ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެންޕިއަންޝިޕް 2026” ގެ ފައިނަލްގެ ދެވަނަ ޖާގަ، ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ޖަޕާން ފުޓްބޯލް އެސޯސިއޭޝަންއެންޑް ރެކްރިއޭޝަން ހޯދައިފިއެވެ.
ލީގު ބުރުގެ ފަހުމެޗްގައި އިއްޔެ ހަވީރު ބައްދަލުކުރީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯރޓްސް ކުލަބެވެ. މިމެޗަށް ނުކުތްއިރު، މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ދެޓީމަށް ވެސް އޮތީ ހުޅުވިފައެވެ. މޮޅެއް ހޯދައިގެން ނޫން ގޮތަކަށް ފައިނަލްގެ ޖާގައެއް އޮޑިއަށް ލިބެން ނެތްއިރު، މެޗް އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް އޮތެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗްގައި ދެޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
މެޗް ފަށައިގެން ރަނގަޅަށް ކުޅުނު މާޒިޔާއިން ލަނޑު ޖަހާނެ ފުރުސަތުތައް ހޯދި ނަމަވެސް، އެ ހަމަލާތައް ހުއްޓުވުމުގައި އޮޑީގެ ޑިފެންޑަރުން ކުރަމުންދިޔަ މަސައްކަތް ފެނުނީ ކާމިޔާބު ކޮށެވެ. ދޭތެރެއަކުން ކުރިޔަށް ޖެހި ލަނޑު ޖެހުމަށް މަސައްކަތްކުރި އޮޑިއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. އޮޑިން ފޮނުވާލީ ބާރު ދެ ހަމަލާއެއް މާޒިޔާގެ ކީޕަރު ދިފާއުކޮށްފައި ވާއިރު، ބައެއް ހަމަލާތައް އެޓީމުގެ ޑިފެންޑަރުން ވެސް ހުއްޓުވާފައި ވެއެވެ.
މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ހާފުގެ ކުރީކޮޅު މާޒިޔާއިން ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް އޮޑީގެ ކީޕަރު ދިފާއުކޮށްފައި ވެއެވެ.
ލަނޑެއް ޖެހުމަށް އޮޑިއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ކީޕަރު ކައިރިން ނައްޓާފައި ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލި ނަމަވެސް އޮޑީގެ އެއްވެސް ކުޅުންތެރިއަކު ނެތެވެ.
ދެޓީމުން ވެސް ގިނަ ފުރުސަތުތަކެއް ހޯދައި އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފިދިޔަ މިމެޗްގައި ފެނުނު ހަމައެކަނި ގޯލް މާޒިޔާއިން ޖެހީ 89 ވަނަ މިނިޓްއެވެ. އިލާން އިމްރާން މި ލަނޑު ޖެހީ އޮޑީގެ ހާފުގެ މެދަކާއި ހިސާބުން އޭނާއަށް ލިބުނު ބޯޅަ ކައިރިއަށް އައި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިޔާތެރެއަށް ވަދެ ކީޕަރު ނުކުތުމުން ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިމެޗުން ލިބުނު ތިންޕޮއިންޓާއިއެކު މާޒިޔާއަށް ލީގުބުރުގެ އެއްވަނަ ލިބުނީ 13 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނަ ހޯދި ނިއުރޭޑިއަންޓަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ލީގުބުރުގައި މާޒިޔާއަށް ބަލިނުކުރެވުނު ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓް އެވެ.
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 17 ވަނަ ދުވަހުއެވެ.
