ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބާއްވާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ ތިންވަނަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯރޓްސް ކުލަބެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް، މި މެޗުގެ ފުރަތަމަ ހާފު ފެނުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ހާފެއްގެ ގޮތުގައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނިއުރޭޑިއަންޓުންނެވެ. އޮޑީގެ އޭރިޔާ ބޭރުން ނިއުރޭޑިއަންޓަށް ލިބުނު ފްރީކިކް، ވޯލްގައި ތިބި އޮޑީ ކުޅުންތެރިންގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީތަން އިބްރާހީމް ޒަކީއެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އޮޑިއަށް އެކަން ކާމިޔާބުވީ 65 ވަނަ މިނެޓްގައެވެ. ނިއުރޭޑިއަންޓްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިއަށް ޖެހިލުމަށްފަހު އޭނާ ކައިރިއަށް އައި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އޮޑިއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސައިން ޝުހާދެވެ.
މެޗުގައި ފެނުނު ދެ ލަނޑުގެ އިތުރަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިއުރޭޑިއަންޓްގެ އަޙްމަދު ހަމްދާނެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ ޖުލައި މަހުގެ އެއްވަނަ ދުވަހު ހަވީރުއެވެ. މި މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
