ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖަޕާން ކައިރިން ބްރެޒިލްއަށް ސަލާމަތްވެވުނީ ހަމަ ކިރިޔާ
ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ހިއުސްޓަންގައި މިރޭ ކުޅުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުގައި، ޖަޕާނު ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެއްޖެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލުން ކުޅުނު ނަމަވެސް، ޖަޕާންގެ ރޭވުންތެރި ޑިފެންސް ފޫއަޅުވާލުމުގައި ފުރަތަމަ 10 މިނެޓު ތެރޭގައި އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބްރެޒިލްގެ މެތިއުސް ކޫންޔާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޖަޕާންގެ ކީޕަރު ޒިއޯން ސުޒޫކީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޖަޕާނަށް ލިބުނު ކޯނަރެއް އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ފޯވާޑް އަޔާސޭ ޔުއޭޑާ ބޮލުން ފޮނުވާލި ބޯޅަ ގޯލު ދަނޑިމަތިން ބޭރަށް ދިޔަ ނަމަވެސް، ޖެހިގެން އައި މިނެޓުގައި ޖަޕާނުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގިއެވެ. މިއީ ޖަޕާންގެ ކައިޝޫ ސާނޯ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޖަޕާންގެ މި ލަނޑާއެކު ބްރެޒިލުން ކުޅުން އިތުރަށް ރަނގަޅުކުރިތަން ފެނުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ 1-0 އިން ޖަޕާން ކުރީގައި އޮވެއެވެ.

ދެވަނަ ހާފު ބަދަލުތަކަކާއެކު ފެށި ބްރެޒިލުން ފުލުފުލުގައި ހަމަލާތައް އުފައްދައި ޖަޕާންގެ ގޯލަށް ބާރުބޮޑުކުރިއިރު، ބްރެޒިލުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ޑިފެންޑަރު ގެބްރިއަލް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ވައްދާލީ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯއެވެ. އޭގެ ފަހުން ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ކީޕަރުގެ ދިފާއުކުރި ބޯޅަ ޖެހުނީ ގޯލުގެ ދަނޑީގައެވެ.

އޭގެ ފަހުންވެސް މެޗުގެ 75 ވަނަ މިނެޓުގައި ގެބްރިއަލް ޕެނަލްޓީ އޭރިއާއަށް ނަގައިދިން ހުރަހެއް ބްރެޒިލްގެ ރަޔާން ބޮލުން ފޮނުވާލި ބޯޅަ ޖަޕާން ކުޅުންތެރިއެއް ގައިގައި ޖެހިފައި ބޭރަށް ދިޔައިރު، މެޗުގެ ފުރިހަމަ މިނެޓު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާވެސް ވަނީ ޖަޕާންގެ ކުޅުންތެރިއެއް ގައިގައި ޖެހި ބޭރަށް ގޮސްފައެވެ. ބްރެޒިލް މޮޅުކޮށްދިން ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެބްރިއަލް މާޓިނެލީއެވެ.

މި މޮޅާއެކު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ގަދަ 16 ގައި ބްރެޒިލް ވާދަކުރާނީ އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top