2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނިންމާފައިވާ ބައެއް ބޭއިންސާފު ނިންމުންތަކުގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަމަށް އަމީތާބް ބައްޗަން ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން އޭނާގެ އެންމެ ފަހުގެ ބްލޮގްގައި ވަނީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ ބެހޭގޮތުން އޭނާގެ ޚިޔާލުތައް ހިއްސާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މުބާރާތުގެ ބައެއް ނިންމުންތަކުގެ ސަބަބުން އޭނާއަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ރޫހާއި، ގައުމީ ފަޚުރާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން ޒަމާނަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އޭނާ ވަނީ އަލިއަޅުވާލާފައެވެ.
އުމުރުން 83 އަހަރުގެ މި އެކްޓަރު އޭނާގެ ބްލޮގް ފަށަމުން ލިޔެފައިވާ ގޮތުގައި، ވޯލްޑް ކަޕްގެ ސަބަބުން ވަގުތުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، ދިރިއުޅުމުގެ އާންމު ތަރުތީބަށް ވަނީ އަސަރުކޮށްފައެވެ. މުބާރާތުގައި ބައެއް ގައުމުތަކަށް އިންސާފުން ބޭރުން ނިންމުންތައް ނިންމަމުންދާކަން ފާހަގަކޮށް އޭނާ ވަނީ އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ. އަދި ދުވަހަކުވެސް ވޯލްޑް ކަޕްގައި މިފަދަ ހަރުފަތަކަށް ދާނެ ކަމަށް އުންމީދު ނުކުރާ ކުދި ގައުމުތަކުން ދައްކަމުންދާ ހިތްވަރާއި މޮޅު ކުޅުމަށް އޭނާ ތައުރީފުކުރިއެވެ.
“ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ގައުމުތައް ބަލިވެގެން މުބާރާތުން ވަކިވާން ޖެހުމަކީ ހައިރާންކުރުވަނިވި ކަމެއް. ނަމަވެސް، ދުވަހަކުވެސް އުންމީދު ނުކުރާ ގައުމުތަކުން ދައްކަމުންދާ ވަރުގަދަ ކުޅުމާއި އެ ގައުމުތަކަށް ލިބެމުންދާ މަގުބޫލުކަމުން އުފާވޭ. ‘އެންމެ މޮޅު ޓީމު މޮޅުވާށޭ’ ބުނި ކަމުގައިވިޔަސް، މެޗުގެ ނަތީޖާ ނުކުންނަންދެން އެންމެ މޮޅު ޓީމަކީ ކޮބައިކަމެއް ނޭނގޭނެ،” އޭނާ އިތުރަށް ލިޔެފައިވެއެވެ.
އަމީތާބް ފާހަގަކުރި ގޮތުގައި، ގައުމީ ޓީމުތަކަށް ކުޅޭ ގިނަ ކުޅުންތެރިންނަކީ އެކި ކްލަބްތަކުގައި އެކުގައި ކުޅެފައިވާ، އެކަކު އަނެކަކުގެ ކުޅުމުގެ ވައްޓަފާޅި ރަނގަޅަށް ދަންނަ ކުޅުންތެރިންނެވެ. ދަނޑުން ބޭރުގައި އެކުވެރިންގެ ގޮތުގައި ތިބި ނަމަވެސް، ގައުމީ ޖާޒީގައި ނުކުންނައިރު އެ ކުޅުންތެރިން ބަދަލުވަނީ ވަރުގަދަ ވާދަވެރިންނަށެވެ. މިކަން އޭނާ މިސާލު ޖެއްސެވީ އައި.ޕީ.އެލް އާއެވެ. އެކި ފްރެންޗައިޒްތަކަށް ކުޅޭ ކުޅުންތެރިން ގައުމީ ޓީމަށް ނުކުންނައިރު އެއް ރޫހެއްގައި މަސައްކަތްކުރުމަކީ ވަރުގަދަ ސަޚްސިއްޔަތެއްގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ދުނިޔެ ހަލުވިކަމާއެކު ރަނގަޅު މިސްރާބަކަށް ބަދަލުވަމުންދާކަން ފާހަގަކުރަމުން އޭނާ ބުނީ، އާ ޖީލުގެ ކުދިންނަކީ މިފަދަ ކުރިއެރުންތައް ފެނުމުގެ ނަސީބު ލިބިފައިވާ ބައެއް ކަމަށެވެ. ކުރީގެ ޖީލުތަކަށް މިފަދަ ފުރުސަތުތައް ނުލިބުނު ކަމުގައިވިޔަސް، އަންނަން އޮތް ޖީލުތަކަށް އުފާވެރި މުސްތަގުބަލެއް އޮތުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގެ ފަހުގެ މެޗުތަކަށް ބަލާއިރު، އާޖެންޓީނާއިން ދައްކަމުންދާ ކުޅުމާ މެދު ވަނީ ސުވާލުތައް އުފެދިފައެވެ. ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ގައުމުގެ އެއް ކުޅުންތެރިއަކު މަދުކޮށް އެއް ގަޑިއިރު ވަންދެން ކުޅުނު ނަމަވެސް، އާޖެންޓީނާއަށް މެޗު ކާމިޔާބު ކުރެވުނީ އިތުރު ވަގުތުގެ ތެރޭގައެވެ. ޖޫލިއަން އަލްވަރޭޒް އަދި ލައުޓާރޯ މާޓިނޭޒްގެ ލަނޑުތަކުން އާޖެންޓީނާ މޮޅުވި ނަމަވެސް، އެ ގައުމުގެ ދިފާއީ ރޭވުންތަކުގައި ހުރި ބަލިކަށިކަން ސްވިޒަލޭންޑުން ވަނީ ވަރަށް ބޮޑަށް ހާމަކޮށްދީފައެވެ.
އަމީތާބް ބައްޗަންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާ މިހާރު މަޝްއޫލުވެ އުޅެނީ އޭނާގެ ފިލްމު “ކަލްކީ 2898 އޭޑީ” ގެ ސީކުއަލްގެ މަސައްކަތުގައެވެ.
