޭ ޒޯން ހޯސްޓްކުރާ ބަނޑޮހުން މި މެޗު ކާމިޔާބު ކުރީ ފަސޭހަކަމާއިއެކު 3-0 އިން ނެވެ.

މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކި ބަނޑޮހުން ވަނީ ފުރަތަމަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޝަމާލް އެވެ. ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ރިޓްޒް ކާރލްޓޮންއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ފުރަތަމަ ހާފުގައި ބަނޑޮހަށް ވެސް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވި އެވެ.

ދެވަނަ ހާފުގައި ބަނޑޮހުގެ ފަރާތުން ފެނުނީ ފުރަތަމަ ހާފުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެކެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު ދެވަނަ ހާފުގެ ފަހުކޮޅު ހަސަން މާއިދް މުޙައްމަދު ބަނޑޮހަށް އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. އަދި އެ ލަނޑަށްފަހު ރިޓްޒް ކާރލްޓޮންއަށް ހަމަޖެހި ނުލެވި އުޅެނިކޮށް އަޙްމަދު ޝަމާލް އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލި އެވެ.

މި މެޗާއިއެކު ލަނޑުގެ ތަފާތުން ބަނޑޮސް ވަނީ ގުރޫޕް ބީގެ އެއްވަނައަށް ޖެހިލާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަޙްމަދު ޝަމާލް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top